ENGLISH
12 ޖުލައި 2025
ރަމަޟާން މަސް ލުއިފަސޭހަ މަހަކަށް ހެދުމަށް ތައުރީފު ހައްގު މަސައްކަތެއް!
01 މާރިޗު 2025
|
ސަރުކާރުގެ ބައެއް މިނިސްޓަރުން - ފޮޓޯ: ސަރުކާރު
ރައްޔިތުންގެ ފުދުންތެރިކަން އިތުރުކޮށް، ދިރިއުޅުމުގެ ޚަރަދުތައް އިތުރުވިޔަނުދީ ހިފެހެއްޓުމަކީ މި ސަރުކާރުގެ އިގުތިސާދީ ސިޔާސަތުގެ އެންމެ މުހިންމު އެއް އަމާޒެވެ. މިގޮތުން ރާއްޖޭގެ ބާޒާރުގެ އަގުތައް އެވްރެޖްކޮށް އެއް މިންވަރެއްގައި ހިފެހެއްޓުމަށް މިދިޔަ އަހަރު މުހިންމު މަސައްކަތްތަކެއް ކުރެވުނެވެ. ރަމަޟާން މަހުގައި ކޮންމެހެން ބޭނުންވާ ތަކެތީގެ އަގުތައް ބޮޑުވިޔަނުދީ، ރައްޔިތުން ބޭނުންވާ މުދާ މެދުކެނޑުމެއްނެތި ލިބެން ހުންނާނެކަން މިދިޔަ 1445 ވަނަ އަހަރުގެ ރަމަޟާން މަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ކަށަވަރުކޮށްދެއްވާފައެވެ.
މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ ދުނިޔޭގެ ބާޒާރުގެ އަގުތަކާއި ރާއްޖޭގެ އިގްތިޞާދީ ހާލަތު ބަދަލުވަމުންދާ ގޮތަށް ބަލައި މި އަހަރުވެސް ރާއްޖޭގެ އިންފްލޭޝަން އިތުރުވިޔަނުދީ ހިފެހެއްޓޭނެ ކަމަށެވެ. އެކަމުން ރައްޔިތުންގެ ޚަރަދުބަރަދަށް ލުއިކަން ލިބި އާންމު ތިޔާގިކަމަށް މަގުފަހިވެގެންދާނެ ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މި ރަމަޟާން މަހުވެސް ބާޒާރުގެ އަގުތައް ބޮޑުނުވާނެ ގޮތަކަށް އަގުތައް ހިފެހެއްޓުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވަމުން ގެންދަވާ ކަމަށެވެ.
އެމަނިކުފާނު މިހެން ވިދާޅުވެފައިވައިރު މި ރޯދަމަހު ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުމަށްޓަކައި މި ސަރުކާރުން ކޮށްފައިވާ ބައެއް ބައެއް މުހިއްމު ކަންކަމާއި އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި؛
ބާޒާރުގެ އަގުތައް ކޮންޓްރޯލް ކުރުމާ ސްޓޮކް އިތުރުކުރުމަށް ކުރި މަސައްކަތް
ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން އިކޮނޮމިކް މިނިސްޓްރީން ވަނީ ކޮންމެ ހަފްތާއަކު ބާޒާރުގެ އަގުތަކާ ކާބޯތަކެތީގެ ކަންކަން ރިވިއުކުރުމަށް ބައްދަލުވުންތަކެއް ބާއްވާފައެވެ. އިކޮނޮމިކް މިނިސްޓަރު ވެސް އިންވައިގެން ބާޒާރުގެ އަގުތަކަށް އަންނަ ބަދަލު ދަނެގަތުމާ މުދާތައް މަދުވަނީ ކޮން ހިސާބުތަކެއްގައިތޯ އަދި އެއީ ކޮން މުދަލެއްތޯއާ ކޮން ގައުމުތަކުންތޯ މުދާތައް ގެނެވޭނީ ވެސް މި ބައްދަލުވުންތަކުގައި ބަލާފައިވެއެވެ.
އެގޮތުން ސަރުކާރުގެ މައި ވިޔަފާރި ކުންފުނި އެސްޓީއޯއިން ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން، ދިވެހިން އާއްމުކޮށް ބޭނުންކުރާ ގިނަ އަދަދެއްގެ މުދާ ރާއްޖެ އެތެރެކޮށް ހެޔޮ އަގުގައި ވިއްކަން ވަނީ ފަށައިފައެވެ. އެސްޓީއޯއިން ހަތަރު ދާއިރާއަކުން ގިނަ އަދަދެއްގެ ބާވަތްތައް ރަމަޟާން މަހާ ދިމާކޮށް ރާއްޖެ އެތެރެކޮށްފައެވެ. އެއީ އަސާސީ ކާބޯތަކެތީގެ އިތުރުން، ތާޒާ ތަރުކާރީ އަދި މޭވާ އާއި ޕްރޮސެސްޑް ކާނާ އަދި ކެއްކުމަށް ބޭނުންކުރާ ތަކެއްޗެވެ.
އަސާސީ ކާބޯތަކެތީގެ އަގު ފަސޭހަކަމާއެކު އޮންލައިންކޮށް ފެންނާނެ ނިޒާމެއް!
އަސާސީ ކާބޯތަކެތީގެ އަގު އެއްތަނަކުން ފެންނާނެ ޕޯޓަލެއް ސަރުކާރުން ވަނީ އިފްތިތާހު ކޮށްފައެވެ. "އަގުމަގު" ޕޯޓަލުގެ ނަމުގައި އިފުތިތާހުކުރި މި ޕޯޓަލަކީ މިފެށުނު ބަރަަކާތްތެރި ރަމަޟާން މަހުގައި މުދަަލުގެ އަގު ބޮޑުވެ ރައްޔިތުންނަށް ބޮޑެތި ތަކުލީފުތަކެއް އުފުލަންނުޖެހޭނެކަން ކަށަވަރުކުރުމަށް ރައީސުލްޖުމްހޫެރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން ސަރުކާރުން ފަށާފައިވާ މަސައްކަތްތަކުގެ ތެރެއިން ތައްޔާރުކޮށް އިފުތިތާހުކުރެވުނު ޕޯޓަލެކެވެ.
ކޮންމެ ބާވަތެއްގެ ކާބޯތަކެތި އެންމެ ހެޔޮ އަގުގައި ލިބެންހުރި ތަންވެސް އެ އެޕްލިކޭޝަނުން ފެންނާނެއެވެ. މި ޕޯޓަލުގައި ހިމެނޭ އަސާސީ ކާބޯތަކެއްޗަކީ ރާއްޖޭގެ ކަމާ ބެހޭ އިދާރާތަކައި ބައިނަލްއަޤުވާމީ އިދާރާތަކުން އަސާސީ ކާބޯތަކެތީގެ މިންގަނޑު ކަމަށް ކަނޑައަޅާފައިވާ މިންގަނޑުތަކަށް ފެތޭ ތަކެއްޗެވެ.
މިނިސްޓްރީން ބުނެފައިވަނީ ޕޯޓަލުގައި ހިމެނޭ ބާވަތްތަކުގެ އަގުތަކަށް އަންނަ ބަދަލުތައް ބަލައި އެޕްލިކޭޝަނުން ފެންނަ އަގުތައް އަދާހަމަކުރަމުންދާނެ ކަމަށެވެ. މިވަގުތު ޕޯޓަލުން ފެންނަ އަގުތައް އަދާހަމުކުރުމަށް އެއްކުރަނީ މާލެއާއި ހުޅުމާލޭގެ ދެ ފިޔަވަހި ހިމެނޭހެން މާލޭ ސަރަހައްދުގައި މުދާ ލިބެން ހުރި އަގުތަކެވެެ.
ނަމަވެސް ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ އެކި ސަރަހައްދުތައް ހިމެނޭނެހެން އަތޮޅު ތެރެއަށް އަގުތައް މޮނިޓާކޮށް އަދާހަަމަކުރުމުގެ މަސައްކަތް ފުޅާކުރުމަށް ސަރުކާރުން ރާވާފައިވާކަމަށް އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ބުނެފައިވެއެވެ.
މި އެޕްލިކޭޝަން ތަޢާރަފުކުރެވުނުއިރު ސަރުކާރުން އަންނަނީ އަސާސީ ކާބޯތަކެތީގެ ގޮތުގައި ކަނޑައަޅާފައިވާ 140 އަށްވުރެ ގިނަ ބާވަތުގެ މުދަލުގެ އަގު މޮނީޓާކޮށް އަގު މައްޗަށް އުފުލޭނަމަ އެތަކެތީގެ އަގު އެއް މިންގަނޑެއްގައި ހިފަހެއްޓުމަށް ދައުލަތުގެ ކުންފުނި އެސްޓީއޯއާއެކު މަސައްކަތްތަކެއް ކުރަމުންނެވެ.
ރޯދަމަހު ވިޔަފާރިތައް ހުޅުވާފައި ބެހެއްޓޭނެ ގަޑިތައް ކަނޑައެޅުން
ރޯދަމަހު ކެއުންބުއިމުގެ ޚިދުމަތްދޭ ވިޔަފާރިތައް ހުޅުވާފައި ބެހެއްޓޭނީ ހަވީރު 5:30 އިން މެންދަމު 3:00 އާ ހަމައަށެވެ. އަދި، ހަ ރޯދައިގެ މުއްދަތުގައި ކެއުންބުއިމުގެ ޚިދުމަތްދޭ ވިޔަފާރިތައް ހުޅުވާފައި ބެހެއްޓޭނީ ފަތިހު 4:30 އިން މެންދަމު 3:00 އާ ހަމައަށް ކަމަށް ސަރުކާރުން ނިންމާފައިވެއެވެ.
ރާއްޖޭގައި ކެއިންބުއިމުގެ 24 ގަޑިއިރު ޚިދުމަތްދޭ ވިޔަފާރިތައް ވެސް ރޯދަ މަހާއި، ހަ ރޯދައިގެ މުއްދަތުގައި އެ ގަޑިތަކަށް ޢަމަލުކުރުމަށް ވެސް އިކޮނޮމިކް މިނިސްޓްރީން ވަނީ އަންގާފައެވެ.
އޭގެއިތުރުން މުދާ ވިއްކާ ވިޔަފާރިތައް ރޯދަ މަހާއި ހަ ރޯދައިގެ މުއްދަތުގައި ހުޅުވާފައި ބެހެއްޓޭނީ ފަތިހު 5:30 އިން މެންދަމު 1:00 އާ ހަމައަށެވެ. އެކަމަކު މުދާ ވިއްކާ ވިޔަފާރިތަކުން، ފެބްރުވަރީ 15 ވަނަ ދުވަހުން ފެށިގެން އެ ގަޑިތަކަށް ޢަމަލުކުރުމަށް މިނިސްޓްރީން ބުނެފައިވެއެވެ.
ވިޔަފާރި މުދާ އުފުލާ ގަޑިތައް ކަނޑައެޅުން
ރަމަޟާން މަހުގެ 1 ވަނަ ދުވަހުން 19 ވަނަ ދުވަހަށް، އަދި ޝައްވާލު މަހުގެ 1 ވަނަ ދުވަހުން 7 ވަނަ ދުވަހަށް، މާލޭ ސަރަހަައްދުގައި ބަރު އުޅަނދާއި، ހުރިހާ ބާވަތެއްގެ މުދާ އުފުލާ އުޅަނދުތަކުގައި މުދާ އުފުލޭނީ ހެނދުނު 09:30 އިން ހަވީރު 16:30 އަށް އަދި ރޭގަނޑު 20:00 އިން ފަތިހު 6:00 އަށެވެ. އަދި ހެނދުނު 6:00 އިން 9:30 އަށް އަދި ހަވީރު 16:30 އިން ރޭގަނޑު 8:00 އަށް އެފަދަ މުދާ އުފުލުން މަނާވާނެއެވެ.
މީގެ އިތުރުން ރަމަޟާން މަހުގެ ފަހު ދިހައެއްގައި، މާލޭ ސަރަހަައްދުގައި ބަރު އުޅަނދާއި، ހުރިހާ ބާވަތެއްގެ މުދާ އުފުލާ އުޅަނދުތަކުގައި މުދާ އުފުލޭނީ ހެނދުނު 6:00 އިން 16:30 އަށް އަދި 20:00 އިން 6:00 އަށެވެ. އެނޫން ވަގުތު ތަކުގައި، (16:30 އިން 20:00) މުދާ އުފުލުން މަނާ ވާނެއެވެ.
ސަރުކާރުގެ ރޯދަ ހަދިޔާގެ އިތުރުން ބިލުތަކުން ދޭ ޑިސްކައުންޓް!
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ އަހަރުގެ ރަމަޟާން މަހު ރާއްޖޭގެ ހުރިހާ ގޭބީސީތަކަށް އެސްޓީއޯ މެދުވެރިކުރައްވައި ދިހަ ކިލޯ ހަނޑުލާއި ދިހަ ކިލޯ ފުށް ހިލޭ ލިބޭނެ އިންތިޒާމު ހަމަޖެއްސެވިއެވެ. އެމަނިކުފާނުގެ ވެރިކަމުގެ ދެވަނަ އަހަރު ދައުލަތުގެ މަސް ކުންފުނި މިފްކޯ މެދުވެރިކޮށް ކޮންމެ ގޭބީސީއަކަށް ހިލޭ މަސްދަޅު ކޭހެެއް ފޯރުކޮށްދެއްވަން ރައީސް ނިންމެވިއެވެ. އޭގެ އިތުރުން ވޭތުވެދިޔަ އަހަރެކޭ އެއްގޮތައް މިއަހަރުގެ ރަމަޟާން މަހު ވެސް ކަރަންޓް ބިލާއި ފެން ބިލުން ޑިސްކައުންޓް ދޭނެ ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
މިއިން ކޮންމެ ކަމަކުންވެސް ފާހަގަވަނީ ހަމަ އެންމެ ކަމެކެވެ. ރަމަޟާން މަހަކީ ހުރިހާ ގޮތަކުން ވެސް ރައްޔިތުންނަށް ލުއިފަސޭހަ މަހަކަށް ހެދުމަށްޓަކައި މި ސަރުކާރުން ގެންގުޅޭ ހަރުދަނާ، ތަރުތީބު ސިޔާސަތުތަކެވެ. އަޅާފައިވާ މުހިއްމު ފިޔަވަޅުތަކުން ކަންކަން ފަސޭހަވެ، ރައްޔިތުންނަށް ލުއިވާނެހެން އެކިއެކި އިންތިޒާމްތައް ހަމަޖައްސާފައިވާ ކަމެވެ. އަދި ހުރިހާ ރައްޔިތުންގެ ލާބައާ މަންފާއަށް މި ސަރުކާރުން ވިސްނާ މިންވަރެވެ. ރައީސް ޑރ. މުއިއްޒުގެ ވައުދުފުޅުތައް ފުރިހަމަކުރެއްވުމަށް ދެއްވާ އަހައްމިއްޔަތެވެ.