ENGLISH
10 ޖުލައި 2025
އިންސާނީ ހައްގުތައް ހިމާޔަތްކުރުމުގައި ރާއްޖެ ސާބިތުކަމާއެކު ދެމިއޮންނާނެ: ޑރ.ޚަލީލު
25 ފެބްރުއަރީ 2025
|
އިންސާނީ ހައްޤުތައް ކުރިއަރުވައި ހިމާޔަތްކުރުމުގެ މަސައްކަތުގައި ސާބިތުކަމާއެކު ދިވެހިރާއްޖެއިން ކުރިއަށްދާނެކަމުގެ ޔަޤީންކަން ފޮރިން މިނިސްޓަރު އަބްދުﷲ ޚަލީލް ދެއްވައިފިއެވެ.
ސްވިޓްޒަލެންޑްގެ ޖެނީވާގައި މިހާރު ކުރިއަށްދާ އިންސާނީ ޙައްޤުތަކާ ބެހޭ މަޖިލީހުގެ 58 ވަނަ ސެޝަންގެ ހައިލެވެލް ސެގްމަންޓްގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. އަބްދުﷲ ޚަލީލް ތަޤުރީރުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ރާއްޖެއިން އެއްބަސްވެފައިވާ ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކާ ބެހޭ މުޢާހަދާތަކާއި އެންމެހައި ރައްޔިތުންގެ އިންސާނީ ޙައްޤުތައް ހިމާޔަތްކުރުމުގައި މި ސަރުކާރުން މަސައްކަތްކުރާނެކަމަށެވެ.
އަދި އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުގެ މެންބަރު ޤައުމެއްގެ ހައިސިއްޔަތުން ރާއްޖެއިން ކޮށްފައިވާ މަސައްކަތްތަކަށް ވަޒީރު ވަނީ އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކާއި ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތައް ކައުންސިލުގެ މަސައްކަތުގައި ބައިވެރިވުމަށް މަގުފަހިކުރުމަށްޓަކައި ވޮލަންޓްރީ ޓްރަސްޓް ފަންޑެއް ޤާއިމުކުރުމާއި ސާފުތާހިރު، ދުޅަހެޔޮ، ދެމެހެއްޓެނިވި ތިމާވެށްޓަކީ އިންސާނީ ޙައްޤެއްކަން ދުނިޔޭގެ ފެންވަރުގައި ބަލައިގަތުމުގައި ރާއްޖެއިން އަދާކޮށްފައިވާ އިސްދައުރު އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، އިންސާނީ ޙައްޤުތައް ކުރިއެރުވުމަށާއި ޙިމާޔަތްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އަދި، މިންތީގެ ހަމަހަމަކަމާއި އެކަށީގެންވާ ބޯހިޔާވަހިކަމާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް މުޖުތަމައުގައި ބައިވެރިކުރުން އިތުރުކުރުމާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ތިމާވެއްޓާއި އެވެށީގައި ދިރިއުޅޭ ފަރާތްތަކަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުން ފަދަ އިޖުތިމާއީ ކަންކަމަށް ސަރުކާރުން ދޭ އަހަންމިއްޔަތާމެދު އެމަނިކުފާނު ވާހަކަފުޅު ދެއްކެވިއެވެ.
އަދި ފަލަޞްޠީނުގެ ރައްޔިތުންނަށް އިސްރާއީލުން ދީފައިވާ ލާއިންސާނީ ޙަމަލާތަކުގެ ސަބަބުން އެތައް ބައެއްގެ ފުރާނަ ގެއްލިފައިވާތީއާއި ގިނަގުނަ ގެއްލުން ފަލަސްޠީނު ރައްޔިތުންނަށް ލިބިފައިވާތީ އެކަމުގެ ކަންބޮޑުވުން ޑރ.ޚަލީލު ފާޅުކުރެއްވިއެވެ.
އިންސާނީ ޙައްޤުތަކާ ބެހޭ މަޖިލީހުގެ 58 ވަނަ ސެޝަން ކުރިއަށް ދަނީ 24 ފެބްރުއަރީ އިން 4 އޭޕްރީލް 2025 އަށް ސްވިޓްޒަލޭންޑްގެ ޖެނީވާގައެވެ. ދިވެހިރާއްޖެއަކީ 2023-2025 ހިއުމަން ރައިޓްސް ކައުންސިލްގެ މެންބަރެކެވެ. މިއީ އެ ކައުންސިލްގެ މެންބަރުންކަން ރާއްޖެއިން އަދާކުރާ ތިންވަނަ ފަހަރެވެ.