ENGLISH
21 އޭޕްރީލު 2025
އެމް.ޑަބްލިއު.އެސް.ސީ އިން ރޯދަ މަހުގެ ފެންބިލުން ޑިސްކައުންޓު ދޭން ހަމަޖެހިފައިވާ ގޮތް އިއުލާނުކޮށްފި
28 ފެބްރުއަރީ 2025
|
އެމް.ޑަބްލިއު.އެސް.ސީ ފެން ބިލްޑިންގ-- ފޮޓޯ: އެމްއެމްޓީވީ
އެމް.ޑަބްލިއު.އެސް.ސީ އިން ރޯދަމަހުގެ ފެންބިލުން ޑިސްކައުންޓު ދޭން ހަމަޖެހިފައިވާ ގޮތް އިއުލާނުކޮށްފިއެވެ.
އެމް.ޑަބްލިއު.އެސް.ސީ އިން ނެރެފައިވާ ޕްރެސް ރިލީޒްއެއްގައި ބުނެފައިވަނީ ޢާންމު މަހަކަށް ވުރެ ބޮޑުނުވާނެ ގޮތުގެ މަތިން ފެން ބިލުން ޑިސްކައުންޓު ދޭން ނިންމާފައިވާ ކަމަށެވެ. އެގޮތުން އެފަރާތުން ބަޔާންކޮށްފައިވާ އުސޫލުތަކަކީ:
1. "ޢާންމު މަހެއްގައި" ފެނާއި ކަރަންޓު ބިލުގެ މިންވަރު ކަމުގައި ބަލާނީ، 2024 ވަނަ އަހަރުގެ ފެބްރުވަރީ، މާރިޗު އަދި އޭޕްރީލް މަސް ނުހިމަނާ، އެ އަހަރުގެ ބާކީ އޮންނަ ނުވަ މަހުގެ އެވެރެޖް މިންވަރެވެ.
2. މިގޮތުން ކަނޑައެޅޭ "ޢާންމު މަހުގެ" ބިލުގެ މިންވަރަށްވުރެ އޭޕްރީލް މަހު ތައްޔާރު ކުރެވޭ ބިލު ބޮޑުނަމަ އެ ބޮޑުވާ މިންވަރު ޑިސްކައުންޓުގެ ގޮތުގައި އޭޕްރީލް މަހު ފޮނުވާ ބިލުން އުނިކުރެވޭނެއެވެ.
3. މިގޮތުން އުނިކުރެވޭ މިންވަރަކީ އޭޕްރިލް މަހު ފޮނުވާ ބިލުގެ 10 އިންސައްތަ އަށްވުރެ ކުޑަ މިންވަރެއް ކަމުގައިވާނަމަ 10 އިންސައްތަ އާއި އެއްވަރަށް ޑިސްކައުންޓުގެ މިންވަރު މަތިކޮށްދެވޭނެއެވެ.
4. 2025 އޭޕްރީލް މަހު ފޮނުވާ ބިލު "ޢާންމު މަހުގެ" ބިލަށްވުރެ ކުޑަނަމަ ޑިސްކައުންޓުގެ ގޮތުގައި އޭޕްރީލް މަހު ފޮނުވާ ބިލުން 10 އިންސައްތަ ޑިސްކައުންޓް ދެވޭނެއެވެ.
5. އޭޕްރިލް މަހުގައި އަލަށް ބިލުކުރެވޭ މީޓަރުތަކަށާއި ކުރިން ރެޖިސްޓަރ ކުރެވިފައިވީ ނަމަވެސް މިހާތަނަށް ބިލުކުރެވިފައި ނުވާ ކަސްޓަމަރުންނަށް ފޮނުވާ ފުރަތަމަ ބިލަކީ 2025 އޭޕްރީލް މަހު ފޮނުވާ ބިލު ކަމުގައި ވާނަމަ އެފަދަ ފަރާތްތަކަށް ވެސް އޭޕްރީލް މަހު ފޮނުވާ ބިލުން 10 އިންސައްތަ ޑިސްކައުންޓު ދެވޭނެއެވެ.
ޑިސްކައުންޓު ދެވޭ އުސޫލުތަކާ ބެހޭގޮތުން އިތުރު މައުލޫމާތެއް ބޭނުންފުޅުނަމަ އެމް.ޑަބްލިއު.އެސް.ސީ ކަސްޓަމަރ ކެއަރ ހޮޓްލައިން 105 އަށް ގުޅުއްވުމަށް ނުވަތަ 1050 އަށް އެސްއެމްއެސް ފޮނުއްވުމަށް ނުވަތަ [email protected] އަށް މެއިލް ކުރެއްވުމަށް އެމް.ޑަބްލިއު.އެސް.ސީ އިން އެދިފައެވެ.