ENGLISH
21 އޭޕްރީލު 2025
ޢިއްޒުއްދީން ފާލަން- ދިވެހިވަންތަކަން ދައްކުވައިދޭ ދިވެހި ފަރުމާއެއް
27 ފެބްރުއަރީ 2025
|
ޢިއްޒުއްދީން ފާލަން އަލުން ހުޅުވުމުގެ ރަސްމިއްޔާތުގައި އިންފްރާސްޓްރަކްޗަރ މިނިސްޓަރ ވާހަކަފުޅުދައްވަނީ- ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
މާލޭގެ މުހިންމު ބިނާތައް ލިސްޓުކުރާނަމަ، ރަސްމީ ފާލަން، ރައީސް ފާލަން، އެއް ނަންބަރު ފާލަން، ނުވަތަ މިހާރުގެ ނަމުން ނަމަ ޢިއްޒުއްދީން ފާލަމަކީ އަބަދުވެސް ލިސްޓުގެ ކުރީގައި އޮންނާނޭ ބިނާއެކެވެ. ހަމައެކަނި ރަސްމީ ފާލަމަށް ވީތީ، އެ ބިނާއާ ގުޅިފައިވާ ހައިބަތުގެ ސަބަބުންނެއް ނޫނެވެ. އެންމެ އިހު ޒަމާނުއްސުރެ، ފާލަން ފަރުމާކުރެވިފައިވާ ސާދާ، ރީތި ދިވެހިވަންތަ ގޮތުގެ ސަބަބުން ވެސް މެއެވެ.
މިރޭ، މަރާމާތުތަކަކަށް ބަންދުކުރުމަށްފަހު، ޢިއްޒުއްދީން ފާލަން އަލުން އިފްތިތާޙުކުރިއިރު ފެންނަނީ، ދިވެހިވަންތަކަމެވެ. ތަރިކަ އާއި ތާރީޚެވެ. ޒަމާނީ ފަންނިއްޔާތާއި، ޘަޤާފީ ފަންނުވެރިކަމުގެ ބުގިސް ގެތުމެކެވެ.
ފާލަން ފަރުމާކުރުމުގައި ދިވެހި ޘަޤާފަތާއި، ދިވެހީންގެ އަމިއްލަވަންތަކަން ދައްކުވައިދިނުމަށް ވަނީ ޚާއްޞަ އިސްކަމެއް ދީފައެވެ. އެގޮތުން، ފާލަން ފަރުމާކޮށްފައިވަނީ، ދިވެހިރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ރައީސް ސުމުއްވުލް އަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނުގެ ވެރިކަމުގައި ބޭނުންކުރެއްވި ރަސްމީ ފާލަމާއި، ދެވަނަ ޖުމްހޫރިއްޔާގެ ދެވަނަ ރައީސް، ނިޝާން ޣާޒީގެ ޢިއްޒަތުގެ ވެރިޔާ އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި ބޭނުންކުރެއްވި ރަސްމީ ފާލަމުގެ ފަރުމާއަށް ރިޢާޔަތްކޮށްގެންނެވެ. ދިވެހިރާއްޖޭގައި އެންމެ ފަހުން ރަސްކަންކުރެއްވި އައްސުލްޠާން މުޙައްމަދު ފަރީދުލްއައްވަލް، ކީރިތި މަހާރަދުންގެ ތޮފިކޮޅު ސިފަވާފަދަ ނިޝާނެއްވެސް ފަރުމާގައި ހިމަނާފައިވެއެވެ.
ރަސްމީ ފާލަމުގެ ކުރީގެ ފޮޓޯއެއް- ފޮޓޯ: ވޮނަދޮނަ ރާއްޖެ ފޭސްބުކް ޕޭޖުން
ފާލަމުގެ ތަނބުތަކުގެ ބުޑު ހަދާފައިހުރީ ހުދުކުލައިނ، ހިރިގަލުވަޑާމުގެ ފަރުމާތައް ސިފަވާގޮތަށެވެ. ފާލަމުގެ ތަނބުތަކާއި، ފަޑިތަކާއި ތޭރިތަކުން ފެންނަނީ ދިވެހި ވަންތަ ތެދުއިއިވަޑާމެވެ. ފުރާޅުގެ ބެރިތަކުގެ ކުރެހުންތަކުން ފެންނަނީ ތުނޑުކުނަލުގެ ކަވި ގެތުންތަކުން ދައްކުވައިދޭ ހިތްގައިމު މަންޒަރެވެ.
ޢިއްޒުއްދީން ފާލަން މަރާމާތައް ބަންދުކުރިއިރު ހުރީވެސް ދިވެހިވަންތަކަން ދައްކުވައިދޭ ފަރުމާއެއްގައެވެ. މިނިވަން ފަންސާހަށް ފާލަމުގެ ފަރުމާ ބަދަލުކުރި އިރު، ފާލަން ހަދާފައި ހުރީ، ރިޔާ ނެގި ބައްތެއްޔެއްގެ ސިފަ ދުރުން ފެންނަ ގޮތަށެވެ. އޭރު ރަސްމީ ފާލަމަށް އައި އެންމެ މުހިންމު އެއް ބަދަލަކީ، ފާލަމުގެ ނަމަށް އައި ބަދަލެވެ. އައްސުލްޠާން ޙަސަން ޢިއްޒުއްދީން ނުވަތަ ދޮންބަންޑާރައިންނަށް ނިސްބަތްކޮށް، ޢިއްޒުއްދީން ފާލަމުގެ ނަމުން، ފާލަމަށް ނަން ދެވުމެވެ.
މިއަދު މި ފާލަމަށް އަނެއްކާވެސް އާ ދިރުމެއް ލިބިފައިވާއިރު، 70 އަހަރުގެ ދިގު ތާރީޚެއް އޮންނަ މި ފާލަން ރައީސް އަމީންގެ ދުވަސްވަރުގައްޔާއި ރައީސް މައުމޫންގެ ދުވަސްވަރު ހުރި ގޮތް ނަކަލުކޮށް، ރާއްޖޭގެ ބައެއް ރަށްރަށުގައިވެސް ފާލަންތައް ބިނާކޮށްފައިވެއެވެ.