ENGLISH
21 އޭޕްރީލު 2025
ރޯދަ މަހު މަސް ދަޅު ކޭސް ދޫކުރާ ގަޑިތައް އިއުލާނުކޮށްފި
28 ފެބްރުއަރީ 2025
|
ގަލޮޅު ދަނޑުގައި މަސްދަޅު ބެހުމުގައި ސިފައިން ހަރަކާތްތެރިވަނީ. --ފޮޓޯ:އެމްއެމް
އަންނަ ރަމަޟާން މަހާ ދިމާކޮށް ސަރުކާރުން ގޭބީސީތަކަށް ދޫކުރަމުންދާ މަސްދަޅު ކޭސް، ރޯދަ މަހުގެ ދުވަސްތަކުގައި ދޫކުރަން ހަމަޖެހިފައިވާ ގަޑިތައް އިއުލާނުކޮށްފި އެވެ.
ރޯދަ މަހުގެ ދުވަސްތަކުގައި ރޯދަ ހަދިޔާ ބެހުމުގެ މަސައްކަތްތައް ކުރިއަށްދާ ގޮތާ ގުޅިގެން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މި މަހުގެ 28 ވަނަ ދުވަހުގެ ރެއާއި، އަދި 2 މާޗް ވަނަ ދުވަހުގެ ރެއިން ގެށިގެން މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ ގޭގެއަށް މަސް ދަޅު ދޫކުރަމުންދާނެ ކަމަށެވެ.
ކުރިން ވެސް މަސްދަޅު ކޭސް ދޫކުރަމުން އައި ތަންތަނުން ރޭގަނޑު 09:30 އިން 11:30 އަށް އެ އިންތިޒާމް ހަމަޖެހިފައިވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ. އެކަމަކު، މާޗް 1 ވަނަ ދުވަހު މަސް ދަޅު ކޭސް ދޫނުކުރާނެ ކަމަށް ބުނެފައިވެ އެވެ.
މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން ގޭބިސީތަކަށް ރޯދަ ހަދިޔާ ބެހުމުގެ މަސައްކަތް ސަރުކާރުން އެންމެ ފުރަތަމަ ކުރީ ފަސް ތަނަކުން މަސް ދަޅު ދޫކުރާ ގޮތަށް އިންތިޒާމްތައް ހަމަޖައްސައިގެންނެވެ. ގިނަ ބަޔަކު އެތަންތަނަށް ޖަމާވުމުގެ ސަބަބުން، ގިނަ ވަގުތު ކިޔުގައި މަޑުކުރަން ޖެހުމުގެ ޝަކުވާ އާއްމުންގެ ފަރާތުން ލިބުނެވެ. އެހެންވެ، ސަރުކާރުން ނިންމީ އިތުރު ތަންތަނުން މަސްދަޅު ދޫކުރުމުގެ އިންތިޒާމް ހަމަޖައްސައި، އެ މަސައްކަތް ފުޅާކުރުމަށެވެ.
އެގޮތުން، 13 ތަނަކުން މަސްދަޅު ދޫކުރުމުގެ އިންތިޒާމްތައް ހަމަޖައްސާފައިވާއިރު ސަރުކާރުން ބުނެފައިވަނީ، ހުރިހާ ގޭބީސީއަކަށް މަސްދަޅު ކޭސް ދޫކުރެވެންދެން އެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ.
"ރޯދަހަދިޔާ ޕޯޓަލް"ގެ ނަމުގައި ޕޯޓަލް އެއް ގާއިމުކޮށް މާލެ ސަރަހައްދުގައި މަސްދަޅު ކޭސް ބެހުމުގެ ކަންކަން ޓޯކަން ދޫކޮށްގެން ކުރިއަށްގެންދިއުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ. އެ ޕޯޓަލްގައި ވާގޮތުން މަސްދަޅު ކޭސް ބަލައި އަންނަ ގަޑިވެސް ދުރާލާ ޝެޑިއުލްކޮށްލެވެ އެވެ.
މަސްދަޅު ދޫކުރާ ތަންތަން:
1- މިފްކޯ މައި އިމާރާތް: 200 ޓޯކަން
2- އެމްޓީސީސީ ސޯމިލް: 200 ޓޯކަން
3- ހެންވޭރު ދަނޑު: 100 ޓޯކަން
4- ގަލޮޅު ދަނޑު: (ސެޓަޕް 1) 50 ޓޯކަން
5- ގަލޮޅު ދަނޑު: (ސެޓަޕް 2) 50 ޓޯކަން
6- ގަލޮޅު ދަނޑު: (ސެޓަޕް 3) 50 ޓޯކަން
7- ގަލޮޅު ދަނޑު: (ސެޓަޕް 4) 50 ޓޯކަން
8- ސޯޝަލް ސެންޓަރު: 100 ޓޯކަން
9- ވިލިމާލެ، ވެމްކޯ ސައިޓް: 100 ޓޯކަން
10- ހުޅުމާލެ، އުމަރު ޒާހިރު ބިލްޑިންގ: 100 ޓޯކަން
11- ހުޅުމާލެ، ޕޮލްކޯ ޓަވަރު: (ސީ ބްލޮކް) 100 ޓޯކަން
12- ހުޅުމާލެ ހިޔާ ޓަވަރު: 10- 100 ޓޯކަން
13- ހުޅުމާލެ، ކާމިލް ދީދީ ޕްރީ ސްކޫލް: 100 ޓޯކަން
އޮންލައިންކޮށް ޚިދުމަތް ހޯދަން ދަތިވާ ފަރާތްތަކަށް ވެސް އިތުރު އިންތިޒާމްތަކެއް ސަރުކާރުން ވަނީ ހަމަޖައްސާފަ އެވެ. އެގޮތުން، އެފަދަ ފަރާތެއް ނަމަ، މަރުކަޒަކަށް ވަޑައިގެންނެވުމުން މުވައްޒަފުންގެ އެހީތެރިކަން ލިބިގެންދާނެކަމަށް ބުނެފައިވެ އެވެ.
މަސް ދަޅު ކޭހެއް ބަލައި އަންނަ ނަމަ އައިޑީކާޑާއި އެއްމަހުގެ ކަރަންޓު ބިލު ހިފައިގެން ދާން ޖެހެއެވެ.