ENGLISH

22 އޭޕްރީލު 2025

Advertisement

ސުޕްރީމް ކޯޓުގެ ބެންޗު ކުޑަކުރުމަށް ހުށަހެޅި ބިލު ބަލައިގެންފި

25 ފެބްރުއަރީ 2025

|

ޝާމަ ޝުޢައިބު

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ދަނީ. ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރާއްޖޭގެ ސުޕްރީމް ކޯޓުގެ ބެންޗު ކުޑަކުރުމަށްޓަކައި ކޯޓުތަކުގެ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލު ރައްޔިތުންގެ މަޖިލީހުން ބަލައިގެންފިއެވެ.

ހޮޅުދޫ ދާއިރާގެ ޕީއެންސީގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ހުށަހެޅުއްވި މި ބިލު ހުށަހެޅުއްވި މަގްސަދެއް ކަމަށް މެންބަރު ވިދާޅުވެފައިވަނީ، ގާނޫނުއަސާސީގެ ފޮނި މީރުކަން ލިބޭނީ، ސުޕްރީމް ކޯޓު އެކުލެވިގެންވާ ގޮތަށް ބަދަލު ގެނެސްގެން ކަމަށެވެ.

މެންބަރު ހުށަހެޅުއްވި އިސްލާހުގައި ވަނީ، އުއްތަމަ ފަނޑިޔާރާއެކު އެ ކޯޓަށް އައްޔަނުކުރެވޭ 5 ފަނޑިޔާރުން ހިމެނޭ ގޮތަށް ސުޕްރީމް ކޯޓުގެ ބެންޗު އެކުލަވާލުމަށެވެ. އެގޮތުން ކޯޓުގެ ފަނޑިޔާރުންގެ ޖުމްލަ އަދަދު ވާން ޖެހޭނީ އޮނަހިރި އަދަދެއް ކަމަށް އެ އިސްލާހުގައިވެއެވެ.

އެ ބިލު ބަލައިގަތުމަށް މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގެ ވޯޓޫގެ ވަގުތުގައި ބިލު ބަލައިގަތުމަށް ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ ތެރެއިން 64 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. ބިލު ބަލައިގަތުމަށް ނުފެންނަ ކަމަށް 12 މެންބަރަކު ވޯޓު ދެއްވިއެވެ.

މި ބިލަށް ބަހުސްކުރައްވަމުން ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވީ މިއަދު ހުށަހެޅިފައިވާ މައްސަލައަކީ ގާނޫނު އަސާސީން ލިބިފައިވާ ބާރެއްގެ ބޭނުން ކުރުމުގެ މައްސަލައެއް ކަމަށެވެ. ނާޒިމް ވިދާލުވީ މަޖިލީހުގެ އިމްތިޔާޒުތަކާމެދު މިހާރު މިއޮތް ސުޕްރީމް ކޯޓުގެ ބެންޗުން ސުވާލު އުފެއްދިތަން ދާދިފަހުން ފެނިގެން ގޮސްފައިވާ ކަމަށެވެ.

"އެ ސުވާލަކީ ގާނޫނު އަސާސީގައި ދިވެހިރާއްޖޭގެ ދީނަކީ އިސްލާމް ދީންކަމަށް ބަޔާން ކޮށްފައިވަނިކޮށް ރާއްޖޭގެ ދީނަކީ އިސްލާމް ދީން ނޫން ކަމަށް މަޖިލީހުން ނިންމައިފިއްޔާ ދެންވެސް އެ މައްސަލަ ސުޕްރީމް ކޯޓަށް ނުބެލޭނެއޭ. ގާނޫނު އަސާސީގަ ވެސް އެބަ ބުނޭ އިސްލާމް ދީނުގެ އަސްލަކާ ޚިލާފު ނުވާނެ ގޮތެއްގެ މަތިން ގާނޫނު ހެދުމާ ގާނޫނަށް ބަދަލު ގެނައުމޭ. އެހެންކަމުން އިސްލާމް ދީނާ ޚިލާފު އެއްވެސް ކަމެއް، ނުވަތަ ގާނޫނެއް މި މަޖިލީހަށް ބަލައިގަތުމަކީ ވެސް އަދި މަޖިލީހުގައި ބަހުސް ކުރުމަކީވެސް މުސްތަހީލު ކަމެއްގެ ގޮތުގައި އޮއްވާ އެގޮތަށް އެސުވާލު އުފެއްދީމާ އަޅުގަނޑުމެން ސުޕްރީމް ކޯޓުގެ ބެންޗާމެދު ވިސްނާލަން އެބަޖެހޭ. " - ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް

ނާޒިމް ވިދާޅުވީ ރައްޔިތުން އެބޭފުޅުން އިންތިޚާބުކޮށް އެ ޕާޓިއަށް ސުޕަމެޖޯރިޓީ ދީފައިވަނީ ގައުމުގަ ހުރި ނުރައްކަލަށް ހުށަހެޅޭ ކަންތައްތަކުގެ ރަނގަބީލާ އޭގެ ސިގްނަލްތައް އަންނަން ފެށުމުން އެކަންކަން އިސްލާހު ކުރުމަށް ކަމަށެވެ.  ނަމަވެސް މިއަދު ފެނިގެން މިދަނީ ސިޔާސީ އޮއެވަރުގައި ޖެހިގެން ނުވާނެ ބަޔަކު ސިޔާސީ އޮއެވަރަށް ލެނބިފައިވާތަން ކަމަށް ވެސް މެންބަރު ވިދާޅުވިއެވެ. 

މެންބަރު ވިދާޅުވީ ސިޔާސީ ވެރިން ޖަހަމުންދާ ބެރުތަކަށް ނެށުމަށް ބައެއް ފަރާތްތަކުން ތައްޔާރަށް ތިބިކަމުގެ ސިގްނަލްތައް ދެމުންދާތަން ވެސް މިއަދު ފެންނަމުންދާ ކަމަށެވެ. 

"އަޅުގަނޑުމެންނަކީ ސިޔާސީ މީހުން. ސިޔާސީ ކަންކަން ނިންމާނީ އަޅުގަނޑުމެން މިތަނުން. އެފަދަ ކަންކަމުން ބަރީއަވެފައިވާ ބަޔަކަށް ފަނޑިޔާރުން އެބަޖެހޭ ވާން. އަޅުގަނޑުމެންނަށް ފެނިފަ މިވަނީ އެކަން އެގޮތަށް ނުވާތަން. " - ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް

މި ބިލަށް ބަހުސް ކުރައްވަމުން ބާރަށު ދައިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވީ ސުޕްރީމްކޯޓުގައި މިހާރު ހިނގަމުންދާ މައްސަލައެއްގެ ހުކުމް އަންނާނެ ގޮތުގެ ވާހަކަ އެމްޑީޕީން ދައްކާތީ އެކަމާމެދު ނުހަނު ކަންބޮޑުވާކަމަށެވެ.

"އަޅުގަނޑުމެންނަކަށް ނޭންގެ ދިވެހިރާއްޖޭގެ ފަނޑިޔާރުގެ ގެއިން ހުކުމް އަންނާނެ ގޮތެއް. އެހެން ނަމަވެސް އެމްޑީޕީގެ މެންބަރުން ޕީއެންސީގެ މެންބަރުންނަށް ހަޖަމު ނުވެގެން އުޅެނީ ސުޕްރީމް ކޯޓުން އެބޭފުޅުންނާ ދެކޮޅަށް ހުކުމް އަންނާތީއޭ ބުނާތީ މިއީ ވަރަށް ބޮޑު ކަންބޮޑުވުމެއް. " - ބާރަށު ދައިރާގެ މެންބަރު އިބްރާހިމް ޝުޖާއު

ޝުޖާއު ވިދާޅުވީ ކޯޓުތަކުން ކުރާ ހުކުމްތަކަށް ދިވެހި ރައްޔިތުންނަށް ފާޑުކިޔެންވާނެ ކަމަށެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުން ހަދާ ގާނޫނަކަށް ރައްޔިތުންނަށް ފާޑުކިޔެންޏާ ރާއްޖޭގެ ކޯޓުތަކުން ކުރާ ހުކުމްތަކަށް ވެސް ފާޑުކިޔެންވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. 

މެންބަރު ވިދާޅުވީ ދިވެހިރާއްޖޭގެ ސިޔާސީ މަޝްރަހުގެތެރޭގައި ހިނގާ ސިޔާސީ ކަންކަމަށް ގޮތް ނިންމުމުގެ ބާރެއް ދިވެހިރާއްޖޭގެ ކޯޓުތަކަށް ލިބިގެންވާ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އެހެން ނަމަވެސް އަޅުގަނޑުމެންނަށް މިއަދު ފެނިގެން މިދަނީ އެއް ގޮތުން ނުވެއްޖެޔާ އަނެއް ގޮތުންވެސް މި ސަރުކާރު ރައްޔިތުންނަށް ޚިދުމަތް ކުރަމުން ގެންދާތީ މިކަމާ ކަންބޮޑުވެގެން އަޅުގަނޑުމެންގެ ސަރުކާރަށް އެކިއެކި ހަމަލާތައް ދިނުމަށް އެކި ނިޒާމު، އެއީ އެއްބާރުގެ ތެރެއިން އަނެއްބާރަށް ވެރިވެގެން ކަމުގައި ވީ ނަމަވެސް އެކަން ކުރެވޭނެ ގޮތެއް ހޯދުމަށް ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށެވެ. 

މި ބަހުސްގައި މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގް ވިދާޅުވީ ރައްޔިތުންގެ މަޖިލީހަކީ ރާއްޖޭގައި ސިޔާސީ މަސައްކަތް ކުރާ އެންމެ ބޮޑު އެއްތަން ކަމަށެވެ. އަދި މަޖިލިސް މެންބަރުންނަށް ގާނޫނުތަކަށް ގެންނަން ބޭނުންވާ ބަދަލެއް ގެނެވޭނެ ކަމަށާ ގާނޫނު އަސާސީއަށް ގެންނަން ބޭނުންވާ ބަދަލެއް ވެސް އެ އޮންނަ ނަންބަރެއް ހަމަކޮށްގެން ގެނެވޭނެ ކަމަށެވެ.

"އެއީކީ ސުޕްރީމް ކޯޓާ ބެހޭ މައްސަލައެއް ނޫން. އަޅުގަނޑުމެން އިޖުރާއަތްތައް ބަރާބަރަށް ފޮލޯކޮށްގެން ރައްޔިތުންގެ މަޖިލީހުން ނިންމާފައިވާ ނިންމުމެއް ބަދަލު ކުރުމުގެ ބާރު ސުޕްރީމް ކޯޓަކަށް ގާނޫނު އަސާސީން ލިބިދީފައެއް ނުވޭ. " - މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގް

ގާނޫނު އަސާސީގެ ދަށުން އެންމެ ފުރަތަމަ އެކުލަވާލެވުނު އިންތިގާލީ ސުޕްރީމް ކޯޓުގައި 5 ފަނޑިޔާރުން ތިއްބެވިއެވެ. އޭގެފަހުން 2010 ވަނަ އަހަރު 7 ފަނޑިޔާރުންގެ މައްޗަށް ދާއިމީ ސުޕްރީމް ކޯޓެއް އެކުލަވާލެވުނުއިރު، އަނެއްކާވެސް ގާނޫނު އަސާސީއަށް އިސްލާހު ގެނެސްގެން 2014 ގައި ފަނޑިޔާރުންގެ އަދަދު ފަސް ފަނޑިޔާރުންނަށް މަދު ކުރެވުނެވެ. އޭގެ ފަހުން 2019 ގައި ސުޕްރީމް ކޯޓުގެ ބެންޗު އަނެއްކާވެސް 7 އަށް އިތުރު ކުރިއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗު 7 އިން 5 އަށް ކުޑަކުރަން މެމްބަރު ހުށަހަޅުއްވާފައިވަނީ، މިހާރު އެ ކޯޓުގެ ފަނޑިޔާރުކަމުގައި ތިއްބެވި ދެ ބޭފުޅަކު މަގާމުން ވަކިކޮށްގެން ނެވެ. އެ ބޭފުޅުން ވަކިކުރާނީ، އެ އިސްލާހުގައިވާ ގޮތުން، ފަނޑިޔާރުކަމުގެ މަގާމަށް އެ މީހަކު ގާބިލު ނޫންކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ގަބޫލުކުރެވިގެން، އެ ފަނޑިޔާރަކު މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، ފާސްވުމުންނެވެ.

އަދި މަގާމުން ވަކިކުރާ ފަނޑިޔާރުންގެ ނަންތައް މި އިސްލާހަށް އަމަލުކުރަން ފަށާތާ ގިނަވެގެން 5 ދުވަހުގެ ތެރޭގައި މަޖިލީހަށް ހުށަހަޅަން ޖެހޭނެ ކަމަށް ވެ އެވެ. މަޖިލީހުން އެ މަސައްކަތް ގިނަވެެގެން 7 ދުވަހުގެ ތެރޭގައި ނިންމަން ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު