ENGLISH

21 އޭޕްރީލު 2025

Advertisement

ޢިއްޒުއްދީން ފާލަން ރަމްޒުކޮށްދެނީ، ދިވެހިވަންތަކަމާއި، ދިވެހި ފަންނުވެރިކަމާއި، ދިވެހި މާޒީ އާއި މުސްތަޤުބަލުކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

27 ފެބްރުއަރީ 2025

|

ނަސްމާ ޢަބްދުލް މުޙުސިން

ރައީސުލްޖުމްހޫރިއްޔާ ޢިއްޒުއްދީން ފާލަން އަލުން އިފްތިތާޙުކުރެއްވުމަށްފަހު ވާހަކަފުޅުދައްކަވަނީ- ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ޢިއްޒުއްދީން ފާލަން ރަމްޒުކޮށްދެނީ، ދިވެހިވަންތަކަމާއި، ދިވެހި ފަންނުވެރިކަމާއި، ދިވެހި މާޒީ އާއި މުސްތަޤުބަލުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ޢިއްޒުއްދީން ފާލަން އަލުން ތަރައްޤީކޮށް އިފްތިތާޙުކުރެއްވުމަށް ފަހު މިރޭ، ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މި ފާލަމަކީ، ޤައުމިއްޔަތު ދިރުވައި އާލާކުރުމުގެ ފިކުރު ބިނާކުރުން ހިމެނޭ ގޮތަށް، މި ސަރުކާރުގެ ޤައުމީ ތަރައްޤީގެ ސިޔާސަތާ ގުޅިލާމެހޭ ގޮތަށް ފަރުމާކޮށްފައިވާ ފާލަމެއްކަން ފާހަގަކުރެއްވިއެވެ. ފާލަން ފަރުމާކުރުމުގައި ދިވެހި ޘަޤާފަތާއި، ދިވެހީންގެ އަމިއްލަވަންތަކަން ދައްކުވައިދިނުމަށް ވަނީ ޚާއްޞަ އިސްކަމެއް ދެއްވާފައެވެ.   

މިރޭގެ ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޖުމްހޫރީ މައިދާނުގެ ފައްވާރާއި، ޢިއްޒުއްދީން ފާލަން އަދި ސަލްޓަން ޕާކު ހިމެނޭ މި ސަރަހައްދަކީ މާލޭގެ ރައްޔިތުންގެ ހިތްހަމަޖެހުމަށް އޮތް އެންމެ ބޮޑު އެއް ސަރަހައްދުކަން ފާހަގަކުރައްވައި، އެ ސަރަޙައްދުގެ ތަރައްޤީއަށް ގެންގުޅުއްވާ ވިސްނުންފުޅުވެސް ހިއްސާކުރައްވާފައެވެ.  

އެގޮތުން، ކުރިއަށް އޮތް ހައެއްކަ މަސްދުވަހުގެ ތެރޭގައި ސަލްޓަން ޕާކު އަލުން ތަރައްޤީކުރައްވާނޭކަމުގެ ޚަބަރުވެސް އެމަނިކުފާނު ވަނީ ދެއްވާފައެވެ. ސަލްޓަން ޕާކު ތަރައްޤީކުރައްވާނީ، ބަވަނަވަމުންދާ ދުނިޔޭގެ ޒަމާނީ ފަންނިއްޔާތު ބޭނުންކޮށްގެން އަދުގެ ޖީލަށް ޝައުޤުވެރިކުރަނިވި ގޮތެއްގައި ރާއްޖޭގެ ތާރީޚު ދަސްވާނޭ ގޮތަކަށް ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.  

މީގެ އިތުރުން އެމް.ޓީ.ސީ.ސީ ފެރީ ޓަރމިނަލުން ފެށިގެން އެމް.އެމް.އޭގެ ޢިމާރާތާ ހަމައަށް މަގު ތަރައްޤީކުރުމުގެ މަސައްކަތް، މި ރަމަޟާން މަސް ނިމުމުގެ ކުރިން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އިން ފަށާނޭކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. މިމަގު ތަރައްޤީކުރެވިގެންދާނީ، މަގުގައި ދެ ލޭން ހިމެނޭ ގޮތަށް، ޝީޓްޕައިލްކޮށް، މޫދުން ބައެއް ނަގައި، މަގު ފުޅާކޮށްގެން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މި އަހަރު ނިމެންވާއިރަށް މަގު ހެދުމުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ގިނަ ދުވަސްތަކެއް ވަންދެން ޢިއްޒުއްދީން ފާލަން މަރާމާތު ނުކޮށް ހުރުމުގެ ސަބަބުން، ފާލަމުގެ މައި ސްޓްރަކްޗަރ ނުވަތަ ސުޕަރ ސްޓްރަކްޗަރ އަށް ގެއްލުންވެ، ފާލަން ބޭނުންކުރާ ފަރާތްތަކަށް ގެއްލުމެއް ލިބިދާނެތީ، ފާލަމުގެ މައި ސްޓްރަކްޗަރ އަލުން ފަރުމާކޮށް، އަޕްގްރޭޑްކުރުމުގެ މަސައްކަތް އެމް.ޓީ.ސީ.ސީ އާ ހަވާލުކުރެއްވީ މީގެ އަހަރެއްހާ ދުވަސް ކުރިންނެވެ. 

ކިޔުންތެރިންގެ ހިޔާލު