ENGLISH
22 އޭޕްރީލު 2025
ނޭޝަނަލް މެންޓަލް ހެލްތު ސްޓްރެޓީޖިކް އެކްޝަން ޕްލޭން މެޑަމް ސާޖިދާ އިފުތިތާހުކޮށްދެއްވައިފި
27 ފެބްރުއަރީ 2025
|
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، ނޭޝަނަލް މެންޓަލް ހެލްތު ސްޓްރެޓީޖިކް އެކްޝަން ޕްލޭން 2025-2029، އިފުތިތާހުކޮށްދެއްވައިފިއެވެ.
އެކަމަނާ މި ޕްލޭން އިފުތިތާހުކޮށްދެއްވީ ރޭ މިނިސްޓްރީ އޮފް ހެލްތުގައި މިކަމަށްޓަކައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.
ރޭ ތަޢާރަފުކުރި ނޭޝަނަލް މެންޓަލް ހެލްތު ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ކުރިއަށް އޮތް ފަސް އަހަރަށް ރާއްޖޭގެ ނަފްސާނީ ޞިއްޙަތުގެ ނިޒާމު ހަރުދަނާކުރުމަށް ގިނަ ކަންތައްތަކެއް ހިމަނާފައިވެއެވެ. މި ޕްލޭނަކީ ނަފްސާނީ ޞިއްޙަތުގެ ޚިދުމަތްތައް ހަރުދަނާކުރުމާއި، ފަރުވާގެ ކަންކަން ފުޅާކުރުމުގެ އިތުރުން، ނަފްސާނީ ދުޅަހެޔޮކަން ކުރިއެރުވުމާއެކު ރާއްޖޭގެ ނަފްސާނީ ޞިއްޙަތުގެ ނިޒާމު ހަރުދަނާ ކުރުމުގެ މަގުސަދުގައި އިފްތިތާހުކުރެއްވި ޕްލޭނެކެވެ.
މިގޮތުން މި ޕްލޭން އެކުލަވާލެވިފައިވާ ކަންކަމުގެ ތެރޭގައި ޕްރައިމަރީ ހެލްތު ކެއަރގެ ތެރެއިން ނަފްސާނީ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ނިޒާމް ހަރުދަނާކުރުމާއި، ނަފްސާނީ ޞިއްޙަތަށް ހޭލުންތެރިކަން އިތުރުކޮށް އެކަމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމާއި، ސިޔާސަތުތަކާއި، ސްޓޭންޑާޑްތަކާއި، ގައިޑްލައިންތައް އެކުލަވާލުމާއި، ޞިއްޙީ ޚިދުމަތްތެރިންގެ ހުނަރު އިތުރުކުރުމާއި، ނަފްސާނީ ބަލިތަކާމެދު އޮންނަ ނޭދެވޭ ވިސްނުން ނައްތާލުމަށް ކުރަންޖެހޭ މަސައްކަތްތައް ހިމެނެއެވެ. މީގެ އިތުރުން މި ޕްލޭންގައި އެކި އުމުރު ފުރާގެ މީހުންނަށް، ޚާއްޞަކޮށް ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި، އެކިއެކި ނާޒުކު ހާލަތްތަކުގައި ތިބޭ މީހުންގެ ނަފްސާނީ ޞިއްޙަތަށް އަހަންމިއްޔަތުކަން ދިނުމަށް އިސްކަންދީފައިވެއެވެ. ހަމައެއާ އެކު ދުޅަހެޔޮ މުޖުތަމަޢުއެއް ބިނާކުރުމަށް އެ މުޖުތަމަޢުއަކީ، ނަފްސާނީ ގޮތުން ބާރުވެރި އަދި ޤާބިލު ބަޔަކު ދިރިއުޅޭ މުޖުތަމަޢުއަކަށް ހެދުމަށް، ކަމާގުޅުންހުރި، ހުރިހާ ފަރާތްތަކެއް އެކުގައި މަސައްކަތްކުރުމަށް ވެސް މި ޕްލޭން ބާރު އަޅައެވެ.
ދިވެހިރާއްޖޭގައި ނަފްސާނީ ޞިއްޙަތު ކުރިއެރުވުމަކީ މި ސަރުކާރުން، ޚާއްޞަކޮށް ރައީސުލްޖުމްހޫރިއްޔާ އެންމެ އަހަންމިއްޔަތުކަން ދެއްވާ ސިޔާސަތުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.