ENGLISH
21 އޭޕްރީލު 2025
ޑައިވް ސައިޓެއް ހަދަން އެއާ މޯލްޑިވެސްގެ ދެ މަތިންދާބޯޓް ކަނޑަށް ފައްތަނީ
28 ފެބްރުއަރީ 2025
|
ޑައިވް ރެކް ސައިޓެއް ތަރައްގީކުރަން ފައްތާލަން ތައްޔާރުކޮށްފައިވާ ދެ މަތިންދާބޯޓް. --- ފޮޓޯ: ނަބީލް ޒަމީލް
ކ. ކުޑަގިރި ފަޅު ތެރެއަށް ދެ މަތިންދާބޯޓު ފައްތައި ޑައިވް ރެކް ސައިޓެއް ތަރައްގީކުރަން ތައްޔާރުވެއްޖެއެވެ.
މި މަޝްރޫޢުއަކީ އެޗްޑީސީ އާއި އެމްއެމްޕީއާރްސީ އަދި އެމްޓީސީސީ ގުޅިގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.
މި މަޝްރޫޢުގެ ދަށުން ކުޑަގިރި ފަޅަށް ފައްތަނީ ކުރިން އެއާ މޯލްޑިވްސްގައި ބޭނުންކުރި ޑޯނިއާ ދެ މަތިންދާބޯޓެވެ. މި މަސައްކަތުގެ ދަށުން މިހާރު ވަނީ އެ ސަރަޙައްދު ސާފުކޮށްފައެވެ. އަދި މަތިންދާބޯޓުތައް ފެއްތުމަށް ވާންޖެހޭ ތައްޔާރީތައް މިހާރު ދަނީ ކުރަމުންނެވެ.
މި މަޝްރޫޢުގެ އީއައިއޭ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، މަތިންދާބޯޓު ގެންގުޅުމާއި އެއްތަނުން އަނެއް ތަނަށް ގެންދިއުމުގެ ތެރޭގައި މީހަކަށް ޞިއްޙީ އަދި ޖިސްމާނީ ހާނިއްކައިގެ ނުރައްކާ ކުރިމަތިވެދާނެއެވެ. އަދި ޑައިވް ސައިޓް ތަރައްޤީކުރުމުގެ ތެރޭގައި ކަނޑުމަތީގައި މަސައްކަތްކުރާ މީހުންނަށްވެސް މިފަދަ ނުރައްކާތައް ކުރިމަތިވެދާނެ ކަމަށް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.
މި ނުރައްކާތައް ކުޑަކުރުމަށްޓަކައި، މަޝްރޫޢުގެ މަސައްކަތުގައި ބައިވެރިވާ މީހުންނަށް ރައްކާތެރިކަމާއެކު މަސައްކަތް ކުރުމުގެ އުސޫލުތައް ކިޔައިދީ ތަމްރީނުކުރުމަށް ރިޕޯޓުގައި ލަފާދީފައިވެއެވެ.
މި އައު ޑައިވް ރެކް ސައިޓް ތަރައްޤީކުރުމުން، ކުޑަގިރިއަށް ޒިޔާރަތްކުރާ ފަތުރުވެރިންނާއި ރާއްޖޭގެ ރައްޔިތުންނަށް މުނިފޫހިފިލުވުމުގެ އިތުރު ފުރުޞަތުތަކެއް ލިބިގެންދާނެ ކަމަށް ބެލެވޭ ކަމަށް މާހިރުން ބުނެއެވެ. މީގެ އިތުރުން، މި މަޝްރޫޢު އިން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ވެސް މާހިރުން ބުނެއެވެ.