ENGLISH
21 އޭޕްރީލު 2025
އަސާސީ ކާބޯތަކެތީގެ އަގުތައް އެއް ތަނަކުން ފެންނާނެ ޕޯޓަލެއް އިފުތިތާހުކޮށްފި
01 މާރިޗު 2025
|
އަގުމަގު ޕޯޓަލުގައި ބައެއް މުދަލުގެ އަގުތައް، ފޮޓޯ: ސްނެޕްޝޮޓް
އަސާސީ ކާބޯތަކެތީގެ އަގު އެއްތަނަކުން ފެންނާނެ ޕޯޓަލެއް ސަރުކާރުން އިފުތިތާހުކޮށްފިއެވެ.
"އަގުމަގު" ޕޯޓަލުގެ ނަމުގައި އިފުތިތާހުކުރި މި ޕޯޓަލަކީ ފެށުނު ބަރަަކާތްތެރި ރަމަޟާން މަހުގައި މުދަަލުގެ އަގު ބޮޑުވެ ރައްޔިތުންނަށް ބޮޑެތި ތަކުލީފުތަކެއް އުފުލަންނުޖެހޭނެކަން ކަށަވަރުކުރުމަށް ރައީސުލްޖުމްހޫެރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން ސަރުކާރުން ފަށާފައިވާ މަސައްކަތްތަކުގެ ތެރެއިން ތައްޔާރުކޮށް އިފުތިތާހުކުރެވުނު ޕޯޓަލެކެވެ.
އެޕްލިކޭޝަނެއްގެ ގޮތުގައި މި ޕޯޓަލް އިފުތިތާހުކޮށްދެއްވީ އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަަަޒީރު މުޙައްމަދު ސަޢީދެވެ. ސަރުކާރުން މި ރަމަޟާާން މަހަށް ވެފައިވާ ތައްޔާރީތަކުގެ މަޢުލޫމާތު ފޯރުކޮށްދިނުމަށް ރޭ ކުރިއަށްގެންދެވުނު "ރޯދަ ތައްޔާރު" ފޯރަމުގައި މި އެޕްލިކޭޝަން އިފްތިތާޙުކުރެވުނުއިރު، އިޤުތިޞާދީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނެފައިވާ ގޮތުން މި ޕޯޓަލުން ފެންނާނެ އަގުތަކަކީ ކާބޯތަކެތި މިވަގުތު ބާޒާރުގައި ލިބެންހުރި އެންމެ ހެޔޮ އަގުތަކެވެ.
ކޮންމެ ބާވަތެއްގެ ކާބޯތަކެތި އެންމެ ހެޔޮ އަގުގައި ލިބެންހުރި ތަންވެސް އެ އެޕްލިކޭޝަނުން ފެންނާނެއެވެ. މި ޕޯޓަލުގައި ހިމެނޭ އަސާސީ ކާބޯތަކެއްޗަކީ ރާއްޖޭގެ ކަމާ ބެހޭ އިދާރާތަކައި ބައިނަލްއަޤުވާމީ އިދާރާތަކުން އަސާސީ ކާބޯތަކެތީގެ މިންގަނޑު ކަމަށް ކަނޑައަޅާފައިވާ މިންގަނޑުތަކަށް ފެތޭ ތަކެއްޗެވެ.
މިނިސްޓްރީން ބުނެފައިވަނީ ޕޯޓަލުގައި ހިމެނޭ ބާވަތްތަކުގެ އަގުތަކަށް އަންނަ ބަދަލުތައް ބަލައި އެޕްލިކޭޝަނުން ފެންނަ އަގުތައް އަދާހަމަކުރަމުންދާނެ ކަމަށެވެ. މިވަގުތު ޕޯޓަލުން ފެންނަ އަގުތައް އަދާހަމުކުރުމަށް އެއްކުރަނީ މާލެއާއި ހުޅުމާލޭގެ ދެ ފިޔަވަހި ހިމެނޭހެން މާލޭ ސަރަހައްދުގައި މުދާ ލިބެން ހުރި އަގުތަކެވެެ.
ނަމަވެސް ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ އެކި ސަރަހައްދުތައް ހިމެނޭނެހެން އަތޮޅު ތެރެއަށް އަގުތައް މޮނިޓާކޮށް އަދާހަަމަކުރުމުގެ މަސައްކަތް ފުޅާކުރުމަށް ސަރުކާރުން ރާވާފައިވާކަމަށް އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ބުނެފައިވެއެވެ.
މި އެޕްލިކޭޝަނުގެ ދެން އޮތް މަރުހަލާއަކީ އެކި ވިޔަފާރިތަކަަށް އަމިއްލައަށް އެ މަންސައިގަ އަގުތައް ޕޯސްޓުކުރެވޭނެ މަގު ފަހިކުރުންކަމަށް އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު އެ އެޕްލިކޭޝަން އިފުތިތާހުކުރެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވިއެވެ.
އޭގެ އިތުރަށް ވަޒީރު ވިދާޅުވީ އަގުތައް އަދާހަމަކޮށް އެއްތަނުން ފެންނާނެހެން އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތުގައި ރަށްރަށުގެ ކައުންސިލުތައްވެސް ބައިވެރިކުރައްވަން ބޭނުންފުޅުވާ ކަމަށެވެ. އަދި އެ ހުރިހާ ކަމެއް ހަމަަޖެހުމުން "އަގުމަގު" އެޕްލިކޭޝަންވާނީ ކޮންމެ ރައްޔިތަކަށްވެސް އަސާސީ ކާބޯތަކެތީގެ އަގު ބަލައިލަން ބޭނުންވުމުން އެއް ތަނަކުން ބަލައިލެވޭ އެޕްލިކޭޝަނަކަށް ކަމުގައި އޭނާ ވިދާޅުވިއެވެ.
"މި އެޕްލިކޭޝަން ވެގެންދާނީ ކޮންމެ ރައްޔިތަކަށްވެސް އަގު ބަލައިލަން ބޭނުންވުމުން ބަލައިލުމުގެ އިންތިޒާމު ހަމަޖެހިފައިވާ އެޕްލިކޭޝަނަކަށް އިނގޭތޯ، އެއީ މީގެއިން ލިބޭ އެންމެ ބޮޑު ފައިދާއަކީ. " - އިޤުތިޞާދީ ތަރައްޤީއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު
މި އެޕްލިކޭޝަން ތަޢާރަފުކުރެވުނުއިރު ސަރުކާރުން އަންނަނީ އަސާސީ ކާބޯތަކެތީގެ ގޮތުގައި ކަނޑައަޅާފައިވާ 140 އަށްވުރެ ގިނަ ބާވަތުގެ މުދަލުގެ އަގު މޮނީޓާކޮށް އަގު މައްޗަށް އުފުލޭނަމަ އެތަކެތީގެ އަގު އެއް މިންގަނޑެއްގައި ހިފަހެއްޓުމަށް ދައުލަތުގެ ކުންފުނި އެސްޓީއޯއާއެކު މަސައްކަތްތަކެއް ކުރަމުންނެވެ.
މީގެ ކުރިން މިނިސްޓަރު ސަޢީދު ވިދާޅުވެފައިވާ ގޮތުން މި އަހަރަކީ ރޯދަމަހު ކާބޯތަކެތީގެ އަގު އެއް މިންގަނޑެއްގަައި ހިފަހެއްޓުމަށް ސަރުކާރުން އެންމެ ގިނަ މަސައްކަތްތަކެއް އިންތިޒާމީ ސިފައެއްގައި ކުރަމުން އަންނަ އަހަރެވެ.
ސަރުކާރުގެ މި ސިޔާސަތުގެ ދަށުން އެސްޓީއޯއިންވަނީ ރޯދަމަހު އެންމެ ގިނައިން ބޭނުންވާ ބައެއް މުދާ ރައްކާކޮށްފައި ހުރި މިންވަރު އިތުރުކޮށް، މަދުނުވާ މިންވަރަށް އެ މުދާ އެތެރެކުރުމަށް އޯޑަރުކޮށްފައެވެ. އަދި މުދާ ގުދަންކުރެވޭ މިންވަރު އިތުރުކުރުމުގެ މަސައްކަތްތަކެއްވެސް ސަރުކާރުން ގެންދަނީ ކުރަމުންނެވެ.