ENGLISH

21 އޭޕްރީލު 2025

Advertisement

މިހާތަނަށް 16911 ޓަނުގެ ފެން ހިންދާފައިވޭ: އެމްއެންޑީއެފް

02 މާރިޗު 2025

|

އިސްމާއީލް ރާތިއު

މާލޭގަ ފެންބޮޑުވި ސަރަހައްދަކުން ފެން ހިންދާފައި-- ފޮޓޯ: އެމްއެންޑީއެފް

އިއްޔެ މާލެއަށްކުރި ވިއްސާރައާއި ގުޅިގެން 16,991 ޓަނުގެ ފެން ހިންދާފައިވާ ކަމަށާއި، މާލެ ސިޓީގައި ފެންބޮޑުވި ސަރަހައްދުތައް އާންމު ހާލަތަށް ގެނެވިފައިވާތީ ފެން ހިންދުން ވަގުތީ ގޮތުން މެދުކަނޑާލާފައި ވާކަމަށް ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރު (އެމްއެންޑީއެފް) އިން ބުނެފިއެވެ.

އެމްއެންޑީއެފް އިން ބުނީ މާލޭގެ ފަސް ސަރަހައްދެއްގައި 13 ޕަންޕު ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތް ސިފައިން ކޮށްފައިވާ ކަމަށާއި މާލޭގެ 131 ގެއަކަށް އެހީތެރިކަން ފޯރުކޮށްދީ، 976 ވެލިބަސްތާ ޖަހައިދީފައިވާ ކަމަށެވެ. މާލޭގެ އިތުރުން  ކ.ހުރާ، ކ.ގުރައިދޫ، ކ.ހިންމަފުށި، ކ.ތުލުސްދޫ ކ.މާފުށި، އދ.މާމިގިލީގައިވެސް ފެން ހިންދުމުގެ މަސައްކަތުގައި ސިފައިން ހަރަކާތްތެރިވި ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

އިއްޔެ ހަވީރުން ފެށިގެން މާލެއަށް ކުރަމުންދިޔަ ގަދަ ވިއްސާރައާ ގުޅިގެން ދިވެހިރާއްޖޭގެ މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ 21:00-01:00 އަށް ކ އަތޮޅުން މ އަތޮޅާ ހަމައަށް ރީނދޫ ސަމާލު ނެރެފައެވެ. އަދި އެއަށްފަހު 21:45-00:00 އަށް ބ އަތޮޅުން ދ އަތޮޅަށް އޮރެންޖު އިންޒާރު ނެރުމަށްފަހު 00:00-03:00 އަށް އިންޒާރު އިތުރުކުރުމަށްފަހު 07:00 ގެ ނިޔަލަށް އިންޒާރުގެ މުއްދަތު އަލުން އިތުރުކޮށްފައިވެއެވެ. އޭގެފަހުން 07:00-11:00 ރީނދޫ ސަމާލު ނެރެފައިވާއިރު މިހާރު ވަނީ 12:30-17:30 އަށް ހުދު ސަމާލު ނެރެފައެވެ.

ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްޔެ ބޯކޮށް ވިއްސާރަކޮށް އެކިވަރުގެ ގެއްލުން ލިބިފައިވާތީއާއި މިއަދުވެސް ވިއްސާރަކުރާނެ ކަމަށް ލަފާކުރާތީ، މިއަދަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވަނީ ކަނޑައަޅުއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު