ENGLISH
22 އޭޕްރީލު 2025
ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރއްޔިތުންނަށް އެންމެ ފުރިހަމަ މަންފާ ފޯރުކޮށްދޭނަން: ރައީސް
25 ފެބްރުއަރީ 2025
|
ދ.ހުޅުދެލީގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވާހަކަދައްކަވަނީ، ފޮޓޯ: ރައީސް އޮފީސް
ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުންނަށް އެންމެ ފުރިހަމަ މަންފާ ފޯރުކޮށްދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ ދ.އަތޮޅުގެ ހުރިހާ ރަށަކަށް ކުރައްވަމުންދާ ދަތުރުފުޅުގެ ފަހު މަންޒިލުކަމަށްވާ ދ.ހުޅުދެއްޔަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވަައި މިއަދު ދެއްކެވި ވާހަކަފުޅުގައެވެ. ރައީސްގެ މި ދަތުރުފުޅުގައި ބައެއް ރަށްރަށުގައި ނިމިފައި ހުރި މަޝްރޫއުތައް އިފުތިތާހުކޮށްދެއްވުމާއެކު، އިތުރު ބައެއް މަޝްރޫއުތައް ފައްޓަވާދެއްވާފައިވެއެވެ.
އެމަނިކުފާނު ހުޅުދެލީގައި ދެއްކެވި ވާހަަކަފުޅުގައި ވިދާޅުވީ އެމަނިކުފާނު ރަށްރަށަށް ކުރައްވާ ދަތުރުފުޅުގެ މަގުސަދަކީ ރައްޔިތުންނާ ބައްދަލުކުރައްވައި ކަންކަން ހައްލުކުރެއްވުން ކަމަށެވެ. އަދި ރިޔާސީ އިންތިހާބުގައި ވެވަޑައިގެންނެވި ހުރިހާ ވައުދުފުޅެއް ހަނދުމަފުޅު ހުރިކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ މިހާރު ސަރުކާރުން ފަށާފައިވަނީ އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުފުޅުތައް ތަންފީޒުކުރުމުގެ މަސައްކަތް ކަމަށެވެ.
އަދި ލާމަރުކަޒީ ނިޒާމު ކުރިއެރުއްވުމަށް މަސައްކަތްކުރައްވަމުންދާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ކައުންސިލުތަކާ ބައްދަލުކުރެއްވުމުގެ މައިގަނޑު މަގުސަދަކީ އެ ކައުންސިލުތަކުގެ މަސައްކަތްތަކުގައި ކުރިމަތިވާ ގޮންޖެހުންތައް ބައްލަވައި އެކަންކަމަށް ހައްލު ހޯދައިދެއްވުން ކަމަށެވެ. އަދި އެމަަނިކުފާނުގެ އަމާޒަކީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުންނަށް ފުރިހަމަ މަންފާ ހޯދައިދެއްވުން ކަމަށެވެ.
އެމަނިކުފާނުގެ އިސްނެންގެވުމަށް ބޭންކް އޮފް މޯލްޑިވްސްއާއި ސަރުކާރު ގުޅިގެން ކުރިއަށްގެންދާ ހުރިހާ ރަށެއްގައި އޭޓީއެމް ޤާއިމުކުރުމުގެ މަޝްރޫއުގެ ތެރެއިން އެ އަތޮޅެއްގެ ހުރިހާ ރަށެއްގައި އޭޓީއެމް ޤާއިމުކުރެވުނު ފުރަތަމަ އަތޮޅަކީ ދ.އަތޮޅުކަން ރައީސް ފާހަގަކުރެއްވިއެވެ.
އޭގެ އިތުރަަށް ހުޅުދެއްޔަކީ ބިމުގެ ޖާގަައިގެ ދަތިކަން އޮތް ރަށެއްކަން ފާހަގަކުރައްވައި ރައީސްވަނީ އެ ރަށުގެ ފަޅު ތެރޭގައި ބިން ހިއްކުމަށް އީއައިއޭ ހެދުމަށްފަހު ހިއްކެން އޮތް އެންމެ ބޮޑު ސަރަހައްދެއް ހިއްކަވާނެކަމަށާއި، އީއައިއޭ ނިންމުނުހައި އަވަހަކަށް މަސައްކަތް ފައްޓަވާނެ ކަމުގައި ވިދާޅުވެފައެވެ.
އޭގެ އިތުރަށް ހުޅުދެލީ ސްކޫލުގެ މަލްޓި ޕާޕޯސް ހޯލުގެ މަސައްކަތް ނިންމަވައިދެއްވާނެކަމަށާއި، ރަށުގެ ކުނީގެ މައްސަލަ ހައްލުކޮށްދެއްވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.