ENGLISH
21 އޭޕްރީލު 2025
ރޭގެ ވިއްސާރައިގަ ނިލަންދޫގެ ނަރުދަމާއަށް ގެއްލުންވި
02 މާރިޗު 2025
|
ފ.ނިލަންދޫއަށް ރޭ ވިއްސާރާގައި ބޮޑެތޮި ގެއްލުންތަކެއް ލިބުނު، ފޮޓޯ: މިހާރު
ރޭ އިރުއޮއްސުނު ވަގުތުން ފެށިގެން މެދު ރާއްޖެ ތެރޭގެ ބޮޑު ބަޔަކަށް ކުރި ގަދަ ވިއްސާރައިގަ ފ.ނިލަންދޫ ނަރުދަމާ ނިޒާމުގެ ޕަމްޕުތައް ހަލާކުވެ، ރަށު ތެރެއަށް ނިޖިސް ލީކުވެފައިވާކަމަށް އެ ރަށު ކައުންސިލުން ބުނެފިއެވެ.
އެ ރަށު ކައުންސިލުގެ ރައީސް އަލީ އަހްމަދު "އެމްއެމްޓީވީ"އަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައި ވިދާޅުވެފައިވަނީ، އިއްޔެ މެންދުރު 11:00 އިން ފެށިގެން މިއަދު ހެނދުނު 8:00 އާ ހަމައަށް މެދުކެނޑުމެއް ނެތި ވިއްސާރަވެ، ވާރޭ ވެހުމުގެ ސަބަބުން ރަށުގެ ބޮޑު ބައެއްގަައި ފެން ބޮޑުވި ކަމަށެވެ. ހާއްސަކޮށް އެރަށުގެ ހުޅަނގު ފަރާތުގައި ދިރިއުޅޭ މީހުންނަށް ދިރިއުޅެން ދަތިވާ މިންވަރަށް އެ ސަރަހައްދުގައި ފެންބޮޑުވެ ގެދޮރަށް ފެން ވަަދެފައިވާ ކަމަށް ވިދާޅުވިއެވެ.
އިތުރަށް އަލީ ވިދާޅުވީ އެންމެ ބޮޑު ދައްޗެއްގެ ގޮތުގައި އެ ރަށުގެ ރައްޔިތުންނަށް ކުރިމަތިވިކަމަކީ އެ ރަށުގެ ނަރުދަމާގައި ބޭނުންކުރާ ޕަމްޕުތައް ހުއްޓި، ޕަމްޕު ސްޓޭޝަންތަކަށް ނަޖިސް ދަމައިނުގަނެވި ރަށު ތެރެއަށް ނަޖިސް ލީކުވުން ކަމަށެވެ. އަދި އެ މައްސަލައަށް އަދިވެސް ހައްލެއް ހޯދިފައިނުވާކަން އޭނާ ފާހަގަކުރެއްވިއެވެ.
"ރޭ 12 އިން ފެށިގެން މިރަށުގެ ނަރުދަމާގެ ޕަމްޕުތައް ފެއިލްވެގެން ޕަަމްޕް ސްޓޭޝަންތަކަށް ނަޖިސް ނުދަމާތީ މުޅި ރަށުތެރެއަށް އަރައި، ގޭގޭގައި ފާހާނާކުރަން ދަތިވި. އަދިވެސް އެ މައްސަލައަށް މުޅިއަކުން ހައްލެއް ނުވޭ،" ނިލަންދޫ ކައުންސިލުގެ ރައީސް ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ ރޭގެ ވިއްސާރާގައި އެ ރަށުގެ ގެތަކަށް ލިބުނު ގެއްލުން ބެލުމަށް ރަށު ކައުންސިލަށް އަދި ގެތަކަށް ނުދެވޭ ކަމަށެވެ. މިވަގުތު ކުރަމުންދާ މަސައްކަތަކީ ރަށުގެ އެކި ސަރަހައްދުގައި ކޯރު ކޮނެގެން ރަށުގައި ޖަމާވެފައި އޮތް ފެންގަނޑު ރަށުން ބޭރުކުރުމުގެ މަސައްކަތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ރޭ ވާރޭ ވެހެމުންދިޔައިރު ކައުންސިލުގެ މުވައްޒަފުންނާއި އެރަށުގެ ފުލުހުންނާއި މިވަގުތު އެ ރަށުގައި ތިބި އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސްގެ މުވައްޒަފުންގެ އެހީތެރިކަމާއެކު ރަށު ރައްޔިތުންގެ ގެދޮރާއި މުދާ ހިމާޔަތްކުރުމަށް މަސައްކަތްތަކެއް ކުރެވުނުކަން އަލީ ފާހަގަކުރެއްވިއެވެ.
ރޭ ބައެއްގެ ގެތަކަށް 4 އިންޗިއާއި ފަސް އިންޗިއާ ދެމެދަށް ފެން ވަދެފައިވާކަން ފާހަަގަކުރައްވަމުން އަލީ ވިދާޅުވީ މިފަދަ ކާރިސާތަކުގައި ރަށުގެ ރައްޔިތުންނަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށް މަސައްކަތްތަކެއް ކައުންސިލުން ކުރާ ކަމަށެވެ.
ނިލަންދޫގެ ނަރުދަމާގެ ނިޒާމަށް މެދުވެރިވެފައިވާ މައްސަލަ ފާހަގަކުރައްވައި ކައުންސިލުގެ ރައީސް ސަރުކާރުގެ ކިބައިން އެދިވަޑައިގެންފައިވަނީ ވީހާވެސް އަވަހަކަށް އެ މައްސަލަ ހައްލުކޮށްދެއްވުމެވެ.