ENGLISH

21 އޭޕްރީލު 2025

Advertisement

ރޯދައިގެ މައިގަނޑު މަގްސަދަކީ ތަޤުވާވެރިވުން: ޚުތުބާ

28 ފެބްރުއަރީ 2025

|

ފަޒީލް ޢަބްދުލް ލަތީފު

ރޯދައިގެ މައިގަނޑު މަގްސަދަކީ ތަޤުގުވާވެރިވުންކަމަށާއި ތަޤުވާގެ މާނައިގައި ހިމެނޭ ހެޔޮ ޢަމަލުކުރުމާއި، ފާފަތަކުން ދުރުހެލިވުމަކީ މި މައްސަރުގައި ވަރަށް މުހިންމު ކަމެއް ކަމަށް މިއަދުގެ ޚުތުބާގައި ބުނެފިއެވެ.

ރޯދައަކީ ތަޤުވާގެ އިތުރުން، ކެތްތެރިކަމުގެ މަތިވެރި ތަމްރީނެއް ވެސް ދޭ އަޅުކަމެއް ކަމަށާއި، މި މައްސަރުގައި ރޯދަވެރިޔާ ކުރުމަށް އާދަވެފައިވާ ހުއްދަ ބައެއް ކަންތައްތަކުން އެއްކިބާވެ ހުރުމަކީ ދުނިޔެވީ އެދުންތަކުން ނަފުސް ދުރުކުރުމަށް ލިބޭ ތަރުބަވީ ފިލާވަޅެއް ކަމަށް ޚުތުބާގައި ވަނީ ފާހަގަކޮށްފައެވެ.

"ރޯދައިގެ މައިގަނޑު މަގްސަދަކީ ތަގުވާވެރިވުމެވެ. ތަގުވާގެ މާނައިގައި، ހެޔޮ އަމަލުކުރުމާއި، އެންމެހައި ފާފަތަކާ ދުރުހެލިވުން ހިމެނޭ. ރޯދައަކީ ތަގުވާގެ އިތުރަށް، ކެތްތެރިކަމުގެ މަތިވެރި ތަމްރީނެއް ވެސްމެ. ރޯދަވެރިޔާ ކުރުމަށް އާދަވެފައިވާ ހުއްދަ ބައެއް ކަންތައްތަކުން އެއްކިބާވެ ހުރުމީ، ދުންޔަވީ އެދުންތަކާއި ނަފުސް ދުރުކުރުމަށް ލިބޭ ތަރުބަވީ ފިލާވަޅެއް. މުޅި ދުވާލު ކެއިންބުއިމުން އެއްކިބާވެ ހުރުމުގެ ސަބަބުން، ދުނިޔޭގެ އެދުންތަކާ ދުރުވެ، ދަހިވެތިކަން ކުޑަވެ، ރޫޙާނީ ބާރު އިތުރުވޭ. ރޯދައިގެ ފުރިހަމަ ދަރުމަ ލިބޭނީ ފާފައިގެ އިތުރަށް، ނޭދެވޭ ކަންތަކާ ވެސް ދުރުހެލިވެގެން ނުބައި ބަސްތައް ބުނުމާއި، އެ ފަދަ އަމަލުތައް ކުރުން ހުއްޓައިލައިގެން. އަރައިރުންވުމާއި، ޒުވާބުކުރުމުން ދުރުހެލިވެގެން. ރޯދަވެރިޔާ ދުރުހެލިވާންޖެހޭ ކަންތައްތަކުން ދުރުހެލިނުވާ ނަމަ، ހަމައެކަނި ކެއިންބުއިމާ ދުރުހެލިވެގެން ހުރުމުގެ ބޭނުމެއް ނެތް،" ޚުތުބާގައި ބުންޏެވެ.

ޚުތުބާގައި އިތުރަށް ބުނީ، ރޯދަމަހަކީ މުސްލިމުންގެ އެންމެހައި އަމަލުތައް އެންމެ ފުރިހަމަ ގޮތުގައި ބަހައްޓަންޖެހޭ މަހެއް ކަމަށެވެ. އެހެންކަމުން، މި މަހުގައި ރަހިމުގެ ގުޅުން ބަދަހިކުރުމާއި، ނިކަމެތިންނަށް އެހީތެރިވުމާއި، ނަމާދު ޤާއިމުކުރުމާއި، ކީރިތި ޤުރްއާން ތިލާވަތުކުރުމާއި، އިޢުތިކާފުގައި އިނުން ފަދަ އަޅުކަންތައް ގިނަގިނައިން ކުރުމަށް ބާރުއެޅިއެވެ. މީގެ އިތުރުން ރޯދަ މަހު ވިޔަފާރިވެރިން މުދަލުގެ އަގު ކޮންޓްރޯލްކޮށް އުޚުރަވީ ހަޔާތުން ފައިދާ ހޯދަން މިއަދުގެ ޚުތުބާގައި ވަނީ ގޮވާލައިފައެވެ.

ރަމަޟާން މަހަކީ އިންސާނިއްޔަތަށް ބާވައިލެއްވި އެންމެ މާތް ފޮތްކަމުގައިވާ ކީރިތި ޤުރުއާން އެ މައްސަރުގައި ބާވާލެއްވި މަސްކަމަށްވާއިރު، އެ މަހު ހިފާ ރޯދަ އާއި ކުރާ ހެޔޮ ޢަމަލުތަކުގެ ދަރުމަ އެތައް ގުނައަކަށް އިތުރުވެގެންވެއެވެ. ހުކުރު ޚުޠުބާގައި ބުނީ މި މާތް މައްސަރަކީ ނަރަކައިން ސަލާމަތްވުމާއެކު، ހެޔޮ ޢަމަލުތަކަށް މަގުފަހިވުމުގެ އިތުރުން ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވި، ނަރަކައިގެ ދޮރުތައް ބަންދުކުރެވޭ މަހެއް ކަމަށެވެ.

ޚުތުބާގައި ބުނިގޮތުގައި ސަލަފުއް ސާލިހުން ރޯދަ މަހާ ކުރިމަތިލައްވާފައި ވަނީ، އެންމެ ހިނދުކޮޅެއް ވެސް ހެޔޮކަމުން މަހުރޫމު ނުވާނެ ގޮތަށް ކަމުގަ އެވެ. ބައެއް ބޭބޭކަލުން ކީރިތި ގުރްއާން ކިޔަވައި ވިދާޅުވުމުގައި މުޅި ވަގުތު ހޭދަކުރައްވާ ކަމުގަ އެވެ.

ރޯދައިގެ މަގުސަދަކީ ދުނަޔަވީ އެންމެހާ އެދުންތަކުން ނަފުސް ތާހިރުކޮށް، އުޚްރަވީ ހަޔާތުން ލާބަ ހޯދުންކަން ފާހަގަކޮށް މި ބަރަކާތްތެރި މައްސަރުގެ ފައިދާ އެންމެ ފުރިހަމަ ގޮތުގައި ހާސިލުކުރެވޭތޯ މަސައްކަތްކުރަން ޖެހޭ ކަމަށް ހުކުރު ޚުތުބާގައި ވަނީ ބުނެފަ އެވެ. ވޭތުވެދިޔަ ދުވަސްތަކުގައި ފަރުވާކުޑަކުރެވުނު ކަންތައްތައް އިސްލާހުކޮށް، ރޯދަ މަހުގެ ދުވަސްތަކުގައި އޭގެ ހިސާބެއް ނެތް ރަހުމަތާއި މަޣުފިރަތާއި ރުއްސެވުން ހާސިލުކުރުމަށް އަޒުމު ކަނޑައެޅުމަށް ވަނީ ގޮވާލާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު