ENGLISH
22 އޭޕްރީލު 2025
ސުޕްރީމް ކޯޓުގެ ބެންޗު ކުޑަކުރަން ޤާނޫނަށް ހުށަހެޅި އިސްލާހު މަޖިލީހުން ފާސްކޮށްފި
26 ފެބްރުއަރީ 2025
|
ގަޟާއީ އާ އަހަރު އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން (ފޮޓޯ/ ރައީސް އޮފީސް)
ރާއްޖޭގެ ސުޕްރީމް ކޯޓުގެ ބެންޗު ކުޑަކުރުމަށްޓަކައި ކޯޓުތަކުގެ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ހޮޅުދޫ ދާއިރާގެ ޕީއެންސީގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ހުށަހެޅުއްވި މި ބިލު ހުށަހެޅުއްވި މަގްސަދެއް ކަމަށް މެންބަރު ވިދާޅުވެފައި ވަނީ، ގާނޫނުއަސާސީގެ ފޮނި މީރުކަން ލިބޭނީ، ސުޕްރީމް ކޯޓު އެކުލެވިގެންވާ ގޮތަށް ބަދަލު ގެނެސްގެން ކަމަށެވެ.
މެންބަރު ހުށަހެޅުއްވި އިސްލާހުގައި ވަނީ، އުއްތަމަ ފަނޑިޔާރާއެކު އެ ކޯޓަށް އައްޔަނުކުރެވޭ ފަސް ފަނޑިޔާރުން ހިމެނޭ ގޮތަށް ސުޕްރީމް ކޯޓުގެ ބެންޗު އެކުލަވާލުމަށެވެ. ކޯޓުގެ ފަނޑިޔާރުންގެ ޖުމްލަ އަދަދު ވާން ޖެހޭނީ އޮނަހިރި އަދަދަކަށެވެ.
މި ބިލު ދިރާސާކުރި މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ވެސް މި ބިލަށް އިސްލާހެއް ގެނެސްފައެއް ނުވެ އެވެ.
ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މިއަދުގެ މަޖިލީހުގެ ޖަލްސާގައި ކޮމިޓީ ރިޕޯޓަށް ވޯޓަށް އަހާފައިވަނީ ވަކިވަކި މެމްބަރުންނާ ސުވާލުކޮށްގެން ނެވެ. އެ ވޯޓުގެ ނަތީޖާއަށް ބަލާއިރު، ބިލު ފާސްވެގެންދިޔައީ 68 މެމްބަރުންގެ ވޯޓާ އެކު އެވެ. ނުވަ މެމްބަރަކު ބިލާ ދެކޮޅަށް ވޯޓު ދެއްވި އެވެ.
ގާނޫނު އަސާސީގެ ދަށުން އެންމެ ފުރަތަމަ އެކުލަވާލެވުނު އިންތިގާލީ ސުޕްރީމް ކޯޓުގައި ފަސް ފަނޑިޔާރުން ތިއްބެވިއެވެ. އޭގެފަހުން 2010 ވަނަ އަހަރު 7 ފަނޑިޔާރުންގެ މައްޗަށް ދާއިމީ ސުޕްރީމް ކޯޓެއް އެކުލަވާލެވުނުއިރު، އަނެއްކާވެސް ގާނޫނު އަސާސީއަށް އިސްލާހު ގެނެސްގެން 2014 ގައި ފަނޑިޔާރުންގެ އަދަދު ފަސް ފަނޑިޔާރުންނަށް މަދުކުރެވުނެވެ. އޭގެ ފަހުން 2019 ގައި ސުޕްރީމް ކޯޓުގެ ބެންޗު އަނެއްކާވެސް ހަތަކަށް އިތުރު ކުރިއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗު 7 އިން 5 އަށް ކުޑަކުރަން މެމްބަރު ހުށަހަޅުއްވާފައިވަނީ، މިހާރު އެ ކޯޓުގެ ފަނޑިޔާރުކަމުގައި ތިއްބެވި ދެ ބޭފުޅަކު މަގާމުން ވަކިކޮށްގެންނެވެ. އެ ބޭފުޅުން ވަކިކުރާނީ، އެ އިސްލާހުގައިވާ ގޮތުން، ފަނޑިޔާރުކަމުގެ މަގާމަށް އެ މީހަކު ގާބިލު ނޫން ކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ގަބޫލުކުރެވިގެން، އެ ފަނޑިޔާރަކު މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، ފާސްވުމުންނެވެ.
އަދި މަގާމުން ވަކިކުރާ ފަނޑިޔާރުންގެ ނަންތައް މި އިސްލާހަށް އަމަލުކުރަން ފަށާތާ ގިނަވެގެން 5 ދުވަހުގެ ތެރޭގައި މަޖިލީހަށް ހުށަހަޅަން ޖެހޭނެ ކަމަށް ވެ އެވެ. މަޖިލީހުން އެ މަސައްކަތް ގިނަވެެގެން 7 ދުވަހުގެ ތެރޭގައި ނިންމަން ޖެހެއެވެ.