ENGLISH
21 އޭޕްރީލު 2025
ފުލުހުންގެ އިލްތިމާސް؛ މަގުތަކުން ފެން ހިނދި އާންމު ހާލަތަށް ރުޖޫއަވަންދެން ބަރު އުޅަނދު ނުދުއްވާ!
01 މާރިޗު 2025
|
މާލޭގެ މަގެއްގައި ފެން ބޮޑުވެފައި، ފޮޓޯ: ފުލުހުން
މާލޭގެ މަގުތަކުގައި ފެންބޮޑުވެފައިވާ މިދަނޑިވަޅުގައި ބަރު އުޅަނދުފަހަރު މަގުތަކުގައި ނުދުއްވުމަށް ދިވެހި ފުލުހުންގެ ހިދުމަތުން އިލްތިމާސްކޮށްފިއެވެ.
މިރޭ އިރުއޮއްސުމާ ހަމައިން ފެށިގެން މާލޭ ސަރަހައްދު ހިމެނޭހެން މެދުރާއްޖެ ތެރޭގެ ބޮޑު ބަޔަކަށް ގަދަޔަށް ވިއްސާރަކުރަމުންދާތީ މޫސުމާ ބެހޭ ގައުމީ އިދާރާއިން އެ ސަރަހައްދަށް އޮރެންޖު ސަމާލު ނެރެފައިވެއެވެ. މެދުނުކެނޑި މާލެ ސަރަހައްދަށް ވާރޭ ވެހުމުގެ ސަބަބުން މާލޭގެ ގިނަ މަގުތަކުގައި ފެން ބޮޑުވެފައިވެއެވެ.
ފެން ހިންދުމަށާއި، ފެން ވަންނަ ތަންތަން ރައްކާތެރިކުރުމުގެ ގޮތުން ވެލިބަސްތާ ޖެހުމަށާއި، އާންމު ރައްޔިތުންގެ ހާލު ކައިރިން ބެލުމަށް ސަރުކާރުގެ އިދާރާތައް މިހާރުވަނީ ނުކުމެފައެވެ.
ފުލުހުންގެ ހިދުމަތުން ދެންމެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވެ، ބައެއް ގެތަކަށް ފެން ވަނުމުގެ ހާދިސާތައް ހިނގަމުން އަންނަ ކަމަށެވެ. އެހެންކަމުން މަގުތަކުން ފެން ހިނދި، އާންމު ހަލަތަށް މަގުތައް ރުޖޫއަވަންދެން މަގުތަކުގައި ބަރު އުޅަނދު ނުދުއްވުމަށް އެ ހިދުމަތުން އިލްތިމާސްކުރިއެވެ.
ބަރު އުޅަނދު ނުދުއްވުމުގެ އިތުރަށް ޒަރޫރީ ބޭނުމެއް އޮވެގެން މެނުވީ މިވަގުތު މާލޭގެ މަގުތަކުގައި ހަތަރު ފުރޮޅުލީ އުޅަނދުފަހަރު ނުދުއްވުމަށްވެސް ފުލުހުންގެ ހިދުމަތުން އިލްތިމާސްކޮަށްފައިވެއެވެ.
ފުލުހުންގެ ހިދުމަތުންވަނީ ރައްޔިތުންގެ ފަރާތުން މިފަދަ ހާލަތްތަކުގައި ލިބޭ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކޮށް ރައްޔިތުންނަށް ޝުކުރު އަދާކޮށްފައެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ތިން ގަޑިއިރެއްހައިއިރު މާލޭ ސަރަހައްދަށް ގަދައަށް ވިއްސާރަކުރާނެއެވެ.
ބޯކޮށް ވިއްސާރަވުމާ ގުޅިގެން ސަރުކާރުގެ އިދާރާތައް ގުޅިގެން ރައްޔިތުންގެ ހާލަތު ގާތުން ބަލައި، ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދިނުމަށް ގުޅިގެން މަސައްކަތްކުރަން ފަށާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެފައިވެއެވެ.
ފުލުހުންނާއި ސިފައިން އަންނަނީ މާލޭގެ މަގުތަކުން ފެން ހިންދުމުގެ މަސައްކަތްކުރަމުންނެވެ. އަދި އެހީތެރިކަން ބޭނުންވާ ފަރާތްތަކުން ފުލުހަށް ގުޅައި އެހީތެރިކަން ހޯދުމަށް އެހިދުމަތުންވަނީ އެދިފައެވެ.