ENGLISH

21 އޭޕްރީލު 2025

Advertisement

ފްލެޓަށް ޝަރުތުހަމަވީ 1،820 މީހުން؛ 53 އިންސައްތަ ފޯމު ސައްހައެއް ނޫން: މުއްތަލިބު

27 ފެބްރުއަރީ 2025

|

އުމްނާ އިސްމާޢީލް

މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ، ޑރ. އަބްދުﷲ މުއްތަލިބް، ފޮޓޯ: ރައީސް އޮފީސް

"ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ކުރީ ސަރުކާރުން ހުޅުމާލޭގައި އިމާރާތްކުރަން ފެށި 4000 ފްލެޓު ލިބުނު މީހުން ވެރިފައިކުރުމަށް ފަހު، އޭގެ ތެރެއިން ޝަރުތުހަމަަވަނީ 1,820 މީހުން ކަމަށް ސަރުކާރުން މިއަދު ހާމަކޮށްފި އެވެ.

މިއަދު އާއްމުކުރުމަށް ހަމަޖެހިފައިވާ ފްލެޓު ލިސްޓު ޝާއިއުކުރުމުގެ ކުރިން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ، ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވި ގޮތުގައި ވެރިފައިކުރެވުނު 4،939 ފޯމުގެ ތެރެއިން 55 އިންސައްތަ ފޯމުގެ ޝަރުތުހަމައެއް ނުވެ އެވެ. އަދި 45 އިންސައްތަ ފޯމުގެ ޝަރުތުހަމަވާއިރު ފްލެޓު ލިބޭނެ ކަމަށް ލިސްޓުގައި އޮންނާނީ މިނިސްޓަރު ވިދާޅުވި ގޮތުގައި، 1820 މީހުންނެވެ.

މިނިސްޓަރ ވިދާޅުވީ ފްލެޓު ލިބޭ ކަމަށް ކަނޑައަޅާފައިވާ ފަރާތްތަކަށް އެތަންތަން ހަވާލުކުރުމުގެ މަސައްކަތް ހަލުވިކަމާ އެކު ކުރިއަށްދާނެ ކަމަށެވެ. އެގޮތުން ދައުލަތުގެ އިދާރާތަކުން ބަލަންޖެހޭ ކަންކަން ބަލާ ނިމުމުން އެއްބަސްވުންތަކުގައި ސޮއިކުރުމަށްފަހު އަންނަ މަހުގެ ތެރޭގައި ފްލެޓުތައް ހަވާލުކުރަން ފެށޭނެ ކަމަށެވެ.

"ބައެއް ބްލޮކްތަކުގެ މަސައްކަތް ނިމި، މާޗް މަސްތެރޭގައި އެތަންތަން އެފްޑީސީއާ ހަވާލުކުރެވޭ ހިސާބަށް އަޅުގަނޑުމެންނަށް ތަންތަން ލިބޭ ފަރާތްތަކާއި ހަވާލުކުރެވެން ފެށޭނެ ކަމަށް ބެލެވޭ،" މިނިސްޓަރ ވިދާޅުވި އެވެ.

މުއްތަލިބް ވިދާޅުވީ މިހާރު ކުރިއަށްދަނީ އެތަންތަނަށް ފެނާއި ނަރުދަމާ ގުޅުމުގެ މަސައްކަތް ކަމަށެވެ.

ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރު ވެރިކަމާ ހަވާލުވާން ދެ ދުވަހަށް ވެފައިވަނިކޮށް ކުރީ ސަރުކާރުން ފްލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓެއް އިއުލާނުކޮށް ފްލެޓު ލިބުނު ބައެއް މީހުންނާ އެކު އެއްބަސްވުން ވެސް ހެދިއެވެ. އެހެންނަމަވެސް އެ ލިސްޓަށް ހުށަހެޅުނު ޝަކުވާތަކަކާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރި ތަހުގީގުގައި، އެ ސްކީމަށް ހުށަހަޅާފައިވާ ފޯމުތަކުގެ ތެރެއިން 59.6 އިންސައްތަ ފޯމަކީ ޝަރުތު ހަމަނުވާ ފޯމުތަކެއްކަން ހާމަވި އެވެ.

ފްލެޓު ލިބުނީ އެންމެ ހައްގުވެރި ފަރާތްތަކަށްކަަން ކަަށަވަރުކުރުމަށްޓަކައި، އެ މީހުން ވެރިފައިކުރުމުގެ މަސައްކަތްކުރަމުންދާ ކަމަށް މި ސަރުކާރުން ހާާމަކުރީ  މިދިޔަ މަހު އެވެ. އެގޮތުން، މެދުނުކެނޑި މާލޭގައި 15 އަހަރު ދިރިއުޅުނުތޯ ބަލާ ގޮތަށް ބަދަލު ގެނެސް، ލިޔެކިޔުންތަކުގެ ސައްހަކަން ކަށަވަރުކޮށްފައިވެ އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ ލިސްޓުން ގިނަ ބަޔަކު އުނިކުރީ ވެސް މާާލޭގައި ދިރިއުޅުނުކަމުގެ ލިޔެކިޔުންތައް ހަމަނުވާ މައްސަލައިގައި ކަމަށެވެ. ނުވަަތަ ސައްހަ ނޫން ލިޔެކިޔުން ހުށަހެޅި މައްސަލައިގަ އެވެ.  

ފައިނަލް ލިސްޓު ގެޒެޓު ކުރާނީ، ހުށަހަޅާފައިވާ ފޯމުތަކުގެ މައްސަލައެއްވާ ނަމަ، އެކަން ވެސް ފެންނަން ހުންނާނެ ގޮތަށް ކަމަށް މިނިސްޓްރީން ވަނީ މީގެ ކުރިން ބުނެފައެވެ. ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ވަނީ އެއްމަސް ދުވަހުގެ މުއްދަތެއް ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު