ENGLISH
22 އޭޕްރީލު 2025
ރައީސް މުޢިއްޒުގެ ޒަޢާމަތުގައި ލާމަރުކަޒީ ނިޒާމް ދަނީ ހަރުދަނާވަމުން: އާދަމް ޝަރީފް
26 ފެބްރުއަރީ 2025
|
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ރާއްޖޭގެ ލާމަރުކަޒީ ނިޒާމް ހަރުދަނާވާތަން ފެންނަކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ. ވަޒީރު އާދަމް ޝަރީފް މިހެން ވިދާޅުވީ، ލާމަރުކަޒީ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚާއްސަ ޚިޠާބުގައެވެ.
ވަޒީރުގެ ޚިޠާބުގައި ވިދާޅުވީ، މިއަދު ލާމަރުކަޒީ ނިޒާމަކީ ދިވެހިން ބަލައިގަނެފައިވާ އިތުބާރު ކުރެވޭ ނިޒާމެއްކަމަށާއި، ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގަމުންދަނީ ލާމަރުކަޒީ ނިޒާމުގެ ތަރަހައިގެ ތެރޭގައި ކަމަށެވެ. އަދި ލާމަރުކަޒީ ނިޒާމަކީ ރައްޔިތުންނާ ގާތުން ރައްޔިތުން އެދޭ ގޮތަށް ވެރިކަން ކުރުމުގެ ނިޒާމުކަމަށާއި އަދި އެއީ ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތައް ރައްޔިތުން ބޭނުންވާ ގޮތަށް ފޯރުކޮށްދިނުމުގެ ނިޒާމުކަމަށް ވަޒީރު އާދަމް ޝާރީފް ވިދާޅުވިއެވެ.
މީގެ އިތުރުން ވަޒީރު ވިދާޅުވީ، ރާއްޖޭގެ ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާކުރަން ޖެހޭ ކަމަށާއި މި ނިޒާމް އިތުރަށް ހަރުދަނާ ކުރެވޭނި ސަރުކާރާއި ރައްޔިތުން މަޖިލީހާއި ޝަރުޢީ ނިޒާމާއި މީޑިއާ އާއި އަދި ދިވެހި ރައްޔިތުން ލާމަރުކަޒީ ނިޒާމަށް ފާރަވެރިވެ ލާމަރުކަޒީ ނިޒާމް ދިރުވާ އާލާކޮށް އަދި ލާމަރުކަޒީ ނިޒާމަށް އަހުލުވެރިކުރުވައިގެންކަމަށެވެ.
ވަޒީރުގެ ޚިތާބުގައި ފާހަގަކުރެއްވި ގޮތުގައި ލާމަރުކަޒީ ނިޒާމް ހަރުދަނާ ކުރުމަށްޓަކައި ތިންކަމަކަށް ޚާއްސަ ސަމާލުކަމެއް ދޭންޖެހެއެވެ. އެގޮތުން ފުރަތަމަކަމަކަށް ވަޒީރު ފާހަގަކުރެއްވީ، ލާމަރުކަޒީ އުސޫލުން އިދާރީދާއިރާތައް ހިންގުމުގެ މަފްހޫމަށް މުޅި ދައުލަތުން އިހްތިރާމްކުރުމާއެކު އެމަފްހޫމް ދިރުވުމަށް މަސައްކަތް ކުރުން ކަމަށެވެ. ދެވަނަކަ ކަމަކީ، ކައުންސިލްތަކަކީ ސަރުކާރުގެ ބައެއްކަން ސަރުކާރުގެ ފަށަލައެއްކަން ގަބޫލުކުރުމާއިއެކު ޤާނޫނުއަސާސީގެ 232 ވަނަ މާއްދާގެ ހ. ގައި ބަޔާންކުރާ ގޮތުގެމަތިން ދިމިޤްރާޠީ އަދި ޖަވާބުދާރީވަަނިވި އުސޫލުތަކުގެ މަތިން ކަންކަން ހިންގުންކަމަށެވެ. އެންމެ ފަހު ކަމަކަށް ވަޒީރު ފާހަގަކުރެއްވީ، ކައުންސިލްތަކުގެ މުހިންމު ނިންމުންތަށް ނިންމުމުގައި ދެފުށް ފެންނަގޮތަށް ކަންކަންކުރުމާއި ރައްޔިތުންގެ ބައިވެރިވުމާއި ހިއްސާ އިތުރުކުރުމާއި ކައުންސިލްތަކަށް ރައްޔިތުންގެ އިތުބާރު ބޮޑުކުރުމަށް މަސައްކަތް ކުރުމެވެ. ވަޒީރު ވިދާޅުވީ މިކަންކަމަށް ޚާއްސަ ސަމާލުކަމެއް ދީގެން މަސައްކަތްކުރަންޖެހޭ ކަމަށެވެ.
ވަޒީރު ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ކައުންސިލުތަކުގެ ގާބިލުކަން އިތުރުކޮށް ކައުންސިލުތަށް ބާރުވެރިކޮށް ފުދުންތެރި އަދި އިތުބާރު ކުރެވޭ ތަންތަނަށް ހެދުމާއި ކައުންސިލުތަކުގެ މާލިއްޔަތު މުއްސަނދިކުރުމާއި ކައުންސިލު އިދާރާތަކަށް އުމްރާނީ ކުރިއެރުންތައް ހޯދައިދީ ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގިއަށް މަސައްކަތްކުރާ ކޮމެޓީތަކަށް މަސައްކަތްކުރާނެ ޖާގަ ފަހިކޮށްދިނުންކަމަށެވެ.
ކުރިމަގުގައިވެސް ލާމަރުކަޒި ނިޒާމުގައި ކައުންސިލްތަކާއި ރައްޔިތުންގެ ޝާމިލްވުން އިތުރުކުރުމަށްޓާކައި މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ވަޒީރުވަނީ ދެއްވާފައެވެ.