ENGLISH

22 އޭޕްރީލު 2025

Advertisement

ރައީސްގެ ދ އަތޮޅު ދަތުރުފުޅު ނިންމަވާލައްވައިފި، ހުރިހާ ރަށަކަށް އުންމީދު ދެއްވި

25 ފެބްރުއަރީ 2025

|

އަޙުމަދު ޙަމީދު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު

ނިލަންދެއަތޮޅު ދެކުނުބުރީގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މާލެ ވަޑައިގެންފި އެވެ.

މިދަތުރުފުޅުގައި އެމަނިކުފާނު ވަނީ އެ އަތޮޅު ކުޑަހުވަދޫ، މާއެނބޫދޫ، ބަނޑިދޫ، މީދޫ، ރިނބުދޫ އަދި ހުޅުދެއްޔަށް ވަޑައިގެން، ރަށު ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި، މުވައްސަސާތަކުގެ ވެރިން އަދި ރައްޔިތުންނާ ބައްދަލުކުރައްވައި، ކަންބޮޑުވުންތައް އަޑުއައްސަވާފައެވެ. އަދި ރައްޔިތުން އެދޭ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ގޮތުން، މުހިންމު ނިންމެވުންތަކެއް ނިންމަވައި އިޢުލާންކުރައްވާފައި ވެސް ވެއެވެ.

މި ދައުރުގެ ތެރޭގައި، އޮޕަރޭޝަނަލް ވިޔަފާރި ބަނދަރެއްގެ ގޮތުގައި ދ. ކުޑަހުވަދޫ ވިޔަފާރި ބަނދަރު ހައްދަވައިދެއްވާނެ ކަމުގެ ޔަޤީންކަން ކުޑަހުވަދޫ ރައްޔިތުންނަށް އެމަނިކުފާނު މިދަތުރުފުޅުގައި ދެއްވިއެވެ.

ދ. މާއެނބޫދޫގައި ބިންހިއްކުމާއި ކުޅިވަރުގެ ވަޞީލަތްތައް ޤާއިމުކުރުމުގެ އިތުރުން ތަޢުލީމާއި ޞިއްޙަތުގެ ދާއިރާއިންވެސް ސަރުކާރުން އެކި މަޝްރޫޢުތައް ކުރިއަށްގެންދަވާކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ. ބަނޑިދޫ ބަނދަރުގެ ބޭރު ތޮށި ބަދަލުކުރުމުގެ މަސައްކަތާއި ބިންހިއްކުމުގެ ޢަމަލީ މަސައްކަތް، ލަސްވެގެން އަންނަ އަހަރު ފައްޓަވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މުޅި އަތޮޅުގެ ޢާންމު ރައްޔިތުންނަށް ދަތުރުގޮސް އުޅެވޭ ރަށެއްގެ ގޮތުގައި އެ އަތޮޅު އުއްދޫ ހަމަޖައްސަވާފައިވާކަން އެމަނިކުފާނު އިޢުލާންކުރެއްވީ މީދޫ ރައްޔިތުންނާ މުޚާޠަބުކުރައްވަމުންނެވެ. އަދި ލަސްވެގެން ޖުލައި މަހު ހުޅުދެލީގެ ބިންހިއްކުމުގެ މަސައްކަތް ފައްޓަވާނޭކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. 

އެމަނިކުފާނުގެ މި ދަތުރުފުޅުގައި ވަނީ ގިނަ ރަށްތަކެއްގައި އޭ.ޓީ.އެމްގެ ޚިދުމަތް ފައްޓަވައިދެއްވާފަ އެވެ. މިއާއެކު ނިލަންދެއަތޮޅު ދެކުނުބުރި ވެފައި މިވަނީ، ވަކި ރަށްތަކުގެ މައްޗަށް އެކުލެވިފައިވާ އެއް އަތޮޅެއްގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ޤާއިމުކުރެވުނު ފުރަތަމަ އަތޮޅަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ވަނީ، މިއަހަރުގެ ރިޔާސީ ބަޔާނުގައިވެސް ވިދާޅުވެފައިވާ ފަދައިން، މަސައްކަތް ފެށުމަށް ފަހު ހުއްޓިފައި ހުރި ހުރިހާ މަޝްރޫޢެއް، ފެބްރުއަރީ މަހާއި މާރިޗު މަހު، އަލުން ފައްޓަވާނޭ ކަމަށް ވިދާޅުވާ ވިދާޅުވުން، ތަކުރާރުކުރައްވާފައެވެ.

ގެދޮރުވެރިކަމާ ގުޅޭ މުހިންމު ކަންތައްތަކެއް މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ އިޢުލާނު ކުރައްވާފައެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހެދުމަށް އިޢުލާންކުރައްވާފައިވާ ހައުސިން ޔުނިޓު މަޝްރޫޢުގައި ހިމަނުއްވައިގެން، އަމިއްލަ ގެދޮރުގައި ހައުސިން ޔުނިޓު އަޅަން ބޭނުންވާ ރައްޔިތުންނަށް އެ ފުރުޞަތު ހުޅުވާލެވިފައިވާކަން އިޢުލާންކުރައްވައި، އެގޮތަށް ހައުސިން ޔުނިޓް މަޝްރޫޢުތައް މުރާޖަޢާކުރުމަށް ރަށު ކައުންސިލްތަކަށް ވަނީ އިރުޝާދު ދެއްވާފައެވެ.

މާލޭ ސަރަޙައްދުގެ ގެދޮރުވެރިކަމުގެ މަޝްރޫޢުތަކުގެ ތެރެއިން، 4000 ފްލެޓް ލިސްޓުގެ މައްސަލަ ހައްލުކުރައްވައި، މި ހަފުތާ ތެރޭ އިޢުލާންކުރައްވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ގުޅީފަޅުގެ ނުހިއްކާ އޮތް ސަރަހައްދުން ގޯތި ލިބުނު ފަރާތްތަކަށް ހިއްކި ސަރަޙައްދުން ގޯތި ކަނޑައަޅުއްވައި ކުރިއަށް އޮތް ދެތިން މަސްދުވަސް ތެރޭގައި ރަޖިސްޓްރީ ހަވާލުކުރައްވާނޭ ކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން، ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތާ މި ސަރުކާރުން ހަވާލުވެ، އެ މަސައްކަތުގެ ދުވެލި އަވަސްކުރައްވާނޭ ކަމަށާއި އުތުރު ތިލަފަޅުންވެސް، ގެދޮރުވެރިކަމަށް ޚާއްޞަކޮށް، 125 ހެކްޓަރ ހިއްކަވާނޭ ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި ބުރާސްފަތި ދުވަހު، ފްލެޓް ލިސްޓު އިޢުލާންކުރައްވާނޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ހަމަ މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމް.އެފް.ޑީ.އޭ)ގެ އެސެންޝަލް މެޑިސިން ލިސްޓުގައި ހިމެނޭ ހުރިހާ ބޭހެއް، މާރިޗު މަހުގެ 15 ވަނަ ދުވަހުން ފެށިގެން، އަދި އެޕްރޫވްޑް މެޑިސިން ލިސްޓުގައި ހިމެނޭ ހުރިހާ ބޭހެއް އެޕްރިލް 15 ވަނަ ދުވަހުން ފެށިގެން ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސް.ޓީ.އޯ) ގެ ބޭސްފިހާރަތައް މެދުވެރިކޮށް ލިބޭނޭކަމަށް ވިދާޅުވެފައެވެ.

ރަމަޟާންމަހަށް ދަތުރުތައް މެދުކަނޑާލެއްވުމަށްފަހު، އަނެއްކާވެސް ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ކުރައްވާ ދަތުރުފުޅުތައް ފައްޓަވާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު