ENGLISH
10 ޖުލައި 2025
ރިނބުދޫގައި އޭޓީއެމްގެ ޚިދުމަތް ރައީސް ފައްޓަވައިދެއްވައިފި
25 ފެބްރުއަރީ 2025
|
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރިނބުދޫ އޭޓީއެމްގެ ޚިދުމަތް ފައްޓަވައިދެއްވަނީ / ފޮޓޯ: ރައީސް އޮފީސް
ދ. ރިނބުދޫގައި އޭޓީއެމްގެ ޚިދުމަތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފައްޓަވައިދެއްވައިފިއެވެ.
މި ޚިދުމަތް އިފްތިތާހުކޮށްދެއްވީ ރައީސް ޑރ. މުޢިއްޒު ދ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުންގެންދަވާ ތިން ދުވަހުގެ ދަތުރުފުޅުގައި މިއަދު ރިނބުދޫއަށް ވަޑައިގެންނެވެ.
އޭޓީއެމްގެ ޚިދުމަތް އިފްތިތާހުކޮށްދެއްވުމަށްފަހު ރައީސް ޑރ. މުޢިއްޒު ވަނީ އޭޓީއެމުން ފައިސާ ނަންގަވައިދެއްވުމަށްފަހު އެކަމަށްޓަކައި ބޭނުންކުރެއްވި ކާޑު އެރަށު ކައުންސިލްގެ ރައީސް، އަޙްމަދު އިޤްބާލްއާ ހަވާލުކުރައްވާފައެވެ.
ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މި އަހަރުގެ ތެރޭގައި އޭޓީއެމްގެ ޚިދުމަތް ޤާއިމްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ. އޭޓީއެމް ޤާއިމުކުރެއްވުމުގެ މަސައްކަތް ފެށިފައިވާއިރު، ދ. ކުޑަހުވަދޫގައި މިއަހަރު ނިމުމުގެ ކުރިން ޑޮލަރު އޭޓީއެމްއެއް ޤާއިމް ކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.
އޭޓީއެމް ޤާއިމްކުރުމުގެ އިތުރުން ގިނަ މަޝްރޫޢުތަކެއް ރިނބިދޫގައި ފައްޓަވައިދެއްވާނެކަމުގެ ޔަޤީންކަން ރައީސް ޑރ. މުޢިއްޒު ވަނީ ދެއްވާފައެވެ. އެގޮތުން ބައެއް ވަޢުދުފުޅުތަކުގެ ތެރޭގައި ދެމަސް ދުވަސް ތެރޭގައި އިދާރީ މަސައްކަތް ނިންމުމަށްފަހު 6 ކްލާސްރޫމްގެ ސްކޫލެއް އެޅުމުގެ މަސައްކަތް ފެށުމާއި، 500 މީހުންގެ ޖާގައިގެ މިސްކިތެއް އެޅުމާއި، ޞިއްޙީ މަރުކަޒުގެ ޖާގަ ބޮޑުކޮށް، ވަސީލަތްތައް ތަރައްގީކޮށް މުވައްޒަފުން އިތުރުކުރުމުގެ، އިތުރުން ޒުވާނުންގެ މަރުކަޒެއް 2 އަހަރުތެރޭގައި އެޅުން ހިމެނެއެވެ.
ހަމައެހެންމެ މިއަދު ވަނީ ރިނބުދޫގައި އަލަށް ޤާއިމްކުރާ ކައުންސިލް އިދާރާގެ ބިންގާ ވެސް އަޅުއްވައިދެއްވާފައެވެ. މި އޮފީސް އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު ޢާދަމް ޝަރީފް ޢުމަރުއެވެ.