ENGLISH
21 އޭޕްރީލު 2025
ރައްޔިތުންނަށް ފޯރާ އަގެއްގައި ތަކެތީގެ އަގުތައް ބަހައްޓައިދިނުމަށް ވަޒީރު ސަޢީދު އިލްތިމާސްކުރައްވައިފި
01 މާރިޗު 2025
|
ރައީސް އޮފީހުގައި މީގެކުރިން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަޒީރު ސަޢީދު ވާހަކަދައްކަވަނީ. ފޮޓޯ: ރައީސް އޮފީސް
މި ރަމަޟާން މަހު ތަކެތީގެ އަގު ފޯރުންތެރި އަގެއްގައި ދަމަހައްޓަން ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގައި، ސަރުކާރާ ގުޅިގެން އަމިއްލަ ވިޔަފާރިތަކުންވެސް ތަކެތީގެ އަގު ރައްޔިތުންނަށް ފޯރާ އަގެއްގައި ބަހައްޓައިދިނުމަށް އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ ވަޒީރު މުޙައްމަދު ސަޢީދު އިލްތިމާސްކުރައްވައިފިއެވެ.
މުޙައްމަދު ސަޢީދު މިފަދައިން ވިދާޅުވީ، ރަމަޟާން މަހަށް ސަރުކާރުން ވެފައިވާ ތައްޔާރީތަކާއި ގުޅޭގޮތުން، ދައުލަތުގެ މީޑިއާއިން ރޭ ގެނެސްދިން "ރޯދައަށް ތައްޔާރުވަމާ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.
ވަޒީރު ވިދާޅުވީ، ސަރުކާރު އަގުކުޑަކުރަން ކުރާ މަސައްކަތުގައި މިހާރުވެސް އަމިއްލަ ބައެއް ވިޔަފާރިތައް ބައިވެރިވާނެކަން އިއުލާންކޮށްފައިވާކަމަށެވެ. އެގޮތުން ތަރުކާރީއާއި މޭވާގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ވިޔަފާރިއަކުން ވަނީ އަގުހެޔޮކޮށް ތަކެތި ވިއްކާނެކަމުގެ ޔަގީންކަން ދީފައިކަމަށް ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވިއެވެ.
"މިއަދު ބައެއް އެހެން ވިޔަފާރިތަކުންވެސް ހަމަ އެވާހަކަ އެބަ ދައްކަވާ. އަޅުގަނޑުމެންގެ އިލްތިމާސްއަކީ ޕްރައިވެޓް ސެކްޓާއާވެސް އެކުގަ އަޅުގަނޑުމެން އެންމެން ގުޅިގެން އާއްމު ރައްޔިތުންނަށް ރަމަޟާން މަހޭ ކިޔާފައި މި ފޯރުކޮށްދޭ ތަކެތީގެ އާދަޔާޚިލާފު ފައިދާއެއް ނެގުމުގެ ބަދަލުގައި، ރައްޔިތުންނަށް އެފޯޑް ކުރެވޭ ވަރަށް ކަންތައްތައް އިންތިޒާމުކޮށްދެއްވާށޭ. ރާއްޖެ ވެއްޓިފައި އޮތް ފުން އަނދަވަޅަކުން ސަލާމަތްވެގެން އިރާދަކުރެއްވިއްޔާ މިހިސާބަށް މި އާދެވެނީ" ވަޒީރު ވިދާޅުވިއެވެ.
ވަޒީރު މުޙައްމަދު ސަޢީދު އިތުރަށް ވިދާޅުވީ، މި ރަމަޟާން މަހު އެއްވެސް މުދަލެއް ނުލިބި ދަތިވެއްޖެ ކަމުގައިވާނަމަ، ވައިގެ މަގުން ނުވަތަ ކަނޑުމަގުން ގެންނަން ޖެހުނަސް ގެންނަވާނެ ކަމަށެވެ.
ސަރުކާރުގެ ކުންފުނި އެސްޓީއޯއިން ވަނީ ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން، ދިވެހިން އާއްމުކޮށް ބޭނުންކުރާ ގިނަ އަދަދެއްގެ މުދާ ރާއްޖެ އެތެރެކޮށް ހެޔޮ އަގުގައި ވިއްކަން ފަށައިފައެވެ. އެގޮތުން އެސްޓީއޯއިން ވަނީ ހަތަރު ދާއިރާއަކުން ގިނަ އަދަދެއްގެ ބާވަތްތައް ރަމަޟާން މަހާ ދިމާކޮށް އެސްޓީއޯއިން ރާއްޖެ އެތެރެކޮށްފައިވެއެވެ. އެއީ އަސާސީ ކާބޯތަކެތީގެ އިތުރުން، ތާޒާ ތަރުކާރީ އަދި މޭވާ އާއި ޕްރޮސެސްޑް ކާނާ އަދި ކެއްކުމަށް ބޭނުންކުރާ ތަކެއްޗެވެ.
ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ސަރުކާރުން އައީ ދުރާލާ ތައްޔާރުވަމުން ކަމަށާއި، އެކަންކަން ވަރަށް ގާތުން ރަޢީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައްލަވާކަމަށް ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވިއެވެ.