ENGLISH
22 އޭޕްރީލު 2025
ލަސްވެގެން ޖުލައިގެ ތެރޭ ހުޅުދެލީ ބިން ހިއްކަން ފަށައިދޭނަން: ރައީސް
25 ފެބްރުއަރީ 2025
|
ދ.ހުޅުދެލީ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ބައްދަލުކުރެއްވުން، ފޮޓޯ: ރައީސް އޮފީސް
ލަސްވެގެން އަންނަ ޖުލައި މަހުގެ ތެރޭގައި ހުޅުދެލީގެ ބިން ހިއްކުމުގެ މަޝްރޫއު ފައްޓަވައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ދ.އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށްރަށަށް ކުރެއްވި ތިން ދުވަހުގެ ދަތުރުފުޅުގެ ފަހު މަންޒިލެއްގެ ގޮތުން ހުޅުދެއްޔަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާާޅުވީ މި އަހަރަކީ ރައްޔިތުން ބޭނުންވެފައި ހުރި ގިނަ މަސައްކަތްތައް އަމަލީ ގޮތުން ފަށައިގެން ކުރިއަށްދާ އަހަރަކަށްވާނެ ކަމަށެވެ.
ހުޅުދެލީގެ ރައްޔިތުންނަށް އެންމެ ބޮޑުވެފައި އޮތް މައްސަލައަކީ ބިމުގެ ޖާގައިގެ ދަތިކަންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެ މައްސަލަ ހައްލުކުރުމަށް އެރަށުގެ ފަޅުން ހިއްކެން އޮތް އެންމެ ބޮޑު ޖާގައެއް ހިއްކުމަކީ ސަރުކާރުން އެ ރަށުގައި ހިންގުމަށް ކަނޑައަޅާފައިވާ އެންމެ މުހިއްމު މަޝްރޫއު ކަމަށެވެ.
އެ މަޝްރޫއު ހިންގުމަށްޓަކައި ކޮންސްޓްރަކްޝަން މިނިސްޓްރީއާއި އެމްޓީސީސީއާ ދެމެދުގައި ކޮންޓްރެކްޓެއް ގާއިމުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި ނިންމައި، އެންމެ ލަސްވެގެން އަންނަ ޖުލައި މަހު އެ މަސައްކަތް ފައްޓަވައިދެއްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ބިމުގެ ދަތިކަމަކީ މިރަށުގެ ރައްޔިތުންނަަށްވެސް އެންމެ ދަަތިވެފައި އޮތް މައްސަލަ. މިރަށުގެ ފަޅު ތެރެއިން ބިން ހިއްކެން އޮތް އެންމެ ބޮޑު މިނެއްގައި ބިން ހިއްކައި އެ ބިން ހިމާޔަތްކޮށްދިނުމަކީ، މިރަށުގައި މި ސަރުކާރުން ހިންގަން ކަނޑައަޅާފައި އޮތް އެންމެ މުހިއްމު މަޝްރޫއުކަމަށް އަޅުގަނޑު ތިޔަ ބޭފުޅުންނަށް ދަންނަވަން. އިރާދަކުރެއްވިއްޔާ ކުރިއަށް މިއޮތް ހަފުތާތަކުގައި މިކަމާ ބެހޭ ފައިނަލައިޒްކުރަންޖެހޭ ކަންކަން އަޅުގަނޑުމެން ނިންމާނަން. އަދި އެންމެ ލަސްވެގެން ޖުލައި މަހުގެ ތެރޭގައި ފަށައިދޭނަން، " ރައީސް ވިދާޅުވިއެވެ.
ރައީސްވަނީ އެ މަޝްރޫއު ނިންމޭނެ އަވަހަށް އެ މަސައްކަތް ނިންމަވައިދެއްވާނެކަމުގެ ޔަގީންކަން ހުޅުދެލީ ރައްޔިތުންނަށް ދެއްވާފައެވެ.
އެ މަސައްކަތުގެ އިތުރަށް ހުޅުދެލީ ސްކޫލުގެ ޖާގަަ އިތުރުކުރުމުގެ ތެރެއިން މަލްޓި ޕާޕޮސް ހޯލު ގާއިމުކޮށް ކްލާސް ރޫމުތައް އިތުރުކޮށްދެއްވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ. އަދި އެ މަަޝްރޫއު މި އަހަރު ކުރިއަށްދާނެކަމަށާއި، ލަސްވެގެން މޭ މަހުގައި އަމަލީ މަސައްކަތް ފެށޭނެކަމަށްވެސް ވިދާޅުވިއެވެ.
ސިއްހީ ދާއިރާއަށް ބަލާއިރު އެ ރަށުގެ ސިއްހީ މަރުކަޒަކީ އިމާރާތުގެ ގޮތުންނާއި ވަސީލަތުގެ ގޮތުން ފުރިހަމަ ތަނަކަށް ހައްދަވައިދެއްވާނެ ކަމަށާއި 16 ގަޑިއިރު ހިދުމަތް ދެވޭ ފެންވަރުގެ މަރުކަޒަކަށް އެ މަރުކަޒު ހައްދަވައިދެއްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
އޭގެ އިތުރަށް ރައީސް ވިދާޅުވީ ހުޅުދެލީގައި އައިސް ޕްލާންޓު އެ ރަށުގައި ގާއިމުކުރައްވާނެ ކަމަށާއި، މި އަހަރުގެ ތިންވަނަ ކުއާޓާގައި އެ މަސައްކަތް ފެށިގެންދާނެ ކަމަށެވެ. އަދި މި އަހަރު ތެރޭގައި އައިސް ޕްލާންޓު ގާއިމުކުރެއްވުމުގެ ވައުދު ފުއްދަވައިދެއްވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.
"އިރާދަަކުރެއްވިއްޔާ މާ ލަސްތަކެއްނުވެ ތިންވަނަ ކުއާޓަރުގެ ތެރޭގައި އެހެންމަ ސެޕްޓެންބަރު ހިސާބުގައި، މިރަށުގައި އައިސްޕްލާންޓު ގާއިމުކުރުމުގެ މަސައްކަތްކުރެވޭނެ. އެހެންވީމާ އިރާދަކުރެއްވިއްޔާ މި އަހަރު ތެރޭގައި ތިޔަ ބޭފުޅުންނަށް އަޅުގަނޑުވީ ވައުދު ފުއްދައިދޭނަން،" ރައީސް ވިދާޅުވިއެވެ.
އޭގެ އިތުރަށްވެސް ހުޅުދެއްޔަށް ބޭނުންވާ ކަަންކަން ފާހަގަކުރައްވައި އެކަންކަން ކުރިއަށް އޮތް ދުވަސްތަކުގަައި ފުރިހަމަކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސްވަނީ އެ ރަށުގެ ރައްޔިތުންނަށް ދެއްވާފައެވެ.