ENGLISH
22 އޭޕްރީލު 2025
2014 އިން ފެށިގެން ރައްޔިތުންގެ ޒާތީ މައުލޫމާތު ވިއްކާ، ފޫނެތް ޑީއެންއާރްގެ މައްސަލަ ހައްލު ކުރީ މި ސަރުކާރުން: އިހުސާން
25 ފެބްރުއަރީ 2025
|
މިނިސްޓަރ އިހުސާން މަޖިލީހުގެ ޖަލްސާގައި (ފޮޓޯ/ ރައްޔިތުންގެ މަޖިލީސް)
2014 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ރައްޔިތުންގެ މައުލޫމާތު ޑީއެންއާރްގެ ތެރެއިން އެކި ގޮތްގޮތުން ނަގާ ވިއްކަމުން ދާކަމަށް އެކިއެކި ތަފާސްހިސާބުތަކުން ދައްކާކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އިދިކޮޅު އެމްޑީޕީގެ ފަރާތުން މިނިސްޓަރު އިހުސާންގެ މައްޗަށް ހުށަހަޅާފައިވާ އިތުބާރު ނެތް ކަމުގެ މައްސަަލައަށް ޖަވާބުދާރީވެވަޑައިގަންނަވަމުން މިނިސްޓަރު ވިދާޅުވީ އެކިއެކި އިންތިޚާބުތަކުގައި ވެސް މި މައުލޫމާތުތައް އެކި ފަރާތްތަކުން ބޭނުން ކުރަމުންދާ ކަމަށާ އެކަން މަޖިލީހުގައި ތިއްބެވި މެންބަރުންނަށް ވެސް އެނގިވަޑައިގަންނަވާނެ ކަމަށެވެ.
"2024 ވަނަ އަހަރު ޕީޕަލްސް ނެޝެނަލް ކޮންގްރެސް އަށް 40،000 މީހުން އިތުރުވެފައިވާ ކަމަށް އެބަ ދައްކާ އިލެކްޝަންސް ކޮމިޝަންގެ ރިކޯޑުން. އޭގެ ތެރޭގަ 183 މީހުން އެ މީހުންނަށް ނޭންގި ޕާޓީއަށް ވެއްދިފައިވާ ކަމަށް. ހަމަ އެ މުއްދަތުގެތެރޭގައި 9،000 މީހުން އެމްޑިޕީން މަދުވަނީ. އެކަމަކު 140 މީހުން ގަވާއިދާ ޚިލާފަށް ވެއްދި ކަމަށް. އެވެސް ހަމަ އަޅުގަނޑުތޯއޭ ސުވާލަކީ." - ހޯމް މިނިސްޓަރު އަލީ އިހުސާން
މިނިސްޓަރު ވިދާޅުވީ މިފަދަ މައްސަލަތަކުގަ ވަރަށް ހަމަޖެހޭ ނިޒާމެއް އޮންނަ ކަމަށެވެ. އެގޮތުން ނޭންގި ޕާޓީއަކަށް ވައްދާފައިވާނަމަ އެ މައްސަލަ ހުށަހެޅުމުން މައްސަލައަކީ ފޯޖަރީ މައްސަލައެއްގެ ގޮތުގައި ބަލައި އެކަމާ ގުޅިގެން އެ މައްސަލަ ތަހުގީގަށް ސާބިތުވާނަމަ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް އެ މައްސަލަ ފޮނުވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"މީގެ ސާފު ހއްކެއްތ އެއީ އަޅުގަނޑުގެ މި މައްސަލައިގައި ސޮއި ކޮށްފައިވާ 12 މެންބަރުންގެ ތެރޭގައި ތޮއްޑު ދާއިރާގެ މެންބަރަކީ މިފަދަ މައްސަލައެއްގަ 2012 ވަނަ އަހަރު ތަހުގީގުކޮށް، ތަހުގީގަށް ސާބިތުވެ، އެ މައްސަލަ ޕީޖީ އޮފީހަށް ފޮނުވާ ދައުވާ ކުރަން ފޮނުވާ 2016 ވަނަ އަހަރު ޕީޖީ އޮފީހުން ދައުވާ ނުކުރަން ނިންމި. އެހެންވީމަ މިކަމުގަ އެކްސްޕީރިއެންސް ހުރި ބޭފުޅުން މިވާހަކަ މި ހުށަހަޅުއްވަނީ. " - ހޯމް މިނިސްޓަރު އަލީ އިހުސާން
މިނިސްޓަރު ވިދާޅުވީ މިކަމަށް މީގެކުރިން ހައްލެއް ލިބިފައިނުވާއިރު އެވާހަކަ ހުރިހާ ސަރުކާރަކުން ވެސް ދައްކަމުން ދިއަ ކަމަށެވެ. ނަމަވެސް އެ މައްސަލަ ހައްލުކުރަން އެއްވެސް ސަރުކާރަކުން މަސައްކަތް ކޮށްފައިނުވާ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ޑީއެންއާރް ޑޭޓާބޭސްތަކުން ފޫގޮސްފައިވަނިކޮށް މިކަމަށް ހައްލެއް ނުގެނަސް އޮއްވާ އިލެކްޝަންސް ކޮމިޝަނާ ގުޅިގެން މި މައްސަލަ ހައްލު ކުރީ މި ސަރުކާރުން ކަމަށެވެ.
މިނިސްޓަރުގެ ޖަވާބު އިތުރަށް ތަފްސީލުކޮށްދެއްވާ ވިދާޅުވީ 2018 ވަނަ އަހަރުން ފެށިގެން 2023 ގެ ނިޔަލަށް އެމްޑީޕީއަށް ވެއްދި ފޯމުތަކުގެތެރޭގަ 500 މީހުން، އެ މީހުންނަށް ނޭންގި އެ ޕާޓީއަށް ވައްދާފައިވާ ކަމަށް އީސީގެ ރިކޯޑުތަކުން ދައްކާ ކަމަށެވެ. އަދި އޭރު މިނިސްޓަރަކަށް ހުންނެވީ އެމަނިކުފާނުތޯ މިނިސްޓަރު ވަނީ ސުވާލުކުރައްވާފައެވެ.
"520 މީހުން އެ މީހުންނަށް ނޭންގި އޭރު އެ ޕާޓީއަށް ވައްދާފަވޭ. އޭރު މި މައްސަލައިގައި ޑީއެންއާރްގެ ވެރިއަކު ހާޒިރުވެސް ކޮށްފައެއް ނުވޭ. ޑީއެންއާރާ ހަވާލުވެ ހުންނެވި ވަޒީރަކުވެސް ނުގެނޭ. ހަމައެއާއެކު މި މައްސަލަތައް ނުބެލިގެން މި އިއްޒަތްތެރި މަޖިލީހަށް މައްސަލަތަކެއް ވެސް ހުށަހަޅާފައެއް ނުވޭ. " - ހޯމް މިނިސްޓަރު އަލީ އިހުސާން
މިނިސްޓަރު ވިދާޅުވީ އޭރު ހުރި ހުރިހާ ޕްރައިވެޓް ޑޭޓާބޭސްތަކެއް، ދައުލަތުގެތެރޭގަ ހުރި ހުރިހާ އެއްޗެއް ނަގައިގެން ޑޭޓާބޭސްއެއް ހަދައިގެން އުޅޭ ވާހަކަތަކެއް ވެސް ފެންމަތިވި ކަމަށެވެ. ނަމަވެސް އެފަދަ އެއްވެސް މައްސަލައެއް އޭރުގެ މަޖިލީހުން ބަލާފައިނުވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އެހެންވީމާ މިއަދު މި މައްސަލަ ހުށަހެޅި ބޭފުޅުންގެ އިޚުލާސްތެރިކަމާމެދު ސުވާލު އުފެދޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.