ENGLISH
21 އޭޕްރީލު 2025
އޮރެންޖު ސަމާލުގެ މުހުލަތު ހެނދުނު 7:00އާ ހަމައަށް އިތުރުކޮށްފި
02 މާރިޗު 2025
|
ގަދަ ވިއްސާރައިގެ ސަބަބުން މާލޭގެ މަގެއްގައި ފެންބޮޑުވެ ވެލިބަސްތާ ޖަހާފައި، ފޮޓޯ: އެމްއެންޑީއެފް
ރޭ މޫސުމާ ބެހޭ ޤައުމީ އިދާރާއިން 21:45 އިން ފެށިގެން ނެރުނު އޮރެންޖު ސަމާލުގެ މުހުލަތު ދެވަނަ ފަހަރަށް އިތުރުކޮށް، މިއަދު ހެނދުނު 7:00 އާ ހަމައަށް ދަމަހައްޓައިފިއެވެ.
ރޭ އިރުއޮއްސުމަށްފަހު ވެހެން ފެށި ބޯ ވިއްސާރައާ ގުޅިގެން އެންމެ ފުރަތަމަ އޮރެންޖު ސަމާލު ނެރުނީ 9:45 އިން ފެށިގެން ރޭ މެންދަމު 12:00 އާ ހަމައަށެވެ. އޭގެ ފަހުން މެންދަމު 12:00 އިން ފެށިގެން 3:00 އާ ހަމައަށް އެ ސަމާލު ދެމެހެއްޓުމަށްފަހު، 3:00 އިން ފެށިގެން ހެނދުނު 7:00 އާ ހަމައަށް އޮރެންޖު ސަމާލު ނެރެފައިވެއެވެ.
ހުއްޓުމެއް ނެތި ބޯކޮށް ވިއްސާރަކޮށް ފެންބޮޑުވާނެ ކަމުގައި ލަފާކުރެވޭތީ އޮރެންޖު ސަމާލު ނެރުނީ ބ.އަތޮޅުން ފެށިގެން ދ.އަތޮޅާ ހަމައަށް ހުރި ރަށްތަކަށެވެ. އެ ދެމެދުގައި ހިމެނޭ އަތޮޅުތަކަކީ؛ ބ.، ކ.، އއ.، އދ.، ވ.، މ.، ފ.، އދި ދ. އަތޮޅެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާގެ އެސިސްޓެންޓް މީޓިއޮރޮލޮޖިސްޓް ހުސައިން ވަހީދު "އެމްއެމްޓީވީ"އަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައި ވިދާޅުވެފައިވަނީ މިރޭ 3:00 އާ ހަމައަށް ބ.އަތޮޅުން ފެށިގެން ދ.އަތޮޅާ ދެމެދުގައި ހުރި ރަށްތަކަށް ބޯކޮށް ވާރޭވެހޭނެކަމަށް ބެލެވޭ ކަމަށެވެ. މޫސުމާ ބެހޭ ޤައުމީ އިދާރާއިންވަނީ މެންދަމު 12:00 އިން ފެށިގެން 3:00 އާ ހަމައަށް މި ސަރަހައްދަށް އޮރެންޖު ސަމާލު ނެރެފައެވެ.
ހުސައިން ވަހީދު އިތުރަށް ވިދާޅުވީ ފާއިތުވި މުއްދަތުގައި ވާރޭ ވެހުނު މިންވަރަށް ބަލާއިރު މިއަދު ހެނދުނު 8:00 އިން ފެށިގެން ރޭގަނޑު 11:00 އާ ހަމައަށް ހުޅުމާލެއަށް 124 މިލލީޓަރުގެ ވާރޭ ވެހިފައިވާ ކަމަށެވެ. އަދި ހުޅުލެއަށް 89 މިލިލީޓަރުގެ ވާރޭ ވެހިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
އަދި މާލޭ ކައިރިން ބައެއް ރަށްރަށަށް ވަރަށް ގިނަަ އަދަދަކަށް ވާރޭ ވެހިފައިވާކަން ފާހަގަކުރައްވަމުން ވަހީދު ވިދާޅުވީ ކ.ދިއްފުއްޓަށް ހަ ގަޑިއިރު ތެރޭ 170 މިލިލީޓަރުގެ ވާރޭ ވެހިފައިވާ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި އާދީއްތަ ދުވަހުގެ މެންދުރާ ހަމައަށްވެސް ވިއްސާރަކުރުމުގެ އިހުތިމާލު އެބައޮތެވެ. އަދި މުޅިން ވިއްސާރަ އަލިވާނީ ހޯމަދުވަހު ކަމަށްވެސް ވަހީދު ވިދާޅުވިއެވެ.