ENGLISH

21 އޭޕްރީލު 2025

Advertisement

ކުރީ ސަރުކާރުން ނެރުނު ފްލެޓް ލިސްޓް: ބޮޑެތި އޮޅުވާލުންތަކެއް

27 ފެބްރުއަރީ 2025

|

އަޙުމަދު ޙަމީދު

މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ، ޑރ. އަބްދުﷲ މުއްތަލިބު

ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ކުރީ ސަރުކާރުން ހުޅުމާލޭގައި އިމާރާތްކުރަން ފެށި 4000 ފްލެޓު ލިބުނު މީހުންގެ ލިސްޓް އޭރު ކަނޑައެޅިއިރު ބޮޑެތި އޮޅުވާލުންތަކެއް ހުރި ކަމަށް މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ، ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.

ފްލެޓް ލިސްޓް އާންމު ކުުރުމުގެ ކުރީން މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލްވުމުގައި މިނިސްޓަރު މުއްތަލިބު ވިދާޅުވީ ފްލެޓަށް ޝަރުތު ހަމަވުމުގެ އެންމެ އަސާސީ މިންގަނޑަކީ މާލޭގައި 15 އަހަރު ދިރިއުޅުން ކަމަށެވެ. އެހެން ކަމުން 15 އަހަރު އުޅުނު ކަމަށް ސާބިތުކޮށްދޭން ހުށަހެޅި ލިޔުންތަކުގައި ވަރަށް ގިނަ މައްސަލަތައް ހުރި ކަމަށެވެ.

އުސޫލު އޮތްގޮތުން 2007 ވަނަ އަހަރުން ފެށިގެން މާލޭގައި ދިިރިއުޅޭކަން ސާބިތުކޮށްދޭން ހުށަހަޅަން ޖެހުމަކީ އެންމެ އަސާސީ ކަންތައްކަން ފާހަގަ ކުރައްވާ މިނިސްޓަރު ވިދާޅުވީ އެފަދަ ލިޔުންތައް ހުށަހެޅުމުގައި ގިނަ ގޯސްތަކެއް ހަދާފައިވާ ކަމަށެވެ. އަދި ފްލެޓް ކޮމެޓީއާއި އޭރުގެ ހައުސިން މިނިސްޓްރީން ވެސް އޮޅުވާލުންތަކާއި އެތައް ގޯސްތަކެއް ހަދާފައިވާ ކަމަށެވެ.

އެގޮތުން ޕޯޓަލް އިން ބަލައިގަންނާނެ ކަމަށް ކަނޑައަޅާފައިވާ ލިޔުން ނޫން ލިޔުންތައް ފަހުން ބަލައިގަނެ އެތައް ބަޔަކު ޝަރުތު ހަމަވާ ކަމަށް ކަނޑައަޅާފައިވާކަން ފާހަގަ ކުރެއްވި އެވެ. ފްލެޓަށް އެންމެ ގިނައިން ހުށަހަޅާފައި ވަނީ މާލޭގެ ގޭގައި ދިރިއުޅުނު ކަމަށް އެ ގޭގެއިން ދީފައިވާ ލިޔުންތަކާއި ކައުންސިލުތަކުން ދީފައިވާ ލިޔުންތަކެވެ.

ނަމަވެސް އެއްވެސް ލިޔުމެއް ނެތި ވެސް 8 ޕަސެންޓް މީހުން ޝަރުތު ހަމަވާ ކަމަށް ކަނޑައަޅާ ފްލެޓް ލިބޭ ލިސްޓަށް އަރުވާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އަދި ބައެއް މީހުން މާލޭގައި އުޅުނުކަން ސާބިތުކޮށްދޭން ބައެއް ކުންފުނިތަކުން ވެސް އޮޅުވާލައިގެން މީހުންނަށް ލިޔުން ދީފައިވާ ކަަމަށް ވިދާޅުވި އެވެ. އެ ގޮތުން ކުންފުނީގައި މަސައްކަތް ކުރާ ކަމަށް ކުންފުނި ނުވެސް އުފައްދާ ތާރީޚުގެ ކުރީގެ މައުލޫމާތު ހިމަނައިގެން ލިޔުން ދިނުމާއި ރަށްރަށުގައި އުޅޭ މީހުން މާލޭގައި އުޅޭކަން ދެއްކުމަށް ބައެއް ކުންފުނިތަކުން ލިޔުން ދީފައިވާ ކަމަށެވެ.

އަދި އެއްގެއެއްގެ ފަސް މީހަކަށް ކައުންސިލުން ލިޔުންދީގެން ފްލެޓް ލިސްޓްގައި ހިމަނާފައިވާ މައްސަލައަކާއި ފްލެޓް ކޮމެޓީގެ މެންބަރަކު އޭނާގެ ފޯމް އަމިއްލައަށް ސުޕަވައިޒަރަކަށް ހަވާލުކޮށް އެސައިންކޮށް އިވެލުއޭޓްކޮށް ފްލެޓް ލިބޭ ލިސްޓްގައި ހިމަނާފައިވާ މައްސަލައެއް ވަނީ ފާހަގަވެފައި ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އައިޑީކާޑުގެ އެއް ފުށް ހުށަހެޅި މީހުންނާއި އަދި އެހެނިހެން ލިޔުންތައް ވެސް ފުރިހަމަ ނުވާ މީހުންނަށް ފްލެޓް ލިބޭނެ ކަމަށް ކަނޑައަޅާފައިވުމާއި މާލޭގެ ސުކޫލެއްގައި ދެ އަހަރު އުޅެފައި 15 އަހަރު މާލޭގައި އުޅުނު ކަމަށް ލިޔުން ހަދާ ލިސްޓަގައި ހިމަނާފައިވާކަން ވެސް ފާހަގަ ކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ހުށަހެޅި ފޯމްތަކުގެ މައުލޫމާތަށް ބަލާ ޕޮއިންޓް ހަމަނުވެގެން އިތުރު ޕޮއިންޓް ދީގެން ވެސް ބައެއް މީހުން ލިސްޓަށް ލާފައިވާ ކަމަށެވެ.

ފްލެޓް ލިސްޓް ނެރުނީ ވެރިކަން ބަދަލުވުމުގެ ދެ ދުވަސްކުރީންކަން ފާހަގަ ކުރައްވާ މިނިސްޓަރު ވިދާޅުވީ ލިސްޓް އާންމުކުރި ފަހުން ވެސް އެންމެ ފަހު ދެ ދުވަހު ވެސް ފްލެޓް ކޮމެޓީގެ މެންބަރުން ޕޯޓަލަށް އެކްސެސްވެފައިވާ ކަމަށެވެ.

"މި ހުރިހާ ކަމަކަށް ބެލުމަށް ފަހު ލިސްޓުން ވީހާވެސް ގިނަ ބަޔަކު އުނިނުވާނެ ގޮތަށް ލުއި ދީގެން އަޅުގަނޑުމެން ލިސްޓް ތައްޔާރު ކޮށްފައިވާނީ،" މިނިސްޓަރު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު