ENGLISH
21 އޭޕްރީލު 2025
ރަމަޟާން މަހުގެ ފެންބިލުން ކޮންމެ ކަސްޓަމަރަކަށް ވެސް މަދުވެގެން 10 އިންސައްތައިގެ ޑިސްކައުންޓެއް!
02 މާރިޗު 2025
|
އެމް.ޑަބްލިއު.އެސް.ސީ ފެން ބިލްޑިންގ-- ފޮޓޯ: އެމްއެމްޓީވީ
މި ރަމަޟާން މަހުގެ ފެން ބިލު ފޮނުވާއިރު ކޮންމެ ކަސްޓަމަރަކަށް ވެސް މަދުވެގެން 10 އިންސައްތައިގެ ޑިސްކައުންޓެއް ލިބޭނެ ކަމަށް އެމްޑަބްލިއުއެސްސީގެ މެނެޖިންގ ޑިރެކްޓަރު އަބްދުލް މަތީން މުހައްމަދު ވިދާޅުވެއްޖެއެވެ.
އެމްއެމްޓީވީގެ 'ބޮޑު ޚަބަރު' ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މަތީން ވިދާޅުވީ ރަމަޟާން މަހު ފެން ބޭނުންކުރާ ގޮތަށް އަދި ނަރުދަމާ ނިޒާމު ބޭނުންކުރާ ގޮތަށް ބޮޑެތި ބަދަލުތަކެއް އަންނަ ކަމަށެވެ.
އެހެންކަމުން އެމްޑަބްލިއުއެސްސީން މަސައްކަތް ކުރަމުންދާނީ މިހާރު ހުރި ވަސީލަތްތަކުގެ ބޭނުންހިފައި ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ދަތިތަކެއް ކުރިމަތި ނުވާނެ ގޮތަށް ކަމަށެވެ.
ރަމަޟާން މަހާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އަޅުއްވާފައިވާ އެންމެ މުހިއްމު އެއް ފިޔަވަޅަކީ އެހެން މަސްމަހަށް ވުރެ ރަމަޟާން މަހުގެ ފެންބިލު ބޮޑު ނުވާނެފަދަ ގޮތަކަށް ބިލު ކުރުމަށް އެޅުއްވި ފިޔަވަޅުކަން ފާހަގަކުރައްވާ މަތީން ވިދާޅުވީ އެމްޑަބްލިއުއެސްސީގެ ބިލުތައް ވެސް އާންމު މަސްމަހަށް ވުރެ ބޮޑު ނުވާނެ ގޮތަށް ޑިސްކައުންޓް ދިނުމަށް ކުންފުނީގެ ބޯޑުން ނިންމާފައިވާ ކަމަށެވެ.
"އާންމު މަސްތައް ގޮތުގައި މި ބަލަނީ 2024 ވަނަ އަހަރުގެ ފެބްރުއަރީ މާޗު އަދި އޭޕްރީލް މަސް ނުހިމަނާ ދެން ބާކީ ނުވަ މަހުގެ އެވްރެޖް. ދެން ރަމަޟާން މަހުގެ ބިލު މި ފޮނުވެނީ އޭޕްރީލް މަހުގެ ތެރޭގަ. އެހެންވީމަ އަޅުގަނޑުމެން އޭޕްރީލް މަހު ކަސްޓަމަރުންނަށް އެ ފޮނުވާ ބިލަކީ އާންމު މަހަށްވުރެ ބޮޑު ބިލެއް ކަމުގައިވާ ނަމަ އެ ބޮޑުވާ މިންވަރެއް އުނިކުރެވޭނެ. ކޮންމެ ކަސްޓަމަރަކަށް ވެސް ކުޑަމިނުން 10 އިންސައްތައިގެ ޑިސްކައުންޓެއް ލިބޭނެ. އޭގެއިތުރުން އިތުރުވާ އެއްޗެއް އެއްކޮށް ހަމަ އުނިވެގެންދާނެ. " - އެމްޑަބްލިއުއެސްސީގެ މެނެޖިންގް ޑިރެކްޓަރު އަބްދުލް މަތީން މުހައްމަދު
އޭޕްރިލް މަހު އަލަށް ބިލުކުރެވޭ މީޓަރުތަކަށާއި ކުރިން ރެޖިސްޓަރ ކުރެވިފައިވީ ނަމަވެސް މިހާތަނަށް ބިލުކުރެވިފައި ނުވާ ކަސްޓަމަރުންނަށް ފޮނުވާ ފުރަތަމަ ބިލަކީ 2025 އޭޕްރީލް މަހު ފޮނުވާ ބިލު ކަމުގައި ވާނަމަ އެފަދަ ފަރާތްތަކަށް ވެސް އޭޕްރީލް މަހު ފޮނުވާ ބިލުން 10 އިންސައްތަ ޑިސްކައުންޓު ދެވޭނެއެވެ.
ޑިސްކައުންޓު ދެވޭ އުސޫލުތަކާ ބެހޭގޮތުން އިތުރު މައުލޫމާތެއް ބޭނުންފުޅުނަމަ އެމް.ޑަބްލިއު.އެސް.ސީ ކަސްޓަމަރ ކެއަރ ހޮޓްލައިން 105 އަށް ގުޅުއްވުމަށް ނުވަތަ 1050 އަށް އެސްއެމްއެސް ފޮނުއްވުމަށް ނުވަތަ [email protected] އަށް މެއިލް ކުރެއްވުމަށް އެމް.ޑަބްލިއު.އެސް.ސީ އިން ވަނީ އެދިފައެވެ.