ENGLISH
22 އޭޕްރީލު 2025
ސުޕްރީމް ކޯޓުގެ ކުރިމަތީގައި މުޒާހަރާ ކުރެއްވުމަށްފަހު މިއަދު އިންނެވީ އެ ކޯޓުގެ ފަނޑިޔާރަކަށް، މިކަމާމެދު ވިސްނަން ޖެހޭ: ރިފާއު
27 ފެބްރުއަރީ 2025
|
ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު - ފޮޓޯ: އެމްއެމްޓީވީ
ގާނޫނު އަސާސީ ބޮޑުކޮށް ޕްރިންޓުކޮށްގެން ސުޕްރީމް ކޯޓުކައިރިއަށް ގޮސް މުޒާހަރާކޮށް، އެ މުޒާހަރާ ލީޑު ކުރެއްވި ބޭފުޅަކު މިއަދު އިންނެވީ އެ ކޯޓުގެ ގޮނޑިކޮޅެއްގައި ކަމަށާއި މިގޮތަށް ކަންކަން ދިމާވެފައި ހުރުމާއެކު އެ ފަނޑިޔާރުގެ ނަޒާހާތްތެރިކަމާ މެދު ސުވާލު އުފެދޭކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު ވިދާޅުވެއްޖެއެވެ.
އެމްއެމްޓީވީގެ 'ބޮޑު ޚަބަރު' ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މެންބަރު ރިފާއު ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗު ހަތަކުން ފަހަކަށް މަދު ކުރަން ރައްޔިތުންގެ މަޖިލީހުން ކޯޓުތަކާ ބެހޭ ގާނޫނަށް އިސްލާހު ހުށަހެޅުމުގެ ބިލު ފާސްކުރުމަކީ ގާނޫނާ ޚިލާފު ކަމެއް ކަމަށް ބައެއް ބޭފުޅުން ބުނަމުންދާ ކަމަށެވެ. އަދި އަނެއް ބަޔަކު އެއީ ކުރެވިދާނެ ކަމެއް ކަމަށް ވެސް ބުނަމުންދާ ކަމަށެވެ.
ރިފާއު ވިދާޅުވީ މިއީ ރައްޔިތުންގެ މަޖިލީހުން މި ގާނޫނަށް އިސްލާހު ގެންނަ ފުރަތަމަ ފަހަރު ނޫން ކަމަށެވެ. އެގޮތުން 2014 ވަނަ އަހަރު 18 ވަނަ ރައްޔިތުންގެ މަޖިލީހުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް ކުޑަކުރިކަން މެންބަރު ފާހަގަކުރެއްވިއެވެ.
"އެ ގެނެވުނު ބަދަލަށް މިއަދާ ހަމައަށް އައިއިރުގައި އެއްވެސް ކޯޓަކުން ވެސް، ގާނޫނީ ފަރާތަކުން ވެސް އެއަކަށް ޗެލެންޖު ކުރައްވާފައެއް ނެތް. އެއީ ގާނޫނީ ގޮތުން ގޯސް ނުވަތަ ގާނޫނު އަސާސީއާ ޚިލާފު އެއްޗެއް ކަމަށް ނުބުނެ. އޭރުވެސް މިއީ ސިޔާސީ ބޭނުމެއް ހާސިލުކުރަން ކަމަށް ބުނެ ވާހަކަތަކެއް ދެކެވުނު. އެކަމަކު މިއީ ގާނޫނު އަސާސީއާ ޚިލާފު ކަމެއްް ކަމަށް ބުނެ މި ވާހަކަތައް މި ދެކެވެންފެށީ ހަމަ ކުއްލިއަކަށް މިފަހަރު. " - ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު
ރިފާއު ވިދާޅުވީ މިފަހަރު ވެސް ވަކި އިތުރު ވާހަކައެއް ނެތް ކަމަށެވެ. އަދި ވަކި ފަނޑިޔާރެއް ކަނޑާލުމަކީ މި ގެނައި ބަދަލުގެ މަގްސަދެއް ނޫން ކަމަށް ވެސް މެންބަރު ވިދާޅުވިއެވެ.
ގާނޫނު އަސާސީ ފެށިފައި ވެސް މިވަނީ ތިން ބާރު ވަކިވެެގެންދާ ނިޒާމެއްގެ ތެރެއިން ކަން ފާހަގަކުރައްވާ ރިފާއު ވިދާޅުވީ ނޫ ގާނޫނު އަސާސީން ފެހި ގާނޫނު އަސާސީއަށް ބަދަލުވާން ޖެހުމުގެ މައިގަނޑު ސަބަބަކީ ވެސް އެއީ ކަމަށެވެ. ނޫ ގާނޫނު އަސާސީ އޮތް ގޮތަށް އޮތް ނަމަ ވަރަށް ފަސޭހަ ވާނެ ކަމަށާއި ހުރިހާ ބާރުތަކެއް ހުންނާނީ ރައީސުލްޖުމްހޫރިއްޔާގެ އަތުގައި ކަމަށެވެ.
އެހެން ނަމަވެސް މިއަދު މިއޮތީ ތިން ބާރު ވަކިވެފައިވާ ނިޒާމެއް ކަމަށް ވީހިނދު މި ތިން ބާރު ވަކިވެގެންދާ ނިޒާމުގައި ސުޕްރީމް ކޯޓަކަށް އެއްވެސް ހާލެއްގައި ގާނޫނު އަސާސީ އިސްލާހުކުރުން، ގާނޫނު އަސާސީ ބާތިލުކުރުން، ނުވަތަ ގާނޫނެއް ބާތިލުކުރުމުގެ ބާރެއް ނޯންނާނެ ކަމަށް މެންބަރު ތަކުރާރުކޮށް ވިދާޅުވިއެވެ.
ރިފާއު ވިދާޅުވީ އެންމެ ފަހުން ސުޕްރީމް ކޯޓުގައި ބޭއްވި އަޑުއެހުންތަކަށް ބަލާލުމުން ވަރަށް ސިޔާސީ ނަޒަރިއްޔާތަކުން އެދުވަހުގެ އަޑުއެހުން ގެންދިއަކަން ފާހަގަވެގެންދާ ކަމަށެވެ. ޚާއްސަކޮށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު ކުރެއްވި ސުވާލުތަކާ އަދި ވަރަށް މަލާމާތުގެ ރާގުގައި އެ ދެއްކި ވާހަކަތައް ފާހަގަވާކަމަށް ރިފާއު ވިދާޅުވިއެވެ.
"ޚުދު ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާނެ ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި މެންބަރުން ކިތަންމެ ބޭނުންފުޅުކަމުގައިވީ ނަމަވެސް ރާއްޖޭގެ ދީން ބަދަލުކުރުމުގެ އިޚުތިޔާރެއް ނޯންނާނެކަން. ވަރަށް ސާފުކޮށް އެކަން އޮތީ ބަޔާންކޮށްފައި. އަޅުގަނޑުމެންނަށް މަޖިލީހުގެ ޗެންބަރުގަ ނުވަތަ ތަޅުމުގަ ދައްކާ ވާހަކައަކުން އަޅުގަނޑުމެންގެ ފަހަތުން ނާދެވެނީ އިސްލާމް ދީނާ ޚިލާފު ވާހަކައެއް ނުދައްކާނަމަ. އިސްލާމް ދީނާ ޚިލާފުވެއްޖެނަމަ އަޅުގަނޑުމެންނަށް ވެސް އެކަމަކުން ދޭންޖެހޭ އަދަބެއް ދިނުމާއި އެ މައްސަލަ ބެލުމުގެ ފުރުސަތު އެބަ ލިބިގެންވޭ. އެހެންވީމަ އަޅުގަނޑުމެންނަށް ޖޯކުޖަހާފަ، މަޖިލީހަށް ޖޯކު ޖަހާ، ދެން މިވަގުތު މަޖިލީހަށް ޖަހާ ކޮންމެ ޖޯކަކީ މިވަގުތު މަޖިލީހުގަ އެ ތިއްބެވި މެންބަރުންނަށް ޖައްސަވާ ޖޯކެއް. " - ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު
މެންބަރު ވިދާޅުވީ ސަރުކާރުގެ ފަރާތުން ނަގަމުން ދިޔައީ އިޖުރާއީ މައްސަލަތަކެއް ކަމަށެވެ. އެހެންކަމުން މި މައްސަލަ އޮތް ގޮތުން ސުޕްރީމް ކޯޓަކަށް މި މައްސަލަ ބެލުމެއް ނޯންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އިތުރަށް ވާހަކަދައްކަވަމުން ރިފާއު ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ތިއްބެވި ބައެއް ބޭފުޅުންނަކީ ސިޔާސީ ބޭފުޅުންނޭ ބުނުމުގެ ފުރުސަތު މިއަދު އެބަ އޮތް ކަމަށެވެ. އެގޮތުން ބައެއް ފަނޑިޔާރުން ސިޔާސީ މަސައްކަތުގައި ފްރަންޓްލައިންގައި މަސައްކަތްކޮށް މުޒާހަރާތަކުގައި ބައިވެރިވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. އެހެންވީމަ އެބޭފުޅުންގެ ނަޒާހާތްތެރި ކަމާމެދު ކޮންމެ ބޭފުޅަކަށް ވެސް ސުވާލު ކުރުމުގެ ފުރުސަތު އެބައޮތް ކަމަށާއި ސިޔާސީ ފިކުރުތަކުން އެއްކިބާވެހުރެ ނަޒާހާތްތެރިކަމާއެކު ކަންކަމާމެދު ގޮތް ނިންމާނެ ކަމާމެދު ސުވާލު އުފެއްދުުމުގެ ފުރުސަތު އެބައޮތް ކަމަށް މެންބަރު ތަކުރާރުކޮށް ވިދާޅުވިއެވެ.
މެންބަރު ވިދާޅުވީ މިސާލަކަށް ފަނޑިޔާރު ހުސްނުއްސުއޫދަކީ ގާނޫނު އަސާސީ ބޮޑުކޮށް ޕްރިންޓުކޮށްގެން ސުޕްރީމް ކޯޓުކައިރިއަށް ގޮސް މުޒާހަރާކޮށް، އެ މުޒާހަރާ ލީޑު ކުރެއްވި ބޭފުޅެއް ކަމަށެވެ. ނަމަވެސް އެބޭފުޅާ މިއަދު އިންނެވީ އެތަނުން ގޮނޑިކޮޅެއްގައި ކަމަށާއި މިގޮތަށް ކަންކަން ދިމާވެފައި ހުރުމާއެކު އެ ފަނޑިޔާރުގެ ނަޒާހާތްތެރިކަމާ މެދު ސުވާލު އުފެދޭކަމަށެވެ.