ENGLISH
22 އޭޕްރީލު 2025
ބިޑަކާ ނުލާ ތަކެތި ހޯދޭ ގޮތަށް މާލިއްޔަތު ގަވާއިދު އިސްލާހުކޮށްފި
27 ފެބްރުއަރީ 2025
|
ފިނޭންސް މިނިސްޓްރީ (ފޮޓޯ/ މިހާރު)
ވާދަވެރި ބިޑަކާ ނުލައި ތަކެެއްޗާއި ޚިދުމަތް ހޯދޭ ގޮތަށް ދައުލަތުގެ މާލިއްޔަތު ގަވާއިދު އިސްލާހުކޮށްފި އެވެ.
މާލިއްޔަތު ގަވާއިދަށް ގެނައި އިސްލާހު ފިނޭންސް މިނިސްޓްރީން ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައިވަނީ އިއްޔެ އެވެ.
އެ އިސްލާހުގައި ވާގޮތުން "ސިންގަލް ސޯސް ޕްރޮކިއުމެންޓް" ގެ ދަށުން ވާދަވެރިކަމަށް ހުޅުވައިނުލައި، ސީދާ ވަކި ފަރާތަކުން ތަކެތި ނުވަތަ މަސައްކަތެއް ކުރުވޭނީ، އާއްމު ރައޔްިތުންގެ އަސާސީ ބޭނުންތަކާއި ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށްދޭ ބާވަތުގެ މަޝްރޫއުތަކާއި، ސަލާމަތީ ޚިދުމަތްތަކަށް ޚާއްސަ މަޝްރޫއުގެ ގޮތުގައި ވަޒީރުންގެ މަޖިލީހުން ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއަކުން ކަނޑައަޅާ މަޝްެރޫއުތަކުގައި އެކަންޏެވެ.
މީގެއިތުރުން، ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތެރެއިން ދައުލަތުގެ އޮފީހަކުން ފިނޭންސް މިނިސްޓްރީއަށް ހުށަހަޅައި، މިނިސްޓަރުގެ ލަފާގެ މަތިން ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއަކުން ކަނޑައަޅާ ވަކި މަޝްރޫއުއެއް ހަވާލުކުރާނަމަ، އެ މަޝްރޫއުއަށް ބިޑު ސެކިއުރިޓީއާއި ޕާފޯމަންސް ގެރެންޓީ ނުވަތަ ސެކިއުރިޓީ އިސްތިސްނާ ކުރުމުގެ އިހުތިޔާރު މިނިސްޓަރަށް ލިބޭ ކަމަށް ވެސް އެ އިސްލާހުގައި ވެ އެވެ.
އިސްތިސްނާ ދެވޭ މަޝްރޫއު ހަވާލުކުރާ ކުންފުނީގެ މާލީ ގާބިލުކަން ކަށަވަރުކުރުމުގައި މިނިސްޓްރީން ކަނޑައަޅާ ޚާއްސަ މިންގަނޑެއް ބޭނުންކުރެވިދާނެ ކަމަށް ވެސް ގަވާއިދުގައި ވެއެވެ.
ވާދަވެރި ބިޑަކާ ނުލައި ތަކެެއްޗާއި ޚިދުމަތް ހޯދޭ ގޮތަށް ދައުލަތުގެ މާލިއްޔަތު ގަވާއިދު އިސްލާހުކޮށްފައިވާއިރު، ބިޑުކުރުމުގެ ދައުވަތަކާ ނުލައި ސަރުކާރަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ އުސޫލު މި ސަރުކާރުން 2023 ގައި އުވާލާފައިވާކަން ފާހަގަކޮށްލެވެ އެވެ. 2019 ވަނަ އަހަރު އޭރުގެ ސަރުކާރުން އެ އުސޫލު އެކުލަވާލީ، ވަކި މަޝްރޫއެއް ހިންގުމަށް ސަރުކާރުން އިއުލާންކުރުމުގެ ކުރިން އަމިއްލަ ފަރާތްތަކުން އިސްނަގައިގެން، ސަރުކާރުގެ ތަރައްގީގެ ލަނޑުދަނޑިތަކާ ގުޅުންހުރި މަޝްރޫއުތައް ހިންގުމަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ މަގު ފަހިވެގެންދާނެކަމަށް ބުނެ އެވެ.