ENGLISH
22 އޭޕްރީލު 2025
ރަސްމާލެ މަޝްރޫއު: ސީއެމްސީސީއަށް ބަދަލުދޭން ލަފާއެއް ނުދެން
26 ފެބްރުއަރީ 2025
|
ބަންޑާރަ ނައިބު އަހުމަދު އުޝާމް (ފޮޓޯ/ ރައީސް އޮފީސް)
''ރަސްމާލެ' ތަރައްގީ ކުރުމަށްޓަކައި ކ. ފުށިދިއްގަރުފަޅު ހިއްކަން ސްރީ ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީސީ) އާ އެކު ހެދި އެއްބަސްވުން ބާތިލުކޮށް، އެ ކުންފުންޏަށް ބަދަލު ދިނުމާ ގުޅިގެން ލަފާ އަރުވާފައިނުވާނެ ކަަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެ އެވެ.
އުޝާމް މިގޮތަށް ވިދާޅުވެ މަޖިލީހަށް ލިޔުމުން ޖަވާބު ފޮނުއްވީ، "ރަސްމާލެ ހިއްކަން ސީއެމްސީސީއެކު ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ސޮއިކުރި އެއްބަސްވުން އުވާލައި، އެހެން ކުންފުންޏަކާ މަސައްކަތް ހަވާލުކުރުމަށްފަހު އެ ކުންފުންޏަށް ބަދަލު ދިނުމަށްޓަކައި އެއްބަސްވުމެއްގައި ސޮއިކުރަން ދެއްވި ގާނޫނީ ލަފަ"އާއި ގުޅޭގޮތުން ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހީމް ކުރެއްވި ސުވާލާ ގުޅިގެން ނެވެ.
އެ ސުވާލުގެ ޖަވާބުގައި އުޝާމް ވިދާޅުވީ، ސީއެމްސީސީއަށް ބަދަލުދިނުމާ ގުޅިގެން އެޗްޑީސީން އެ އޮފީހުގެ ލަފައަކަށް އެދިފައިނުވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން އެ އޮފީހުގެ ފަރާތުން ވެސް ލަފާ އަރުވާފައިނުވާނެ ކަމަށް ވިދާޅުވި އެވެ.
"ރަސްމާލެ ހިއްކުމާއި ގުޅޭގޮތުން ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ސީއެމްސީ އަށް ހައުސިން ޑިވެލޮޕްމެންޠް ކޯޕަރޭޝަން ލިމިޓޭޑާ ދެމެދު ވެވުނު އެއްބަސްވުން އުވާލާ އެހެން ކުންފުންޏަކާއި އެ މަސައްކަތް ހަވާލުކުރުމަށްފަހު ސީއެމްސީއަށް ބަދަލެއް ދިނުމަށްޓަކައި އެ ކުންފުންޏާ އެކު ސެޓްލެމްންޓް އެއްބަސްވުމެއްގައި ސޮއިކުރުމާ ގުޅޭގޮތުން މި އޮފީހުގެ ލަފަޔަކަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އެދިފައެއް ނުވެއެވެ. އަދި މިކަމާ ގުޅޭގޮތުން މި އޮފީހުން ގާނޫނީ ލަފާއެއް ވެސް ދީފައެއް ނުވޭ."
'ރަސްމާލެ' ގެ ނަމުގައި ފުށިދިއްގަރުފަޅުން 1،153 ހެކްޓަރުގެ ބިން ހިއްކަން ސީއެމްސީސީއާ ހަވާލުކޮށް، އެ މަސައްކަތް ފެށީ 18 ޑިސެމްބަރު 2023 ގަ އެވެ. އެ މަޝްރޫއު އޭރު ހަވާލުކޮށްފައިއޮތީ މަޝްރޫއޫގެ އަގުގެ ގޮތުގައި ހުޅުމާލެ އާއި ފުށިދިއްގަރުފަޅުން ޖުމްލަ 70 ހެކްޓަރުގެ ބިން ދޭ ގޮތަށެވެ. އަށް މަސް ދުވަހުގެ ތެރޭގައި ނިންމަންޖެހޭ އެ މަސައްކަތް ތަވާލާ އެއްގޮތަށް ނުނިންމުމުން، ސަރުކާރުން ވަނީ އެ އެއްބަސްވުން މިދިޔަ އަހަރުގެ މެއި މަހު އުވާލާފަ އެވެ. މެދުކެނޑުމަކަށްފަހު، ރަސްމާލެ މަޝްރޫއުގެ މަސައްކަތް އަލުން ފެށީ މިދިޔަ އަހަރުގެ ފަހުކޮޅު އެވެ.