ENGLISH

12 ސެޕްޓެމްބަރު 2025

Advertisement

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ހއ. އިހަވަންދޫގައި ޑައިލިސިސް ހިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވައިފި

27 ފެބްރުއަރީ 2025

|

އިސްމާއީލް ރާތިއު

މެޑަމް ސާޖިދާ މުޙައްމަދު އިހަވަންދޫއަށް ވަޑައިގެންނެވުމުން އެކަމަނާއަށް މަރުހަބާ ދަންނަވަނީ

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، ހއ.އިހަވަންދޫގެ އައިމިނާދިޔޯ ސިއްޙީ މަރުކަޒުގައި ޑައިލިސިސް ހިދުމަތް ރަސްމީކޮށް މިއަދު ފައްޓަވައިދެއްވައިފިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޞިއްޙަތާބެހޭ ވަޒީރު ޢަބްދުﷲ ނާޡިމް ވިދާޅުވީ މިހާރު ޑައިލިސިސްގެ ހިދުމަތްދެމުންދާ މަރުކަޒުތަކުގެ އިތުރުން 9 މަރުކަޒެއްގައި މިހިދުމަތް ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އިހަވަންދޫގައި ވަރަށް އަވަހަށް ފިޒިޝަނެއްގެ ހިދުމަތްވެސް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން އިހަވަންދޫ ދާއިރާގެ މެމްބަރު އަޙުމަދު ނަޞީރު ވަނީ އަމިއްލަފުޅު ތަޖުރިބާއެއް ހިއްސާކުރައްވާ، ރަށުގެ ކަނބަލުން މާބަނޑު ދުވަސްވަރު ކޮންމެ މަހަކު ދަތުރުހަދާފައި ކުޅުދުއްފުއްޓަށް ދާންޖެހުމަކީ އެކަނބަލުންނަށް ދެވޭ ވަރަށްބޮޑު ތަކުލީފެއް ކަމަށާއި މިކަމުން އަރައިގަނެވޭނެ ފަސޭހަ ގޮތެއް ހޯދައިދިނުމަކީ ސަރުކާރުން ކޮންމެހެންވެސް ކުރަންޖެހޭނެ ކަމެއް ކަމަށެވެ.

ޑައިލިސިސްގެ ޚިދުމަތް ރަސްމީކޮށް އިފްތިތާހުކޮށްދެއްވުމަށްފަހު ވާހަކަދައްކަވަމުން މެޑަމް ސާޖިދާ ވިދާޅުވީ ޑައިލިސިސް ހެދުންފަދަ މުހިންމު ފަރުވާއެއް އަމިއްލަ ފަސްގަނޑުން ލިބޭނެ މަގުފަހިވުމަކީ ކުޑަ ނިއުމަތެއް ނޫންކަމަށެވެ. އަދި މިފަދަ ބޮޑު، ބުރަ ފަރުވާއަކަށް އިރުއިރުކޮޅުން މާލެ ދާންޖެހޭނަމަ އެކަން ވެގެންދާނީ ބަލިމީހާއަށްލިބޭ އިތުރު ތަކުލީފަކަށްކަންވެސް އެކަމަނާ ފާހަގަކުރެއްވިއެވެ. 

އެކަމަނާ އިތުރަށް ވިދާޅުވީ މިސަރުކާރުން ޑައިލިސިސްގެ ޚިދުމަތް ލިބޭ މަރުކަޒުތައް އިތުރުކުރުމަށް މިހާބޮޑަށް ބާރުއަޅަނީ އެކަމުގައި ހިތި މާޒީއެއް އެކުލެވިފައިވާތީ ކަމަށާއި ރައްޔިތުން އެތައް ބުރައެއް، އެތައް ވޭނެއް، ހިތާމައެއް ތަހައްމަލުކުރަމުން ދާތީކަމަށެވެ. 

މެޑަމް ސާޖިދާ އިހަވަންދޫއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެރަށުގެ ޑައިލިސިސް ސެންޓަރު ރަސްމީކޮށް ހުޅުވައިދެއްވުމުގެ އިތުރުން އެރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީން ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ ހިތްފަސޭހަ މައިޒާނުގެ ބިންގާ، އެކަމަނާ އަޅުއްވައިދެއްވުމަށްވެސް ހަމަޖެހިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު