ENGLISH

21 އޭޕްރީލު 2025

Advertisement

ފުލެޓު ލިސްޓު؛ އެންމެ ގިނަ މީހުން ޝަރުތުރު ހަމަނުވީ މާލޭގައި އުޅުނުކަން ސާބިތުކޮށްނުދެވިގެން

27 ފެބްރުއަރީ 2025

|

ޝިފްޒާން އަޙްމަދު

ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރަސްޓްރަކްޗާ މިނިސްޓަރު ޑރ.ޢަބްދުﷲ މުއްޠަލިބު، ފޮޓޯ: ރައީސް އޮފީސް

ކުރީ ސަރުކާރުން މާލޭ ސަރަހައްދުގައި ހިންގި "ގެދޮރުވެރިޔާ" މަޝްރޫއުގެ ތެރެއިން ހުޅުމާލޭގައި ބިނާކުރި 4،000 ހައުސިން ޔުނިޓު ލިބުނުކަމަށް ކުރީ ސަރުކާރުން ކަނޑައެޅި ލިސްޓުގައި ހިމެނުނު މީހުންގެ ތެރެއިން ޝަރުތު ފުރިހަމަނުވާ މީހުންގެ ތެރެއިން އެންމެ ގިނަ ބައެއްގެ ޝަރުތު ފުރިހަމަނުވީ މާލޭގައި 15 އަހަރު ދިރިއުޅުނުކަން ސާބިތުކުރުމަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށަނޭޅުމުގެ ސަބަބުންކަން ސަރުކާރުން ހާމަކޮށްފިއެވެ. 

ފުލެޓު ލިސްޓާ ބެހޭ މައުލޫމާތު ދިނުމަށް މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރަސްޓްރަކްޗާ މިނިސްޓަރު ޑރ.ޢަބްދުﷲ މުއްޠަލިބު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ކުރީ ސަރުކާރުން ނެރުނު ފުލެޓު ލިސްޓުގެ ސައްހަކަން ކަށަވަރުކުރުމަށް ސަރުކާރުން ކުރި މަސައްކަތުގެ ތެރެއިން، އެ ލިސްޓުގައި ހިމެނުނު މީހުންގެ ތެރެއިން 53 އިންސައްތަ މީހުންނަށް ޝަރުތު ހަމަވާ މިންވަރަށް ޕޮއިންޓު ލިބިފައިނުވާ ކަމަށެވެ. 

އިތުރަށް މިނިސްޓަރު ވިދާޅުވީ ޝަރުތުހަމަނުވާ ސަބަބުތަކަށް ބަލާއިރު އެންމެ ގިނަ ބަޔަކު ޝަރުތު ހަމަނުވީ މާލޭގައި 15 އަހަރު ދުވަހު އުޅުނުކަން ސާބިތުކުރުމަށް ހުށަހަޅާފައިވާ ލިޔުންތަކުގައި ހުރި މައްސަލަތަކުގެ ސަބަބުން ކަމަށެވެ. ގެދޮރުވެރިޔާ ސްކީމަށް ކުރިމަތިލީ ގުޅި މީހުންނަކީ މާލެއަށް ހިޖުރަކޮށް މާލޭގައި ދިރިއުޅޭ މީހުންކަން ފާހަގަކުރައްވަމުން މުއްތަލިބު ވިދާޅުވީ މި ސްކީމުގެ އެންމެ އަސާސީ އެއް ޝަރުތަކީ 2007 ވަނަ އަހަރުން ފެށިގެން މާލޭގައި ދިރިއުޅުނުކަން ސާބިތުކޮށްދިނުން ކަމަށެވެ. 

އިތުރަށް މުއްތަލިބު ފާހަގަކުރެއްވީ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ފުރަތަމަ ހުޅުވައިލި މުއްދަތުގެ ތެރޭގައި ވަރަށް ގިނަ ބަޔަކު ޝަކުވާ ހުށަހެޅުމުން، ޕޯޓަލުގައި ބަލައިގަންނަން ކަނޑައަޅާފައިވާ ލިޔުންތައް ފިޔަވައި އެހެނިހެން ލިޔުންތައް ގިނަ އަދަދަށް ބަލައިގަނެފައިވާ ކަމެވެ. 

"އަޅުގަނޑުމެންނަށް ފާހަގަކުރެވުނު އެއްކަމަކީ އެއިރު އާންމުކުރި ވަގުތީ ލިސްޓާ ގުޅިގެން ވަރަށް ގިނަ ފަރާތްތަކުން ޝަކުވާ ހުށަހެޅުމާއެކު، އެއިރުގައި އެބަހުރި ލިޔުންތަކެއް ބަލައިގެންފައި. ފައިނަލް ލިސްޓަށް އައި މައިގަނޑު ބަދަލަކީ ޕޯޓަލުން ބަލައިގަންނާނެކަމަަށް ކަނޑައަޅާފައިވާ ލިޔުންތައް ނޫން ލިޔުންތައް ޝަކުވާ މުއްދަތުގެ ތެރޭގައި ބަލައިގެންފަައި އެ ޝަރުތު ހަމަކުރުމަށް ބޭނުންކުރުން. އެންމެ ބޮޑު އަދި އެންމެ ގިނަަ އަދަދެއްގެ ލިޔުންތައް ގޮތުގައި ފާހަގަކުރެވިފައިވަނީ މާލޭގެ ގެއެއްގައި ދިރިއުޅުނުކަމަށް އެގެއަކުން ދީފައި އޮތް ލިޔުމެއް.،" ޑރ.މުއްތަލިބު ވިދާޅުވިއެވެ. 

މާލޭގެ ގެއެއްގައި ދިރިއުޅުނުކަމަށް ބުނެ ގެޔަކުން ސިޓީ ހޯދައިގެން އެ ސިޓީގެ މައްޗަށް ބިނާކޮށް މީހުން ޝަރުތު ފުރިހަމަވާކަމަށް ކަނޑައަޅާފައިވާއިރު، އަދި އަނެއްބައި މީހުން މާލޭގައި 15 އަހަރު ދިރިއުޅުނުކަމަށް ކައުންސިލުތަކުން ދިން ލިޔުންތަކަށް ރިއާޔަތްކޮށް ޝަރުތު ފުރިހަމަވާކަމަށް ކަނޑައަޅާފަައިވާކަމަށް މުއްތަލިބު ވިދާޅުވިއެވެ. އަދި މާލޭގައި އެ މުއްދަތުގައި ދިރިއުޅުނުކަން ސާބިތުކުރާނެ އެއްވެސް ލިޔުމެއް ނެތި 8 އިންސައްތަ މީހުން ޝަރުތު ފުރިހަމަވާކަމަށް ކަނޑައަޅާފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. 

އިތުރު އެއް މައްސަލައަކީ ސަރުކާރުގެ ޑޭޓާ ބޭސްގައި ހުރި މައުލޫމާތާއި އެޕްލައިކުރި ފަރާތުން ހުށަހަޅާފައި ހުރި މައުލޫމާތު އެއްގޮތްނުވުމުގެ މައްސަލައެވެ. މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި މާލޭގައި ދިރިއުޅޭ ކަމުގެ ހެއްކެއްގެ ގޮތުގައި ކުންފުންޏެއްގެ ވަޒީފާގައި މާލޭގައި މަސައްކަތްކުރިކަމުގެ ލިޔުމެއް ހުށަހަޅާފައި އޮންނަައިރު ޕެންޝަން އޮފީހުގެ ޑޭޓާއިން އޭނާއަކީ ރަށެއްގެ ކައުންސިލެއްގައި މަސައްކަތްކުރާ މީހެއްކަން އެނގެން އޮތުން ފަދަ މައްސަލަތައް ހުރީ ފެންމަތިވެފައެވެ. 

މުއްތަލިބު ވިދާޅުވި ގޮތުގައި ފުލެޓު ލިސްޓު އެކުލަވައިލުމުގައި ދޫ ދެވެން ހުރި ހުރިހާ ގޮތަކުން ދޫދިނުމަށް މަސައްކަތްކޮށްފައިވާނެއެވެ. އެގޮތުން އޭނާ ފާހަގަކުރެއްވީ އޭސީސީން ޝަަރުތު ހަމަވާކަމަށް ކަނޑައެޅީ ލިސްޓުގައި ހިމެނުނު މީހުންގެ 20 ވަރަކަށް އިންސައްތަކަމަށްވީ ނަމަވެސް ސަރުކާރުން ބެލުމަށްފަހު 37 އިންސައްތަ މީހުންނަށް ފުލެޓު ލިބޭކަމަށް ކަނޑައަޅާފައިވާ ކަމެވެ. 

"އެޕްލައި ކުރި ފަރާތަށް ބެނިފިޓްވާ ގޮތަށް މާނަކުރެވެން އޮތްކަމަށްވާނަމަ އެގޮތަށް މާނަކޮށްގެން ވީހާވެސް ގިނަ ފަރާތްތަކެއް ލިސްޓުގައި ހިމެނުމަށް މަސައްކަތްކޮށްފައިވާނެ. ތިޔަ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ އޭސީސީން ތަހުގީގުކުރުމަށްފަހު ބުނެފައިވާނެ ވިއްސަކަށް އިންސައްތަ މީހުންނޭ ޝަރުތު ފުރިހަމަވަނީ. އަަޅުގަނޑުމެން ހިންގި ޕްރޮސެސްގެ ތެރެއިން 37 އިންސައްތަ މީހުންނަށް ފުލެޓު ލިބޭކަމަށްވާނީ ކަނޑައަޅާފައި،" މިނިސްޓަރު ވިދާޅުވިއެވެ. 

މިނިސްޓަރު ވިދާޅުވީ ސަރުކާރުން މަސައްކަތްކުރީ ލިސްޓުން ވީހާވެސް ގިނަ އަދަދެއްގެ ބަޔަކު އުނިނުކޮށް ކުރިއަށްގެންދެވޭނެ ގޮތްތަކަށް ބަލައިގެން ކަމަށެވެ. އެގޮތުން ކިޔަވަން ބޭރުގައި ހުރި މުއްދަތު ފަދަ މުއްދަތުތައް ގުޅުވައިދީގެން 15 އަހަރު ހަމަކޮށްދެވެން ހުރި ފަރާތްތަކަށް ހަމަކޮށްދީފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. 

ކިޔުންތެރިންގެ ހިޔާލު