ENGLISH
21 އޭޕްރީލު 2025
ބޯ ވިއްސާރައިގެ ތެރޭ ފުލުހުންނާއި ސިފައިން ދެއްކީ ގައުމީ ޚިދުމަތުގެ ލާމަސީލު ނަމޫނާ
01 މާރިޗު 2025
|
ގެއަކަށް ފެން ވަނުން ހުއްޓުވަން ވެލި ބަސްތާ ޖެހުމުގައި ފުލުހުން ހަރަކާތްތެރިވަނީ، ފޮޓޯ: ފުލުހުން
މިރޭ އިރުއޮއްސުނު ވަގުތުން ފެށިގެން މާލެ ހިމެނޭހެން ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ކުރަމުންދާ ގަދަ ވިއްސާރައިގެ ތެރޭ، ރައްޔިތުންނާއި އެ ރައްޔިތުންގެ މުދާ ރައްކާތެރިކޮށްދީ ހިމާޔަތްކޮށްދިނުމުގައި ސަލާމަތީ ހިދުމަތްތަކުން ދައްކަމުން އަންނަ ނަމޫނާއަށް ގިނަ ބައެއް ތާރީފު ލިބެމުން އެބަދެއެވެ.
މެދުކެނޑުމެއް ނެތި މާލޭ ސަރަހައްދަށް އެތައް ގަޑިއިރަކު ބޯކޮށް ވާރޭވެހެން ފެށުމާއެކު، މާލޭގެ ވަރަށް ގިނަ މަގުތަކުގައި ފެން ބޮޑުވިއެވެ. ބައެއް ގެތަކަށް ފެން ވަންނަން ފެށިއެވެ. އެއީ މާލެ ތޮއްޖެހެމުން އައިއިރު ތަކުރާރުކޮށް އެކި ސަރުކާރުތަކުން މާލޭގެ މަގުތައް، އިތުރުވަމުން އައި އާބާދީއާ އެކަށޭނެ މިންވަރަށް ތަރައްގީކޮށްފަައި ނެތުމުގެ ނަތީޖާއެވެ.
މިރޭވެސް ވިއްސާރައިގެ ސަބަބުން ގެދޮރަށް ފެން ވަދެ ގިނަ ބަޔަކަށް އެކަމުގެ ބޮޑެތި ތަކުލީފުތަކެއް ތަހައްމަލުކުރަންޖެހުނެވެ. އެ ތަކުލީފުތައް ކުޑަކޮށްދީ، ރައްޔިތުންނަށް ލިބޭ ގެއްލުން ވީހާވެސް ކުޑަކުރުމަށް ވެހެމުންދާ ވާރޭގައި ގަދަ ހިތްވަރާއެކު މަސައްކަތްކުރަން ނުކުތީ މި ގައުމުގެ ފަހުރުކަމަށްވާ ދިވެހި ސިފައިންނާއި ފުލުހުންނެވެ. އެހެނިހެން އިދާރާތަކާއި ދައުލަތުގެ ކުންފުނިތަކުންވެސް މި މަސައްކަތުގައި ޝާމިލުވި ނަމަވެސް އެންމެ އިސްސަފުގައި ތިބީ ސިފައިންނާއި ފުލުހުންނެވެ.
ވާރޭ ވެހި މަގުތަކުގައި ފެންބޮޑުވާން ފެށުމާއެކު، އެންމެ ބޮޑަށް ފެންބޮޑުވާ ސަރަހައްދުތަކުގައި ޕަމްޕު ބަހައްޓައިގެން މަގުތަކުން ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފުން ފެށިއެވެ. އަދި އެ މަސައްތަކުގައި ފުލުހުންގެ ހިދުމަތުން ބައިވެރިވިއެވެ.
ފެން ވަންނަ ގެތަކާއި ފިހާރަތައް ކައިރީ ގަދަަ ވިއްސާރާގައި ފުލުހުންނާއި ސިފައިން ކުރަމުން އައި އަނެއް މަސައްކަތަކީ ފެން ވަދެގެން އެތަންތަނަށާއި، ދިވެހި ރައްޔިތުންގެ މުދަލަށް ލިބޭ ގެއްލުން ކުޑަކުރުމަށްޓަކައި ވެލިބަސްތާ ޖަހައި، ތަންތަނަށް ފެންނަ ވަނަނުދީ ހިފަހެއްޓުމަށް އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމެވެ.
މި މަސައްކަތުގައި ފުލުހުންނާއި ސިފައިން މަޝްޣޫލުވެގެން އުޅުނުއިރު، އެހެނިހެން ގޮތްގަޮތުން އެހީތެރިކަން ބޭނުންވެފައި ތިބި އާންމުންނަށް އެ އެހީތެރިކަން ފޯރުކޮށްދިނުމުގައިވެސް ވަރުބަލިކަމެއް ނެތި މަސައްކަތްކުރަމުން އަންނަނީ ފުލުހުންނާއި ސިފައިންގެ ބޭކަލުންނެވެ.
ވިއްސާރަވުމުން މާލޭގައި ދަތުރުފަތުރު ހުއްޓެއެވެ. ހާއްސަކޮށް ޓެކްސީއެއް ހޯދުން އޮންނީ ގާތްގަނޑަކަށް މުސްތަހީލު ކަމަކަށް ވެފައެވެ. މަގުތަކުގައި ތާށިވެ، ވިއްސާރައިގެ ސަބަބުން އެއްވެސް ތަނަކަށް ނުދެވި މަގުމަތިވެފައި ތިބި އެތައް ރައްޔިތުން އެމީހުންގެ ގެދޮރާ ހަމައަށް ގެންގޮސްދެނީ ދިވެހި ފުލުހުންނާއި ސިފައިންގެ ވެހިކަލުތަކުގައެވެ.
އައިޖީއެމްއެޗް ހޮސްޕިޓާ ކައިރީ ދާން ބޭނުންވާ ތަންތަނަށް ނުދެވި ތާށިވެފައި ތިބި ރައްޔިތުން، އެމީހުން ދާން ބޭނުންވާ ތަންތަނަށް މިރޭވެސް ގެންގޮސްދިނީ ފުލުހުންނެވެ. މާލޭގެ އެކި ސަރަހައްދުތަކުގައި ތާށިވެފައި ތިބި އެތައް ބައެއް ސިފައިންގެ އުޅަނދުފަހަރުގައި އެބަޔަކު ބޭނުންވާ ތަންތަނަށް ގެންގޮސްދެމުންދެއެވެ.
މާލޭގެ މަގުތައް ޒާމާނީ ފެންވަރަށް ތަރައްގީކުރެވިގެން ދިއުމުން މާތްﷲގެ އިރާދަފުޅާއެކު މާލޭގެ މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލައަށް އެކަށީގެންވާ ދާއިމީ ހައްލެއް ލިބޭނެއެވެ. އެ ބޮޑު ބިޔަ މަޝްރޫއު ނިމުމާ ހަމައަށްވެސް ގުދުރަތުގެ ނިޔާއިން މި މާލޭ ރައްޔިތުންނަށް އަދި ޖުމްލަކޮށް ދިވެހި ރައްޔިތުންނަށް ކުރިމަތިވާ މިފަދަ ކޮންމެ ދައްޗަކާއި ތުރާލެއްގައި، އެ ތުރާލެއް ލުއިކޮށްދެވެން އޮތް ކޮންމެ ގޮތަކުން ލުއިކޮށްދިނުމަށް އަތުކުރި އޮޅާލައިގެން ނުކުންނަ ދިވެހި ސިފައިންނާއި ފުލުހުންނަށް މިވަގުތުވެސް ދިވެހީންގެ ހިތްތަކުގެ އަޑިން ވެދުމާއި ސަލާމެވެ. އަތް އުފުލައި އިހުތިރާމާއެކު ކުރުނީސް ކުރަމެވެ.