ENGLISH
22 އޭޕްރީލު 2025
ޕީއެންސީގެ 11 މެމްބަރުން ވޯޓުގައި ބައިވެރި ނުވިކަމަށް މީޑިއާގައި ދެކެވޭ ވާހަކަ ހަޤީގަތާ ޚިލާފު: ޕީއެންސީގެ ޕީޖީ ލީޑަރު ފަލާހް
25 ފެބްރުއަރީ 2025
|
މަޖިލީހުގެ ޖަލްސާއެއްގައި ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާހް ވާހަކަދައްކަވަނީ. ފޮޓޯ: މަޖިލިސް
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗު ފަހަކަށް މަދުކުރަން ކޯޓުތަކާ ބެހޭ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައި ޕީއެންސީގެ 11 މެމްބަރުން ވޯޓުގައި ބައިވެރި ނުވިކަމަށް މީޑިއާގައި ދެކެވޭ ވާހަކަ އަކީ ހަޤީޤަތާ ހިލާފު ވާހަކައެއް ކަމަށް ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހް މިއަދު ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ މެމްބަރު ހޮޅުދޫ ދާއިރާގެ މެމްބަރު އަބްދުއްސައްތާރު މުޙައްމަދު ހުށަހެޅުއްވި ބިލް މަޖިލީހުން ބަލައިގަތީ ޕީއެންސީގެ 64 މެމްބަރުންގެ ވޯޓާއެކުއެވެ. ވޯޓުގެ ކުރިން ޕީއެންސީން ވަނީ އެ ބިލް ބަލައިގަތުމަށް ވޯޓު ދިނުމަށް ތްރީލައިން ވިޕެއް ނެރެފައެވެ.
ޕީއެންސީގެ ޕީޖީ ލީޑަރު ފަލާހް 'އެކްސް' ގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިނުވިކަމަށް މީޑިއާތަކުގައި ލިޔެވިފައިވާ، ޕީއެންސީގެ 11 މެމްބަރުންގެ ތެރެއިން 9 މެމްބަރުން މިވަގުތު އުޅުއްވަނީ ޕާޓީގެ ދަތުރުތަކުގައި މާލޭން ބޭރުގައި ކަމަށެވެ. އަދި، މިއަދުގެ ޖަލްސާއަށް ހާޒިރުވެވަޑައިގެން، ވޯޓު ނެގިވަގުތު ޕީއެންސީގެ ދެ މެމްބަރަކު ވޯޓުގައި ބައިވެރިވެވަޑައިގެންފައިނުވަނީ ކީއްވެގެންތޯއާއި، އެހެން ދިމާވި ސަބަބު ޕީޖީ ލީޑަރޝިޕުން މިހާރު ބައްލަވަމުންދާކަމަށް މެމްބަރު ފަލާހް ވިދާޅުވިއެވެ.
މެމްބަރު ފަލާހް 'އެކްސް' ގައި ކުރެއްވި ޕޯސްޓާ ޙަވާލާދެއްވައި، އެމްއެމްޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، 11 މެމްބަރުން ވިޕްލައިނާއި ޚިލާފުވެވަޑައިގަތްކަމަށް ނޫސްތަކުގައި ރިޕޯޓްކޮށްފައިވަނީ، ޕީއެންސީން އެކަމާ ގުޅޭގޮތުން އެއްވެސް ވާހަކައެއް ހާމަނުކުރައްވަނީސް ކަމަށެވެ.
މެމްބަރުން ވޯޓާ ގުޅޭގޮތުން ފަލާހް އިތުރަށް ވިދާޅުވީ، މާލެގައި ތިއްބަވައި، ވޯޓުގައި ބައިވެރިވެވަޑައިނުގެންނެވުނީ ދެ މެމްބަރަކަށް ކަމަށެވެ. އެކަމާއި ގުޅިގެން އެ މެމްބަރުންނާ ބައްދަލުކުރައްވައި ސަބަބު ސާފުކުރައްވާނެކަމަށް ފަލާހް ވަނީ ވިދާޅުވެފައެވެ.