ENGLISH
21 އޭޕްރީލު 2025
ގަދަ ވިއްސާރަ؛ އެހީތެރިވުމަށް ފުލުހުން ތައްޔާރު، އެހީ ބޭނުންޖެހިއްޖެނަމަ ގުޅަން އެދިއްޖެ
01 މާރިޗު 2025
|
މާލޭގެ ފެންބޮޑުވެފައިވާ މަގެއްގައި ފުލުހުން ހަރަކާތްތެރިވަނީ، ފޮޓޯ: ފުލުހުންގެ ހިދުމަތް
މެދުރާއްޖެ ތެރޭގެ ބޮޑު ބަޔަކަށް އޮރެންޖު އެލާޓު ނެރެފައިވަނިކޮށް މާލޭ ސަރަހައްދަށް ގަދައަށް ވާރޭ ވެހި މާލޭގެ ބޮޑު ބައެއްގައި ފެން ބޮޑުވުމާއެކު، ރައްޔިތުންގެ ގެދޮރާއި މުދަލުގެ ހިމާޔަތުގައި ދިވެހި ފުލުހުންގެ ޚިދުމަތުން ނުކުމެއްޖެއެވެ.
އެކްސްގައި ފުލުހުންގެ ޚިދުމަތުން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، މާލެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މާލޭގެ ބައެއް ސަރަހއްދުތަކުގައި ފެންބޮޑުވުމާ ގުޅިގެން ފެން ހިންދުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. އަދި އެ މަސައްކަތް ކުރަމުންދާއިރު ރައްޔިތުންނާއި މުދަލުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ތިބީ ތައްޔާރަށް ކަމުގައިވެސް އެ އިދާރާއިން ބުނެފައިވެއެވެ.
ފުލުހުންގެ ހިދުމަތުން މިފަދައިން ބުނެފައިވާއިރު ޤައުމީ ދިފާއީ ބާރުން އަންނަނީ މާލޭގައި އެންމެ ބޮޑަށް ފެންބޮޑުވާ ސަރަހައްދުތަކުގައި ޕަމްޕު ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތްކުރަަމުންނެވެ. އޭގެ އިތުރަށް ފެންބޮޑުވާ ސަރަހައްދުތަކުގައި ހުރި ގެދޮރު ކައިރީ ވެލިބަސްތާ ޖަހައި ފެން ނުވަންނާނެހެން އިންތިޒާމުތައް ހަމަޖެއްސުމަށް އެމްއެންޑީއެފުން އަންނަނީ މެދުނުކެނޑި މަސައްކަތްކުރަމުންނެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކުރާ ގޮތުގައި މިރޭ ކުރިއަށް އޮތް ތަނުގައި މިހާރަށްވުރެވެސް މޫސުން ގޯސްވެ އިތުރަށް ވާރޭ ވެހޭނެއެވެ. އަދި އެ އިދާރާއިންވަނީ މާލެ ހިމެނޭހެން ބ.އަތޮޅުން ފެށިގެން މެދުރާއްޖެ ތެރޭގެ ބޮޑު ބަޔަކަށް އޮރެންޖު ސަމާލު ނެރެފައެވެ.
ރައްޔިތުންނާއި މުދަލުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ތައްޔާރީ ހާލަތުގައި ފުލުހުން ތިބިކަން ހާމަކުރުމާއެކު އެ ހިދުމަތުންވަނީ އެއްވެސް އެހީތެރިކަމެއް ބޭނުންވާނަމަ 911 ނަންބަރަށް ގުޅުމަށް އެދިފައެވެ.