ENGLISH
21 އޭޕްރީލު 2025
އެސްޓީއޯ އިން ވެސް ތައްޔާރު، ލިބުމުގަ ދަތިވާނެ ކަމަށް ބެލެވޭ ބާވަތްތައް ރޯދައިގެ ކުރިން ގެނައި!
01 މާރިޗު 2025
|
އެސްޓީއޯއިން ގެނެސްފައިވާ އަލުވި ޝިޕްމެންޓެއް - ފޮޓޯ: މިއަދު
ރޯދަމަހަށް ތައްޔާރުވުމުގެ ގޮތުން ރައްޔިތުންނަށް ބޭނުންވާ ބައެއް ޒަރޫރީ ބާވަތްތަކުގެތެރެއިން ލިބުމުގައި ދަތިވާނެ ކަމަށް ބެލެވޭ ބައެއް ބާވަތްތައް ރޯދައިގެ ކުރިން ގެނަސްފައިވާ ކަމަށް އެސްޓީއޯގެ މެނޭޖިންގް ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާއިން ގެނަސްދިން 'ރޯދައަށް ތައްޔާރު' ފޯރަމުގައި ވާހަކަދައްކަވަމުން ޝިމާދު ވިދާޅުވީ ރޯދައަށް ތައްޔާރުވުމުގެ ގޮތުން އެސްޓީއޯއިން ވެސް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އެގޮތުން މާލޭގެ އިތުރުން އެސްޓީއޯގެ ފިހާރަ ހުންނަ ބައެއް ރަށްރަށުގަ ވެއާހައުސް ސޭލެއް ކުރިއަށްގެންދިއަކަށް އޭނާ ވިދާޅުވިއެވެ.
ޝިމާދު ވިދާޅުވީ އެއީ ރޯދަމަހު ބޭނުންކުރާ ބަދިގޭ ސާމާނުތައް އަގުހެޔޮކޮށް ފޯރުކޮށްދޭން ބޭއްވި ސޭލެއް ކަމަށެވެ. އަދި އެކަމަށް ވަރަށް ބޮޑު ތަރުހީބެއް ލިބުނު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެކަމާ ގުޅިގެން އިތުރު ސްޓޮކްތަކެއް ވެސް ގެނަސްފައިވާ ކަން ޝިމާދު ފާހަގަކުރެއްވިއެވެ.
އޭގެ އިތުރަށް ރޯދަމަހަށް ބޭނުންވާ ކާބޯތަކެތީގެ ލިސްޓު ކޮންމެ ހަފުތާއަކު އެއްފަހަރު ރިވީއުކުރަމުންދާކަން ޝިމާދު ފާހަގަކުރެއްވިއެވެ.
"އިކޮނޮމިކް މިނިސްޓްރީން އޮވޭ އެކުލަވާލާފަ އެސެންޝަލް އައިޓަމްސްތަކުގެ ލިސްޓެއް. އޭގެތެރެއިން ރޯދަމަހަށް ޚާއްސަކޮށް މި ބޭނުންވާ ކާބޯތަކެތީގެ ލިސްޓު އިކޮނޮމިކް މިނިސްޓްރީއާއެކު ފާއިތުވި ދެތިން މަސްދުވަހުގެ ތެރޭގަ ރިވިއުކުރިން. ކޮންމެ ހަފްތާއަކު މިނިސްޓަރު އިންނަވައިގެން ބައްދަލުވުންތަކެއް ބާއްވައިގެން އަޅުގަނޑުމެން ލިސްޓު ރިވިއުކުރިން." - އެސްޓީއޯގެ މެނޭޖިންގް ޑިރެކްޓަރު ޝިމާދު އިބްރާހިމް
ޝިމާދު ވިދާޅުވީ މި ބައްދަލުވުންތަކުގައި ބާޒާރުގެ އަގުތަކަށް އަންނަ ބަދަލު ދަނެގަތުމާ މުދާތައް މަދުވަނީ ކޮން ހިސާބުތަކެއްގައިތޯ އަދި އެއީ ކޮން މުދަލެއްތޯއާ ކޮންކަހަލަ ގައުމުތަކުންތޯ މުދާތައް ގެނެވޭނީ ބަލާފައިވާ ކަމަށެވެ. އެކަންކަން ބެލުމަށްފަހު ރޯދައިގެ ކުރިންވެސް ބައެއް ޝިޕްމަންޓުތައް ގެނަސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެސްޓީއޯގެ ރޯލަކީ ވިޔަފާރިވެރިންނަށް ދަތިވާ ދުވަސްކޮޅެއްގަ، މާކެޓަށް އަންނަ ބަދަލުތަކާއެކު ބައެއްފަހަރު އަގު ކުޑަކުރަން އެހީވުމާ ތަކެތި މަދުވާފަހަރުތަކުގައި، މުދާ ބާޒަރަށް ވާސިލުވުމުގައި މައްސަލައެއް އުޅޭނަމަ އެކަމެއް ހައްލުކުރުން ކަމަށް ޝިމާދު ވިދާޅުވިއެވެ.
"މިދިޔަ ރޯދަމަހު އަޅުގަނޑުމެންނަށް ދިމާވި އެންމެ ބޮޑު އެއް ޗެލެންޖަކީ ދުނިޔޭގެ ބާޒާރުގަ ފިޔާ އެވެއިލެބިލިޓީ ވަރަށް ބޮޑަށް ސްކެއާސްވެ އަޅުގަނޑުމެން ޖެހުނު އިންޓަވީން ކުރަން. އެއީ ފިޔާ އެކްސްޕޯޓުކުރުން ބައެއް ގައުމުތައް މަޑުޖައްސާލިއިރު އަނެއްބައި ގައުމުތަކުން ހުއްޓާވެސްލި. އެހެންވީމަ އަޅުގަނޑުމެންނަށް ޖެހުނު ފިޔާ އެތެރެކުރަން އިންޓަވީން ކުރަން. ދެން އަޅުގަނޑުމެން މުޅި ރޯދަމަސް ނިމެންދެން ފިޔާ ގެންނަމުން ދިޔައިން. " - އެސްޓީއޯގެ މެނޭޖިންގް ޑިރެކްޓަރު ޝިމާދު އިބްރާހިމް
ޝިމާދު ވިދާޅުވީ މި ރޯދަމަހު ވެސް ފިޔާ، އަލުވި އަދި ބިސް ލިބުމުގައި ދަތިވެދާނެ ކަމަށް އަންދާޒާކުރެވުނު ކަމަށެވެ. އޭގެއިތުރުން އާންމުކޮށް ބޭނުންކުރާ ބާވަތްތަކުގެ ތެރެއިން ކާށި އަދި ލުނބޯ ބާޒާރުގައި މަދުވުމާ އަގުތައް އަރައިގެން ދިއުން އެކަށީގެންވުމާއެކު އެ ބާވަތްތަކުގެ ޝިޕްމަންޓުތައް ވެސް ގެނަސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޝިމާދު ވަނީ މި ރޯދަމަހު، ރައްޔިތުން ބޭނުންވާ މިފަދަ ބާވަތްތައް އެއްވެސް ދަތިކަމެއް ނެތި ރައްޔިތުންނަށް ލިބެމުންދާކަން ކަށަވަރު ކުރުމަށްޓަކައި މަސައްކަތް ކުރާނެ ކަމަށެވެ.