ENGLISH
10 ޖުލައި 2025
ނުފޫޒު ފޯރުވާނަމަ، ކުރީ ސަރުކާރުގެ ވެރިން ތިބޭނީ ޖަލުގައި: މިނިސްޓަރ
25 ފެބްރުއަރީ 2025
|
މިނިސްޓަރ އިހުސާން މިއަދުގެެ މަޖިލީސް ޖަލްސާގައި (ފޮޓޯ/ ރައްޔިތުންގެ މަޖިލީސް)
ދިވެހި ފުލުހުންގެ ޚިދުމަތުން ހިންގާ ތަހުގީގުތަކަށް ނުފޫޒު ފޯރުވާނަމަ، ކުރީގެ އެމްޑީޕީ ސަރުކާރުގެ ވެރިން ތިއްބަވާނީ ޖަލުގައި ކަމަށް މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ ޢަލީ އިޙުސާން ވިދާޅުވެއްޖެ އެވެ.
އިދިކޮޅު އެމްޑީޕީގެ ފަރާތުން ހުށަހަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލައަށް ޖަވާބުދާރީވެވަޑައިގެންނެވުމަށް މަޖިލީހަށް ވަޑައިގެން މިނިސްޓަރ ވަނީ، އެ މައްސަލައިގައި އިދިކޮޅުން ކޮށްފައިވާ ތުހުމަތުތަކަށް ވަކިވަކިން ރައްދުދެއްވާފަ އެވެ.
ފުލުހުން ހިންގާ ތަހުގީގަށް ސިޔާސީ ނުފޫޒު ފޯރުވާ ކަމަށާއި ސަރުކާރަށް ނިސްބަތްވާ ފަރާތްތަކުން ހިންގާ ޖިނާއީ ކުށުގެ އަމަލުތައް ތަހުގީގުކުރަން މިނިސްޓަރު ހުރަސްއަޅާ ކަމަށް އިދިކޮޅުން ކުރި ތުހުމަތަށް ރައްދު ދެއްވަމުން މިނިސްޓަރ ވިދާޅުވީ އެއީ " ކަނޑައެޅިގެން ތާކުން ތާކު ޖެހޭ ވާހަކައެއް ނޫން" ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ އޭނާ ފުލުހުންގެ ތަހުގީގުތަކަށް ނުފޫޒު ފޯރުއްވާނަމަ، ކުރީ ސަރުކާރުގެ ވެރިން ތިބޭނީ ޖަލުގައި ކަމަށެވެ.
" އަޅުގަނޑު ސިޔާސީ ނުފޫޒު ފުލުހުންގެ ތެރެއަށް ފޯރުވާނަމަ މިދިޔަ ސަރުކާރުގެ ހުރިހާ ވެރިން މިހާރު ތިބޭނީ ޖަލުގައި. އަޅުގަނޑު ސިޔާސީ ނުފޫޒު ނުފޯރުވާތީ އެބޭބޭފުޅުން މިހާރު ވެސް މިނިވަންކަމާ އެކު އެ ތިބީ" މިނިސްޓަރ ވިދާޅުވި އެވެ.
ކުރީ ސަރުކާރަށް ތުހުމަތުވާ ގިނަ މައްސަލަތަކެއްގެ ތަހުގީގު ފުލުހުން މިހާރުވެސް ކުރަމުންދާކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ އެ މަސައްކަތް ކުރާނީ ފުލުހުންގެ ޚިދުމަތަށް ލިބޭ ގާނޫނީ ބާރުވެރިކަން ބޭނުންކޮށްގެން، އެއްވެސް ސިޔާސީ ނުފޫޒަކާ ނުލާ ކަމަށެވެ.
"ބައްލަވާ ކަރެކްޝަންސްގެ މައްސަލައާއި ކަސްޓަމްސްގެ މައްސަލައާއި އިމިގްރޭޝަންގެ މައްސަލައާއި ފިއުލް ސަޕްލައިސްގެ މައްސަލައާޢި އެޗްޑީސީގެ މައްސަލައާއި ހައުސިން މިނިސްޓްރީގެ ތަހުގީގުތައް ފުލުހުން އެބަ ހިންގައޭ" މިނިސްޓަރ ވިދާޅުވި އެވެ.
މިހާރުވެސް ދައުލަތުގެ އިދާރާތަކާ ގުޅިގެން ބަލަމުންދާ މައްސަލަތައް ފާހަގަކުރައްވާ އިހުސާން ވިދާޅުވީ، އޭގެތެރެއިން ގިނަ މައްސަލަތަކަކީ ސަރުކާރު މުއައްސަސާތަކާ ގުޅުންހުރި މައްސަލަތަކަކަށްވާއިރު އޭނާގެ ނުފޫޒު އޮތް ނަމަ، އެއިން އެއްވެސް ކަމެއް ކުރިއަށްނުދާނެ ކަމަށެވެ.