ENGLISH
21 އޭޕްރީލު 2025
ވިއްސާރައިގެ ސަބަބުން މިއަދަކީ ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ނިންމަވައިފި
02 މާރިޗު 2025
|
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، ފޮޓޯ: ރައީސް އޮފީސް
ރޭ އިރާކޮޅުން ފެށިގެން މެދުކެނޑުމެއް ނެތި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވިއްސާރަކުރަމުންދާތީ މިއަދަކީ ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވައިފިއެވެ.
ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރަމުންދާއިރު މެދުރާއްޖެ ތެރޭގެ ބޮޑު ސަރަހައްދަކަށް ގަދައަށް ވިއްސާރަވެ ބޯކޮށް ވާރޭވެހި ފެންބޮޑުވާނެ ކަމުގައި ލަފާކޮށް، މޫސުމާ ބެހޭ ގައުމީ އިދާރާއިންވަނީ ބ.އަތޮޅުން ފެށިގެން ދ.އަތޮޅުގެ ނިޔަލަށް ހުރި އަތޮޅުތަކަށް އޮރެންޖު ސަމާލު ނެރެފައެވެ.
ރޭ އިރުއޮއްސުމަށްފަހު ވެހެން ފެށި ބޯ ވިއްސާރައާ ގުޅިގެން އެންމެ ފުރަތަމަ އޮރެންޖު ސަމާލު ނެރުނީ 9:45 އިން ފެށިގެން ރޭ މެންދަމު 12:00 އާ ހަމައަށެވެ. އޭގެ ފަހުން މެންދަމު 12:00 އިން ފެށިގެން 3:00 އާ ހަމައަށް އެ ސަމާލު ދެމެހެއްޓުމަށްފަހު، 3:00 އިން ފެށިގެން ހެނދުނު 7:00 އާ ހަމައަށް އޮރެންޖު ސަމާލު ނެރެފައިވެއެވެ.
ހުއްޓުމެއް ނެތި ބޯކޮށް ވިއްސާރަކޮށް ފެންބޮޑުވާނެ ކަމުގައި ލަފާކުރެވޭތީ އޮރެންޖު ސަމާލު ނެރުނީ ބ.އަތޮޅުން ފެށިގެން ދ.އަތޮޅާ ހަމައަށް ހުރި ރަށްތަކަށެވެ. އެ ދެމެދުގައި ހިމެނޭ އަތޮޅުތަކަކީ؛ ބ.، ކ.، އއ.، އދ.، ވ.، މ.، ފ.، އދި ދ. އަތޮޅެވެ.
މިކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވެފައިވަނީ މެދުނުކެނޑި ބޯކޮށް ވާރޭވެހި އަދި ބައެއް ސަރަހައްދތަކުގައި ފެންބޮޑުވެ އެކަމުގެ ސަބަބުން ވަރަށް ގިނަ ރައްޔިތުންނަށް ދަތިވެ، ގިނަގުނަ ތަކުލީފުތައް ތަހައްމަލުކުރަންޖެހިފައިވާތީ، މާރިޗު 2، 2025 ވަނ ދުވަހަކީ ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައެޅުއްވުމަށް ރައީސް ޑރ.މުޢިއްޒު ނިންމަވާފައިވާ ކަމަށެވެ.
މާލޭގައި ފެންބޮޑުވެފައިވާއިރު، މާލެ ކައިރިން ކ.ހުރައާއި ކ.ގުރައިދޫގައިވެސް ފެންބޮޑުވެފައިވެއެވެ. އަދި ގައުމީ ދިފާއީ ބާރުންވަނީ އެ ދެ ރަށުގައިވެސް ފެން ހިންދުމުގެ މަސައްކަތް ރެއިން ފެށިގެން ކުރިއަށްގެންގޮސްފައެވެ.