ENGLISH
12 ސެޕްޓެމްބަރު 2025
ގެމަނަފުށީގައި ތަރައްޤީކުރި އައިސްޕްލާންޓް ހުޅުވައިފި
28 ފެބްރުއަރީ 2025
|
ގއ. ގެމަނަފުށީ އައިސް ޕްލާންޓު ރަސްމީކޮށް ހުޅުވައިފިއެވެ.
ގެމަނަފުށީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ގެމަނަފުށީގެ އާ އައިސް ޕުލާންޓް ހުޅުއްވައިދެއްވީ ފިޝަރީޒް އެންޑް އޯޝަން ރިސޯސެސް މިނިސްޓަރު އަހުމަދު ޝިޔާމް އެވެ. މި ރަސްމިއްޔާތުގައި މަސްވެރިކަމާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމުގެ އިތުރުން އިންޑިޔަން ހައި ކޮމިޝަނަރ ޖީ. ބާލަސުބްރަމަނިއަމް އާއި މިފްކޯގެ ސީއީއޯ ޑރ. ވިތާލީ ލުއިބިމޯވް އާއި ފޮރިން މިނިސްޓްރީގެ ބައެއް ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ގެމަނަފުށީ ކައުންސިލްގެ މެންބަރުންނާއި ގެމަނަފުށީ މުއައްސަސާތަކުގެ އިސްވެރިންނާއި މިފްކޯގެ ސީނިއަރ ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ މަސްވެރި މޫސުމުގައި މަސްވެރިންނަށް އައިސް ލިބުމުގައި ހުރި ދަތިތަކަކީ އަދިވެސް މަސްވެރިންނަށް އޮތް ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށާއި އެކަން ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިތުރު 13 އައިސް ޕުލާންޓެއް އެޅުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.
މީގެ އިތުރުން ވަޒީރު ވިދާޅުވީ މިއަދު ހުޅުވުނު އައިސް ޕުލާންޓުން ދެކުނުގައި މަސްވެރިކަން ކުރާ މަސްވެރިން އައިސް ހޯދުމަށް ކުރަންޖެހޭ މަސައްކަތަށް ލުއި ލިބިގެން ދާނެކަމަށާއި އައިސް ހޯދަން އެކި ރަށްރަށަށް ދުއްވަންޖެހުން މަދުވެގެން ދިއުމާއި ތެލަށްކުރާ ހޭދަ މަދުވެގެންދާނެ ކަމަށެވެ. އެއާއެކު މަސްވެރިންގެ އާމްދަނީ ރަނގަޅުވެގެން ދާނެކަމަށެވެ.
ގެމަނަފުށީގައި އަލަށް ގާއިމުކުރި މި ޕުލާންޓް އަޅާފައިވަނީ އިންޑިއަން އެކްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓް (އެލްއޯސީ) ފެސިލިޓީގެ ދަށުންނެވެ. މިއީ ދުވާލަކު 50 ޓަނުގެ ބްލޮކް އައިސް އުފެއްދޭ ޕްލާންޓެކެވެ. އަދި މި ޕުލާންޓުގައި 100 ޓަނުގެ އައިސް ރައްކާކުރާ ސްޓޯރޭޖެއް ހުރެއެވެ. އެހެންކަމުން މި ޕުލާންޓުގައި ކޮންމެ 24 ގަޑިއިރަކުން 150 ޓަނުގެ އައިސް މަސްވެރިންނަށް ފޯރުކޮށްދިނުމުގެ ގާބިލުކަން ހުންނާނެއެވެ.