ENGLISH

10 ޖުލައި 2025

Advertisement

މިނިސްޓަރު އިހުސާންގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެއްދީ ސިޔާސީ ބޭނުމެއްގައި: ޕީއެންސީ މެންބަރުން

25 ފެބްރުއަރީ 2025

|

ޝާމަ ޝުޢައިބު

ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު - ފޮޓޯ: މަޖިލިސް

ހޯމް މިނިސްޓަރު އަލީ އިހުސާންގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ ސިޔާސީ ބޭނުމެއްގައި، ސިޔާސީ މަންފާއެއް ހާސިލުކުރުމަށް ކަމުގައި، ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީ މެންބަރުން ވިދާޅުވެއްޖެއެވެ. 

މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން މަތިވެރި ދާއިރާގެ މެންބަރު ހަަސަން ޒަރީރު ވިދާޅުވީ މިނިސްޓަރުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދައި، އެ މައްސަލަ ހުށަހެޅުމުން މިނިސްޓަރު ހާޒިރުވެވަޑައިގެން ވަރަށް ރަނގަޅަށް ސުވާލުތަކުގެ ޖަވާބު ދެއްވި ކަމަށެވެ. 

ޒަރީރު ވިދާޅުވީ މިގައުމުގައި އޮތް އެންމެ ބޮޑު އެއް މައްސަލައަކީ ނުގަވާއިދުން އުޅޭ ބިދޭސީންގެ މައްސަލަ ކަމަށެވެ. އަދި މި މައްސަލަ ހައްލު ކުރަން ވަރަށް ގިނަ ސަރުކާރުތަކުން މަސައްކަތް ކުރެއްވި ކަމަށާ ނިމިދިއަ އެމްޑީޕީގެ ވެރިކަމުގައި ހުންނެވި މިނިސްޓަރު ވެސް ވަކި މުއްދަތެއް ދެއްވައި އެ މައްސަލަ އެ މުއްދަތުގައި ހައްލު ނުވެއްޖެނަމަ މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް ވިދާޅުވި ކަމަށެވެ. ނަމަވެސް އެ މުއްދަތު ފަހަނައަޅައި ގޮސް، ދައުރު ނިމުނު އިރުވެސް މައްސަލަ ހައްލުވެފައި ނުވާއިރު، އެ މިނިސްޓަރު މަގާމުގައި ދެމިހުންނެވި ކަމަށެވެ. 

"އަޅުގަނޑު ދުށިން އަޅުގަނޑު އަޑުއެހިން ވަރަށް ބާރުލާފަ، މޭޒުމަތީ އަތް ޖަހާފަ، މިވަނި ދުވަހަކު މިވަނި ގަޑިއަކަށް އެ މައްސަލަ ހައްލު ނުވެއްޖެނަމަ މިދިޔަ ސަރުކާރުގެ ވަޒީރު މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް. ތަކުރާރުކޮށް ވިދާޅުވި. އެދުވަސް ފާއިތުވި އޭގެ ފަހުން އެތައް އަހަރެއް ވެސް ފާއިތުވެގެން ދިއަ. އެ ވެރިކަން ނިމުނު އިރުވެސް އެބޭފުޅާ ހުރީ ހަމަ މިނިސްޓަރު ކަމުގެ މަގާމުގައި. " - މަތިވެރި ދާއިރާގެ މެންބަރު ހަަސަން ޒަރީރު

މެންބަރު ވިދާޅުވީ މި މައްސަލަ ހައްލު ކުރުމަށްޓަކައި އަދުގެ ސަރުކާރުން ގިނަ އަދި ބުރަ މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށެވެ. އަދި އެކަމުގެ ނަތީޖާ މިއަދު ފެންނަމުންދާ ކަމަށާއި މިނިސްޓަރުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދީ އެކަން ފެނި، އެކަން ހަޖަމު ނުވެގެން ކަމަށެވެ. 

އެކި ސަރުކާރުތަކުން ގާނޫނާ ގަވާއިދުތަކަށް ބަދަލުގެނެސް މި މައްސަލަ ހައްލުކުރާނެ ކަމަށް ވައުދުވީ ނަމަވެސް މި ސަރުކާރު ވެރިކަމާ ހަވާލުވުމާ ހަމައަށް ވެސް ގިނަ ވިޔަފާރިތައް އޮތީ ބިދޭސީންގެ އަތްދަށުގައިކަން ޒަރީރު ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވެރިކަމާ ހަވާލުވެވަޑައިގެން ގެނައި ހެޔޮ ބަދަލުތަކާއެކު މިއަދު އެދެވޭ ނަތީޖާތަކެއް ފެންނަމުން ދާ ކަމަށެވެ. 

"މިއަދު އަޅުގަނޑުމެންނަށް މިދަނީ އެކަންކަން ހާސިލުވަމުން. އެތައް ހާސް ބިދޭސީންނެއް މިއަދު ރާއްޖެއިން ބޭރުކޮށްފި. އެއީ ހައްތަހާވެސް ނުގަވާއިދުން މިތަނުގައި އުޅެމުންދިއަ ބިދޭސީން. މިދިޔަ ދެތިން ހަތަރު ސަރުކާރަށް މިކަން ނުކުރެވޭ ވަރަށް މި ސަރުކާރުން މިވީ މަދު ދުވަސްކޮޅުގެ ތެރޭގައި މިވަނީ އެކަން ކޮށްފަ. މިއީ ނޫންތޯ ނަތީޖާއަކީ. " - މަތިވެރި ދާއިރާގެ މެންބަރު ހަަސަން ޒަރީރު

މެންބަރު ވިދާޅުވީ މިއަދު އިދިކޮޅު މެންބަރުންނަށް ޖެހިގެން އުޅޭ މައްސަލައަކީ އެބޭފުޅުންގެ ސަރުކާރުގެ މިނިސްޓަރުންނަށް އެކަންކަން ހާސިލު ނުވެ، އަދުގެ ސަރުކާރުގެ މިނިސްޓަރު އެކަންކަން ކުރަމުން ދާތީ އެކަން ހަޖަމުނުވުން ކަމަށެވެ. އަދި މި މައްސަލައަކީ ސިޔާސީ ބޭނުމެއްގައި ހުށަހަޅައިގެން އުޅޭ މައްސަލައެއް ކަމަށް ވެސް ޒަރީރު ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.

މެންބަރު ޒަރީރުގެ އިތުރުން ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވެސް ވިދާޅުވީ މި މައްސަލައަކީ އިދިކޮޅު އެމްޑީޕީން ސިޔާސީ މަގްސަދެއް ހާސިލުކުރުމަށް ހުށަހަޅައިގެން އުޅޭ މައްސަލައެއް ކަމަށެވެ. 

ޝުޖާއު ވިދާޅުވީ މިނިސްޓަރު އިހުސާންގެ އިތުބާރު ނެތްކަމަށް އެމްޑީޕީގެ 12 މެންބަރުން ސޮއި ކުރައްވާ މަޖިލީހަށް ހުށަހެޅި މައްސަލައިގަ ޖަވާބުދާރީވުުމުގަ ކޮންމެ ޕޮއިންޓަކަށް ވަކިވަކިން ހެއްކާއެކު މިނިސްޓަރު ޖަވާބުދާރީވަމުން ގެންދެވިއިރު މަޖިލީހުގެ ފްލޯގައި ކަންކަން ވެގެން ދިއަ ގޮތް ދިވެހި ރައްޔިތުންނަށް ފެންނާނެ ކަމަށެވެ. 

އެކަންކަން އަޑުއެހުމުގެ ގާބިލުކަން ނެތް ކަމަށާ މިނިސްޓަރު ޖަވާބުދާރީވަމުން ދަނިކޮށް މަޖިލީހުގެ ތަޅުން ދޫކޮށް އެބޭފުޅުން ދިއަ ކަމަށެވެ. 

"ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލަ މިތަނަށް ލާފަ ވަޒީރު ޖަވާބުދާރީވަމުން ދަނިކޮށް ހުރިހާ އެންމެން ފްލޯ ދޫކޮށްލާފަ ނިކުމެގެން ދިއަ މަންޒަރު މި ފެނުނީ. އެހެންވީމަ މިއީ ކޮންމެހެން ވަޒީރެއްގެ އިތުބާރު ނެތިގެން ލީ މައްސަލައެއްކަމަކަށް އަޅުގަނޑުމެންނަކަށް ގަބޫލެއް ނުކުރެވޭ. " - ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު

މިއީ ކަނޑައެޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ދިވެހިރާއްޖޭގަ ބިދޭސީން ކުރަމުންދިއަ ވަގު ވިޔަފާރި ހުއްޓުމަކަށް ގެނަސް މިކަން ހައްލު ކުރުމަށްޓަކައި ހަރުދަނާ ސިޔާސަތުތަކަކާއެކު ކަންކަން ތަންފީޒުކުރަމުން ގެންދާތީ ހަޖަމު ނުވެގެން މިތަނަށް ލެވުނު މައްސަލައެއްކަމަށް ގަބޫލު ކުރައްވާ ކަމަށް ޝުޖާއުވެސް ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ. އަދި ވިދާޅުވީ މިއީ ކަނޑައެޅިގެން ސިޔާސީ މައްސަލައެއް ކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު