ENGLISH
22 އޭޕްރީލު 2025
ރޯދަމަހު ތައްޔާރުކުރާ ކަރަންޓު ބިލުގެ ރީޑިންގ ނެގުމުގެ މަސައްކަތް ފަށައިފި
27 ފެބްރުއަރީ 2025
|
ރީޑިންގ ނެގުމުގެ މަސައްކަތަށް ސްޓެލްކޯގެ މުވައްޒަފުން ނިކުންނަނީ-- ފޮޓޯ: އެމްއެމްޓީވީ
ރޯދަމަހުގެ ޑިސްކައުންޓާ އެކު ހަދާ ކަރަންޓު ބިލަށް ފުރަތަމަ ރީޑިންގ ނެގުމުގެ މަސައްކަތް ސްޓެލްކޯއިން މިއަދު ހެނދުނު ފަށައިފިއެވެ.
މި މަސައްކަތް ފެށުމުގެ ކުރިން ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވީ މި މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅު "އަކުރުން އަކުރަށް" ތަންފީޒުކުރުމުގެ ގޮތުން ކުރެވޭ މަސައްކަތެއް ކަމަށާއި، މި މަސައްކަތް ވީހާވެސް ދެފުށް ފެންނަ ގޮތަކަށް ކުރިއަށް ގެންދަން ބޭނުންވާ ކަމަށެވެ. އެހެންކަމުން، މި މަސައްކަތް ކުރަމުންދާ ގޮތް ބަލައި، މަސައްކަތުގެ ފޮޓޯނެގުމުގެ ހުއްދަ ވެސް ނޫސްވެރިންނަށް ދީފައިވެއެވެ.
ސްޓެލްކޯގެ އެމްޑީ ޙުސައިން ފަހުމީ، ކަރަންޓު މީޓަރަކުން ރީޑިންގ ނަންގަވަނީ-- ފޮޓޯ: އެމްއެމްޓީވީ
"އަޅުގަނޑުމެން ހަމަ ޔަގީންކުރަން ބޭނުން ރައީސްގެ ވައުދުފުޅު އަކުރުން އަކުރަށް ތަންފީޒުކުރަން. އެހެންވެގެން މިއަދު މި ރީޑިންގ މި ނަގަނީ. އޭގެ އިތުރަށް އަޅުގަނޑު ދަންނަވާލަން ބޭނުން ހަމަ އަޅުގަނޑުމެން މިކުރާ މަސައްކަތުގައި އަޅުގަނޑުމެން ބޭނުން ވަރަށް ބޮޑަށް ދެފުށް ފެންނަ ގޮތަށް މިކަން ކުރަން. އެހެންވީމަ ރީޑިންގ ނަގާއިރު ފޮޓޯ ނަގަންވެސް މި ނިންމީ،" ފަހުމީ ވިދާޅުވިއެވެ.
މީގެ އިތުރުން ފަހުމީ ވަނީ ކޮންމެ ބޭފުޅަކަށް ވެސް ބިލު ލިބިވަޑައިގަތުމުން ބިލުގައި ހުރި ރީޑިންގތަކާއި މީޓަރާ ދިމާވޭތޯ ޔަގީންކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.
ފަހުމީ އިތުރަށް ވިދާޅުވީ މި މަސައްކަތް މިއަދުން މިއަދަށް ނިންމާލެވޭނެ ކަމަށާއި، ނަމަވެސް ރީޑިންގ ނުނެގޭ ތަނެއް ހުރިނަމަ މާދަމާ ހެނދުނު ވެސް ރީޑިންގ ނެގުން ކުރިއަށް ގެންދާނެ ކަމަށެވެ.