ENGLISH

21 އޭޕްރީލު 2025

Advertisement

ގަދަ ވިއްސާރަ؛ ފެން ވަންނަ ގޭގެއަށް ޑިޒާސްޓާ މެނޭޖްމެންޓުން އެހީތެރިވަނީ

01 މާރިޗު 2025

|

ޝިފްޒާން އަޙްމަދު

މާލޭގެ މަގުމަތީގައި ބޮޑުވެފައިވާ ފެންގަނޑު ހިންދުމުގެ މަސައްކަތްކުރަނީ، ފޮޓޯ: އެމްއެންޑީއެފް

މިރޭ އިރުއޮއްސުމާ ހަމައިން ފެށިގެން މާލޭ ސަރަހައްދު ހިމެނޭހެން މެދުރާއްޖެ ތެރޭގެ ބޮޑު ބަޔަކަށް ކުރަމުންދާ ގަދަ ވިއްސާރައިގެ ސަބަބުން ފެން ބޮޑުވެފައިވާ ސަރަހައްދުތަކުގައި ގޭގެއަށް ފެން ވަންނަމުންދާތީ އެހީތެރިކަން ފޯރުކޮށްދޭން ނޭޝަނަލް ޑިޒާސްޓާ މެނޭޖުމެންޓު އޮތޯރިޓީ (އެންޑީއެމްއޭ)އިން ފަށައިފިއެވެ. 

އެންޑީއެމްއޭއިން އެކްސްގައި ކުޑަ ހިނދުކޮޅެއް ކުރިން ޝާއިއުކުރި ޕޯސްޓެއްގަައި ބުނެފައިވަނީ މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި މާލެއަށާއި އަތޮޅު ތެރޭގެ ގިނަ ރަށްތަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެފައިވާ ކަމަަށެވެ. ވިއްސާރައާ ގުޅިގެން މޫސުމާ ބެހޭ ގައުމީ އިދާރާއިންވަނީ ބ.އަތޮޅުން ފެށިގެން ދ.އަތޮޅާ ހަމައަށް އޮރެންޖު ސަމާލު ނެރެފައެވެ. 

އެންޑީއެމްއޭއިން އިތުރަށް ބުނީ ބޯކޮށް ވާރޭވެހުމުގެ ސަބަބުން ފެންބޮޑުވެ ގިނަ އަދަދެއްގެ ގޭގެއަށް ފެން ވަންނަމުންދާކަމުގެ ރިޕޯޓުތައް އެ އިދާރާއަށް ލިބިފައިވާ ކަމަށެވެ. އަދި އެގޮތަށް ފެން ވަންނަމުންދާ ގޭގެއަށް ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދެމުންދާކަމަށްވެސް އެ އިދާރާއިން ބުނެފައިވެއެވެ. 

މާލޭގެ ގިނަ މަގުތަކެއްގައި ފެންބޮޑުވެފައިވާއިރު، ގައުމީ ދިފާއީބ ބާރާއި ފުލުހުންގެ ހިދުމަތުން އަންނަނީ މާލޭގެ އެކި ސަރަހައްދުތަކުގައި ގޭގެއަށް ފެން ވަނުން ކުޑަކުރުމަށްޓަކައި ވެލިބަސްތާ ޖެހުމުގެ މަސައްކަތްކުރަމުންނެވެ. އޭގެ އިތުރަށް އެމްއެންޑީއެފުން އަންނަނީ މާލޭގައި އެންމެ ބޮޑަށް ފެންބޮޑުވާ ތަންތަަނުގައި ޕަމްޕު ބަހައްޓައިގެން ފެން ހިއްކުމުގެ މަސައްކަތް ކުރަމުންނެވެ. 

ފުލުހުންގެ ހިދުމަތުންވަނީ ރައްޔުތުންނާއި ގެދޮރާއި މުދާ ހިމާޔަތްކުރުމަށް އެ ހިދުމަތުން ތައްޔާރުވެފައިވާކަން އިއުލާނުކޮށް އެއްވެސް ފަރާތަކުން އެހީތެރިކަން ބޭނުންވާނަމަަ ގުޅައިގެން އެހީތެރިކަން ހޯދުމަށް އެދިފައެވެ. އަދި މާލޭގެ މަގުތަކުގައި ބަރު އުޅަނދު ނުދުއްވުމަށް އިލްތިމާސްކުރުމާއެކު، ޒަރޫރީ ބޭނުމެއްގައި ނޫނީ ހަތަރު ފުރޮޅުލީ އުޅަނދުވެސް ނުދުއްވަން އެ އިދާރާއިން އެދިފައިވެއެވެ. 

ސަރުކާރުގެ ކަމާ ބެހޭ ހުރިހާ އިދާރާއެއް ގުޅިގެން ވިއްސާރައިގެ ތެރޭގައި ރައްޔިތުން ހާލު ކައިރިން ބަލައި ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ހާއްސަ ސަމާލުކަމެއް ދީގެން މަސައްކަތްކުރަން ފަށާފައިވާކަން ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު އިއުލާނުކުރައްވާފައިވެއެވެ. 

މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ތިން ގަޑިއިރެއްހައިއިރު  މާލެ ހިމެނޭހެން ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވިއްސާރަކުރާނެއެވެ. 

ކިޔުންތެރިންގެ ހިޔާލު