ENGLISH
22 އޭޕްރީލު 2025
ރިނބުދޫ ރައްޔިތުންގެ ގިނަ ކަންބޮޑުވުންތައް ހައްލުކޮށްދެއްވާނެކަމުގެ ޔަގީންކަން ރައީސް ދެއްވައިފި
25 ފެބްރުއަރީ 2025
|
ރައީސް، ރިނބުދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަދައްކަވަނީ
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު އެއަތޮޅު ރިނބުދޫއަށް ވަޑައިގެން، އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ވިދާޅުވީ އެމަނިކުފާނު އެކި ރަށްތަކުގެ ރައްޔިތުންނާ ބައްދަލުކުރައްވަނީ އެއްވެސް މެދުވެރިއެއްނެތި ރައްޔިތުންގެ ބޭނުންތައް ސީދާ އެމަނިކުފާނު އަޑުއައްސަވާ، ވީހާވެސް އަވަހަކަށް އެކަންކަމަށް ހައްލެއް ހޯދައިދެއްވުން ކަމަށެވެ.
"އަޅުގަނޑު ރައްޔިތުންނާ ބައްދަލުކުރަން މި އަންނަނީ ރައްޔިތުންނާ ގާތުން ރައްޔިތުން ބޭނުންވާ ކަންކަން ސީދާ، މެދުވެރިއެއް ނެތި އޮޅުންފިލުވަން. އޭގެންވާ ފަސޭހައަކީ، އަޅުގަނޑަށް ލިބޭ ހިތްހަމަޖެހުމެއް، ޔަގީންކަމެއް އުފެދިގެންދާތީ. އަޅުގަނޑށް ސީދާ ރައްޔިތުން ބޭނުންވާ ކަންކަން ސީދާ ރައްޔިތުންގެ ކިބައިން އޮޅުންފިލުމުން އެކަންކަމަށް ރަނގަޅު، ފުރިހަމަ ދާއިމީ ހައްލެއް ގެނެސްދިނުމުގަ ފަސޭހަވެގެންދާތީ. އަވަހަށް ކަންކަން ކުރުމަށް އަޅުގަނޑަށް ފަސޭހަވެގެންދާތީ. އެހެންވީމަ ރައްޔިތުން އަޅުގަނޑަށް ތިގޮތަށް ދެއްވާ އެއްބާރުލެއްވުމަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން." ރައީސް ވިދާޅުވިއެވެ.
ރިނބުދޫއަށް މިވަގުތު އެންމެ ބޮޑަށް ބޭނުންވެފައިވާ ކަންކަމަށް އަލިއަޅުވާލައްވަމުން މައިގަނޑު ތިންކަމެއް ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން އެންމެ ފުރަތަމަ ކަމަކަށް ފާހަގަކުރެއްވީ އެރަށުގެ ސްކޫލަށް ދިމާވެފައިވާ ދަތިކަމެވެ. އެމަނިކުފާނު ވިދާޅުވީ މިކަމަކީ އެރަށުގެ ރައްޔިތުންނަށާއި ސްކޫލް ދަރިވަރުންނަށާއި ބެލެނިވެރިންނަށާއި ޓީޗަރުންނަށް، ރަނގަޅު ދާއިމީ ހައްލެއް އައުން މުހިންމު މައްސަލައެއް ކަމަށެވެ.
"އެންމެ މުހިންމު އެއްކަމަކީ ސްކޫލްގެ ދަތިކަން. ސްކޫލަށް ބޭނުންވާ ޖާގަ އިތުރުކުރުމުގެ ވާހަކަ. މިރަށުގެ ރައްޔިތުންނަށް، ސްކޫލް ދަރިވަރުންނަށް، ބެލެނިވެރިންނަށް، ޓީޗަރުންނަށް ވަރަށް މުހިންމު، މިމައްސަލައަށް ދާއިމީ ރަނގަޅު ހައްލެއް އައުން. އެހެންވީމަ އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ދެމަސްދުވަހުގެ ތެރޭގަ މިހާރު ކުރިއަށްދާ އިދާރީ ޓެކްނިކަލް މަސައްކަތްތައް ފުރިހަމަކޮށް، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހަ ކްލާސްރޫމް ހިމެނޭ ގޮތަށް ކޮމްޕިއުޓަރ ލެބާއި ލައިބްރެރީއެއް ހިމެނޭ ގޮތަށް އިރާދަކުރެއްވިއްޔާ ސްކޫލް އިންފްރާސްޓްރަކްޗަރ މަޝްރޫއެއް މެއި މަހުގެ ތެރޭގަ އަމަލީގޮތުން މިރަށުގަ ފައްޓާނެ ވާހަކަ ތިބޭފުޅުންނަށް ދަންނަވާލަން."
ރައީސް އިތުރަށް ފާހަގަކުރެއްވީ ރަށުގަ ހުރި ހަމައެކަނި މިސްކިތް އިމާރާތްކުރެވިފައި ވަނީ 1992 ވަނަ އަހަރުގަ ކަމަށާއި ރަށަށް އިތުރު މިސްކިތެއް ބޭނުންވާކަމަށެވެ. އެހެންކަމުން އެންމެ ލަސްވެގެން ޖުލައި މަހުގެ ތެރޭގަ 500 މީހުންގެ ޖާގައިގެ ޒަމާނީ ރީތި މިސްކިތެއްގެ މަސައްކަތް ފެށިގެންދާނެ ކަމަށެވެ.
ރިނބުދޫއަށް މިވަގުތު އެންމެ މުހިންމު ކަމަކަށް ރައީސް ދެން ފާހަގަ ކުރެއްވީ އެރަށުގެ ސިއްހީ މަރުކަޒު ތަރައްގީ ކުރުމުގެ މަސައްކަތުގެ ވާހަކައެވެ. އެގޮތުން އެރަށު ސިއްހީ މަރުކަޒުގެ ޖާގައިގެ ދަތިކަމާއި، އެތަނުގަ މިވަގުތު ހުރި ވަސީލަތްތައް މަދު ކަމާއި، ބޭނުންވާ ވަރަށް ތަނުގައި މުވައްޒަފުން ނެތްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިކަންކަން ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ މިމައްސަލަތައް ހައްލުކުރުމުގެ މަސައްކަތް ވީ އެންމެ އަވަހަކަށް ފެށިގެން ބާރު ދުވެލީގައި ކުރިއަށްދާނެކަމުގެ ޔަގީންކަން ދެއްވިއެވެ.
ރިނބުދޫއަށް ދިމާވެފައިވާ ގޯތީގެ ދަތިކަމަށް އިޝާރާތްކުރައްވާ ރައީސް ވިދާޅުވީ މިކަމަކީ ވަރަށް ކޮމްޕްލެކްސް މައްސަލައެއް ކަމަށާއި މިކަން ހައްލުކުރުމުގެ މަސައްކަތް ފެށުމުގެ ގޮތުން ކައުންސިލާއި ބައްދަލުކުރަން މިއަދުގެ ވަގުތެއްގައި ޓެކްނިކަލް ޓީމެއްގެ އެރަށަށް އަންނާނެ ކަމަށެވެ. އަދި ރިނބުދޫއިން ތުލުސްދޫއަށް ހިޖުރަކުރި ރައްޔިތުންވެސް ހިމެނޭގޮތަށް، އެރަށުގެ ގޯތީގެ މައްސަލައަށް ހުރިހާ ރައްޔިތުންގެ ހައްގުތައް ހިމާޔަތްވާނެފަދަ ހައްލެއް ހޯދައިދެއްވާނެ ކަމަށެވެ. އަދި މިކަމުގައި ރަށުގެ އެންމެހައި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުމަށް އެމަނިކުފާނު އެދިލެއްވިއެވެ.
މީގެ އިތުރުން ރާއްޖޭގެ ހުރިހާ ރަށެއްގައި ކުރެވެމުންދާ ބައެއް މަސައްކަތްތައް ފާހަގަކުރައްވާ އެމަނިކުފާނުވަނީ އެހެން ރަށްތަކާ އެއްފަދައިން ރިނބުދޫގަވެސް ފިޓްނަސް ރިކްރިއޭޝަން ސެންޓަރެއް، ނުވަތަ ޒުވާނުންގެ މަރުކަޒެއް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށް އޮތް ދެ އަހަރުދުވަހުގެ ތެރޭގައި ކުރިއަށްދާނެ ކަމަށެވެ. އަދި ހުރިހާ އަތޮޅުތައް އާރްޓީއެލް ފެރީގެ ނިޒާމުން ގުޅާލުމުގެ މަސައްކަތުގެ ތެރެއިން އެރަށުގައިވެސް މިއަހަރު މިކަމުގެ އަމަލީ މަސައްކަތް ކުރިއަށްދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނުގެ ހުރިހާވެސް އަމާޒަކީ ނަތީޖާ ނެރެދިނުން ކަމަށާއި މިސަރުކާރަކީ ނަތީޖާ ނެރުމުގެ ސަރުކާރު ކަމަށް ރައީސް ޑރ މުޢިއްޒު ވިދާޅުވިއެވެ.
"އަޅުގަނޑުގެ ހުރިހާ އަމާޒެއްވެސް ހުރީ ނަތީޖާ ނެރެދިނުމަށް. ރައްޔިތުން އެދޭ އަމާޒަށް ކަންކަން ކޮށްދީ ނަތީޖާ ނެރުމަށް. މިސަރުކާރަކި ނަތީޖާ ނެރުމުގެ ސަރުކާރު." އެމަނިކުފާނު ވިދާޅުވިއެވެ.