ENGLISH
22 އޭޕްރީލު 2025
ރަމަޟާން މަހަށް ޚާއްސަ ވަގުތީ ޕާކިން ސަރަހައްދު އާންމުންނަށް ހުޅުވާލައިފި
25 ފެބްރުއަރީ 2025
|
ގުރޭޓަރ މާލޭ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ކުރިމަތިވެފައިވާ ޓެރްފިކް މައްސަލައަށް ޙައްލު ހޯދައިދިނުމުގެ ގޮތުންނާއި ރަމަޟާން މަހަށް ޚާއްޞަކޮށް ހުޅުމާލޭ ފޭސް 1 ގައި ވަގުތީ ޕާކިންގ ސަރަޙައްދެއް ޤާއިމުކޮށް ޢާންމުންނަށް ހުޅުވާލައިފިއެވެ.
ރަމަޟާން މަހަށް ޚާއްސަކޮށް ޤާއިމްކުރި ވަގުތީ ޕާކިން ހުޅުއްވައިދެއްވީ މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ޓްރާންސްޕޯޓް މިނިސްޓަރ މުޙައްމަދު އަމީންއެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރ އަމީންގެ އިތުރުން ހޯމް މިނިސްޓަރު އަލީ އިހުސާން އަދި ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު އަމީން ވިދާޅުވީ، މީގެ އަހަރެއްހާ ދުވަސް ކުރިން މާލެ އަދި ހުޅުމާލޭގެ ގިނަ ސަރަހައްދުތަކެއްގައި ބޭނުންނުކޮށް ގިނަ އަދަދެއްގެ ވެހިކަލްތައް ދޫކޮށްލެވިފައިވާ ކަމަށާ އަދި ވެހިކަލްތައް ޕާކް ކުރަމުން ގެންދިޔައީ އެއްވެސް އުސޫލެއް ނެތި ކަމަށެވެ. އަދި އާންމު ރައްޔިތުން ބޭނުންކުރާ ވަރަށް މުހިންމު ސަރަހައްދުތަކުގައި ވެހިކަލް ޕާކް ކޮށްފައިހުރުމުން ރައްޔިތުންނަށް ބޮޑެތި އުނދަގޫތަކާއި ކުރިމަތިލާން ޖެހިފައިވާކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވީ، ދިވެހި ފުލުހުންގެ އެހީތެރިކަމާއެކު ކުރެވުނު މަސައްކަތުން މާލެ އަދި ހުޅުމާލޭގައި ނުގަވައިދުން ޕާކް ކޮށްފައިވާ އުޅަނދުތައް ޓޯވކޮށް ޓްރެފިކް ފްލޯއަށް ވަރަށް ބޮޑު ލުޔެއް ލިބިފައިވާ ކަމަށެވެ. ވަޒީރު ފާހަގަކުރެއްވީ މިއަދު ހުޅުވާލެވުނު ޕާކިންއަކީ މިހާރު ހުރި ގިނަ ޕާކިންތައް ފުރިފައި ހުރުމުގެ ސަބަބުން މި ރަމަޟާން މަހު ދިމާވެދާނެ ދަތިތަކަށް ހައްލު ހޯއްދެވުމުގެ ގޮތުން ހުޅުވާލެވުނު ޕާކިންއެއް ކަމަށެވެ.
މީގެ އިތުރުން، ވަޒީރު އިހްސާން ވިދާޅުވީ މިއަދު ހުޅުވާލެވުނު މި ޕާކިން އަކީ ދާއިމީ ހައްލެއް ނޫން ކަމަށާއި އެހެން ނަމަވެސް ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށެވެ. އަދި މި ޕާކިން ފުލުހުން މޮނިޓާރ ކުރަމުންގެންދާނެ ކަމަށްވެސް އިހްސާން ވިދާޅުވިއެވެ.
ހުޅުމާލޭގެ ފޭސް އެކެއްގެ ވަގުތީ ޕާކިން ހަދާފައި ވަނީ މަސްޖިދުލް ވާލިދައިންގެ ދެކުނުން އޮންނަ ސަަރަހައްދުގައެވެ.
ހުޅުމާލެ ފޭސް އެކެއްގައި ޤާއިމްކުރެވުނު ޕާކިންގެ ސަބަބުން ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ ތެރެއިން ފައިމަގުގައި އުޅޭ ފަރާތްތަކާއި ދުއްވާ އެއްޗެހި ދުއްވާ ފަރާތްތަކަށް އިތުރު ލުއި ފަސޭހަކަމެއް ލިބިގެންދާނެއެވެ. އެގޮތުން ހުޅުމާލޭގެ މަގުތަކުގައި ޕާކުކުރާ އުޅަނދުތަކުގެ ޢަދަދު މަދުވެ، ދަތުރުފަތުރުގެ ކަންކަން ލުއިވެ ތަނަވަސް ވެގެންދާނެއެވެ.