ENGLISH
21 އޭޕްރީލު 2025
ހުޅުމާލޭގައި އާ މިސްކިތެއްގެ ބިންގާ އަޅަނީ
28 ފެބްރުއަރީ 2025
|
މިސްކިތް ބިނާކޮށް ނިމޭއިރު ހުންނާނެ ގޮތުގެ ފަރުމާއެއް-- ފޮޓޯ: ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދުގެ ފޭސްބުކް ޕޭޖު
ހުޅުމާލޭގައި އައު މިސްކިތެއްގެ ބިންގާ މިއަދު ހަވީރު އަޅާނެކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު، ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ޑރ.ޝަހީމް ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މ. ތައިބާ، ޝެއިޚް އިސްމާޢީލް މުޙައްމަދުގެ ދީލަތި އެހީގައި ހުޅުމާލެގައި ބިނާކުރެވޭ މި މިސްކިތް (މަސްޖިދު އުންމުލް މުއުމިނީން ޢާއިޝާ ރަޟިޔަﷲ ޢަންހާ) މެނޭޖްކުރާނީ މަދީނާ އިންވެސްޓްމަންޓުގެ ފަރާތުން ކަމަށާއި މިސްކިތް ޢިމާރާތްކުރާނީ މާލާ ކޮންސްޓްރަކްޝަނުން ކަމަށެވެ. އަދި މިކަމަށް ގާތްގަނޑަކަށް 20 މިލިޔަން ރުފިޔާ ޚަރަދުވާނެ ކަމަށްވެސް ޑރ.ޝަހީމް ވިދާޅުވިއެވެ. އެތައް އަހަރެއްވަންދެން ޓިނުން ހަދާފައިވާ ވަގުތީ މިސްކިތް ހުރި ތަނުގައި ބިނާކުރެވޭ މި މިސްކިތަަކީ ދަރިވަރުން ކިޔެވުމަށާއި އެސައިންމަންޓުތައް ހެދުމަށް ތިބެވޭނެ ފުރިހަމަ ރިސަރޗް ލައިބްރަރީ އަކާއެކު ދެބުރިއަށް ބިނާކުރެވިގެންދާނެ މިސްކިތެއް ކަމަށް ވިދާޅުވިއެވެ.
ޑރ.ޝަހީމް އިތުރަށް ވިދާޅުވީ މި މިސްކިތަށް ފުރިހަމަ ސޯލާ ނިޒާމަކުން ކަރަންޓު ދެވިގެންދާނެ ކަމަށާއި މިސްކިތް އޭސީކުރެވިގެންދާނެ ކަމަށެވެ. އަންހެނުން ނަމާދު ކުރުމަށް ޚާއްޞަ ޖާގައަކާއި އަންހެނުންނަށް ޚާއްޞަ ފާޚާނާއެއްގެ އިތުރުން، ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފެސޭހައިން ވަދެ ނިކުމެވޭގޮތަށް ބިނާކުރެވޭ މި މިސްކިތުގެ އެތެރެއާއި ބޭރު ހިމެނޭހެން 2000 މީހުނަށް ނަމާދުކުރެވޭނެކަމަށް ވެސް ޑރ.ޝަހީމް ވިދާޅުވިއެވެ.
އަމާޒަކީ އަންނަ ރަމަޟާން މަހު މިސްކިތް ހުޅުވުން ކަމަށާއި، މިސްކިތް ހުޅުވުމަށްފަހު މިސްކިތުގައި އިލްމީ ދަރުސްތަކާއި ޤުރުއާން ހިތު ދަސްކުރުމުގެ ކްލާސްތައް ކުރިއަށް ގެންދެވޭނެ ކަމަށްވެސް ޑރ. ޝަހީމް ވިދާޅުވިއެވެ.