ENGLISH

10 ޖުލައި 2025

Advertisement

ބެސްޓިނެޓް މައްސަލަ: ކުރީ ސަރުކާރުގެ ވެރިންގެ މައްސަލަ އޭސީސީއަށް

25 ފެބްރުއަރީ 2025

|

އުމްނާ އިސްމާޢީލް

މިނިސްޓަރ އިހުސާން މީގެކުރިން ބޭއްވި މަޖިލީހުގެ ޖަލްސާއެއްގައި (ފޮޓޯ/ ރައްޔިތުންގެ މަޖިލީސް)

ރާއްޖޭގައި އެކްސްޕެޓް ސިސްޓަމެއް ގާއިމުކުރުމަށް މެލޭޝިއާގެ ބެސްޓިނެޓް ކުންފުންޏާ އެކު ދިވެެހި ސަރުކާރުން ހެދި އެއްބަސްވުމާ ޚިލާފުވެ، ދައުލަތަށް އެނގި ހުރެ ގެއްލުން ދިން މައްސަލައިގައި ކުރީ ސަރުކާރުގެ ވެރިންގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅުއްވާނެ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

 އިދިކޮޅު އެމްޑީޕީގެ ފަރާތުން މިނިސްޓަރު އިހުސާންގެ މައްޗަށް ހުށަހަޅާފައިވާ އިތުބާރު ނެތް ކަމުގެ މައްސަަލައަށް ޖަވާބުދާރީވެވަޑައިގެންނެވުމަށް ރައްޔިތުންގެ މަޖިލީހަށް ވަޑައިގެން އޭނާ ވަނީ، އިދިކޮޅުގެ ކޮންމެ ތުހުމަތަކަށް ވަކި ވަކިން ރައްދުދެއްވާފަ އެވެ. ބެސްޓިނެޓް ކުންފުންޏާ އެކު އަލުން މި ސަރުކާރުން އެއްބަސްވުމަކަށް އައީ، ދައުލަތަށް ގެއްލުންލިބޭ ގޮތަށް ކަމަށް އިތުބާރު ނެތް ކަމުގެ މައްސަލައިގައި އިދިކޮޅުން ފާހަގަކޮށްފައިވެ އެވެ.

މި ތުހުމަތަށް ރައްދުދެއްވަމުން ވަޒީރު ވިދާާޅުވީ، އެ މައްސަލައިގައި ދައުލަތަށް އެނގިތިބެ ގެއްލުން ދީފައިވަނީ އެ ސަރުކާރުން ކަމަށެވެ.

އެކްސްޕެޓް ސިސްޓަމެއް ޑިވެލޮޕްކުރުމަށްޓަކައި އެންމެ ފުރަތަމަ ބެސްޓިނެޓާ އެކު އެއްބަސްވުމެއްގައި ސޮއިކުރެވުނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި 2016 ވަނަ އަހަރެވެ. ބަންގްލަދޭޝުން ބިދޭސީން ގެނައުން މަޑުޖައްސާލުމަށް ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން 2019 ވަނަ އަހަރު ނިންމުމާ އެކު އެ އެއްބަސްވުމަށް އަމަލުކުރުން އޮތީ ހުއްޓިފަ އެވެ.  .

އެ އެއްބަސްވުމަށް އަމަލުކުރުން ހުއްޓާލުމަށް ސަރުކާރުން ނިންމީ، އެ ކުންފުންޏާ އެކު އެއްވެސް މަޝްވަރާއެއް ނުކޮށެވެ. އެހެންވެ، ދެން އަމަލުކުރަންޖެހޭ ގޮތެއް ހޯދަން އެ ކުންފުނިން ވަކީލުން މެދުވެރިކޮށް ލިޔެކިޔުންތައް ބަދަލުކޮށްފައިވެ އެވެ. މި މައްސަލައިގައި ލިޔެކިޔުންތައް ބަދަލުކޮށްފައިވާ ގޮތް ވަޒީރު ވަނީ، އެ ސިޓީތަކާއެކު މަަޖިލީހަށް ތަފްސީލްކޮށްދެއްވާފަ އެވެ. އެގޮތުން:

  • 26 ސެޕްޓެމްބަރު 2019- އެއްބަސްވުމާ އެއްގޮތަށް އަމަލުކުރުމަށް އެދި އެ ކުންފުނީގެ ފަރާތުން އިމިގްރޭޝަނަށް ސިޓީ ފޮނުވި؛ ސަރުކާރުން އެ ސިޓީއަށް ޖަވާބެއްް ނުދޭ
  • 11 ޑިސެމްބަރު 2019- ބެސްޓިނެޓް އެއްބަސްވުމުގައި އަމަލުކުރަމުންދާ ގޮތުން ގާނޫނީ މައްސަލަތަކެއް ނުކުމެދާނެ ކަމަށާއި ދައުލަތަށް މާލީ ބުރައެއް އުފުލަންޖެހިދާނެތީ އޭރުގެ އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު އަހުމަދު ހުސެއިންގެ ފަރާތުން އޭރުގެ އެޓާނީ ޖެނެރަލް އިބްރާހީމް ރިއްފަތުގެ ލަފާއަކަށް އެދުނު
  • 23 ޑިސެމްބަރު 2019- މި އެއްބަސްވުމާ ގުޅިގެން ދައުލަތުގެ ހުރިހާ އިދާރާތަކުގެ މެދުގައި ބަދަލުކޮށްފައިވާ ލިޔެކިޔުންތައް އިކޮނޮމިކް މިނިސްޓްރީއަށް ފޮނުވި
  • 29 ޑިސެމްބަރު 2019- އިކޮނޮމިކް މިނިސްޓްރީއާއި އިމިގްރޭޝަނުން މަޝްވަރާކޮށް އެ އެއްބަސްވުމާ އެކު ކުރިއަށްދިއުމާ މެދު ގޮތެއް ނިންމުމަށް އޭޖީން ލަފާދިން
  • 10 އޮގަސްޓް 2020: "ކްލެއިމް ފޯ ޕޭމެންޓް" ގެ ނަމުގައި އެ ކުންފުނީގެ ފަރާތުން އިމިގްރޭޝަނަށް ސިޓީ ފޮނުވި
  •  1 ނޮވެމްބަރު 2020- އެ އެއްބަސްވުމާ ގުޅިގެން އަމަލުކުރަންވީ ގޮތާ މެދު އޭޖީން ލަފާ ދީފައިނުވާ ކަމަށް ބުނެ އިމިގްރޭޝަނުން އޭރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ސިޓީއެއް ފޮނުވި; ޖަވާބެއް ނުދޭ
  • 21 މާޗް 2022- ބަދަލު ހޯދަން އެދި އެ ކުންފުނިން ސަރުކާރަށް 'ޑިމާންޑް ލެޓާ' ފޮނުވި
  • 6 ޖުލައި 2022- ސަރުކާރުގެ ފަރާތުން ޖަވާބެއް ނުލިބުމުން 7 ދުވަހުގެ ޓާމިނޭޝަން ނޯޓިސްއެއް ސަރުކާރަށް އެ ކުންފުނީގެ ފަރާތުން ފޮނުވި؛ މި ސިޓީވެސް އޭޖީއަށް ފޮނުވާފައިވޭ
  • 25 އޮގަސްޓް 2022- އެއްބަސްވުން ބާތިލުކޮށްފައިވާ ކަމަށާއި 'މާބޮޑު ޖަވާބެއް ދެއްވާނެ ކަމެއް ނެތް ކަމަށް' ބުނެ އޭޖީން އެ ސިޓީއަށް ޖަވާބުދިން
  • 24 މާޗް 2023- އެ ކުންފުނިން އިންވެސްޓް ކުރި ފައިސާ ހޯދަން އަނެއްކާވެސް ސަރުކާރަށް ސިޓީ ފޮނުވި
  • 19 އޭޕްރިލް 2023- އޭޖީން ލަފާ ދިނީ އެ މައްސަލަ ސެޓްލްމެންޓް ކޮމިޓީއަށް ފޮނުވައިގެން ބަދަލު ދިނުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް

ސަރުކާރުން ބެސްޓިނެޓާއެކު ވެފައިވާ އެއްބަސްވުމަށް އަމަލުކުރުން ހުއްޓާލުމާ ގުޅިގެން އެ ކުންފުނީގެ ފަރާތުން ދައުލަތަށް ދެ ގޮތެއް ހުށަހެޅި އެވެ. ފުރަތަމަ ހުށަހެޅުމަކީ އެ ކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލު ދިނުމެވެ. ނުވަތަ މިހާރު ބޭނުންކުރާ އެކްސްޕެޓް ސިސްޓަމަށް ވުރެ މާ ހަރުދަނާ ސިސްޓަމެއް ގާއިމުކުރުމަށް އެ ކުންފުންޏަށް އަލުން ހަވާލުކުރުމެވެ. .

އެ ކުންފުންޏަށް ބަދަލު ދެވެން ނެތުމުން ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވެރިކަމާ ހަވާލުވެ ނިންމެވީ، އާ ސިސްޓަމެއް ޑިވެލޮޕްކުރަން އެ ކުންފުންޏާ އަލުން ހަވާލުކުރުމަށެވެ.

މިނިސްޓަރ ވިދާޅުވީ، މިހާރު ހުރި ސިސްޓަމުން އެވްރެޖްކޮށް އަހަރަކު 770 މިލިއަން ރުފިޔާ ވަންނައިރު، އާ ސިސްޓަމާއެކު އެ އަދަދު 1.3 ބިލިއަނަށް އިތުރުވެގެންދާނެ ކަމަށެވެ. އިހުސާން ވިދާޅުވީ ކުރީ ސަރުކާރަށް އެ ފައިސާ ވެސް ހޯދިފައިނުވާ ކަމަށެވެ.

" މި ލާރިވެސް ނުހޯދެއޭ އަނެއްކާ. އަޅުގަނޑުމެން ސަރުކާރާ ހަވާލުވިިއިރު 1.6 ބިލިއަން ރުފިޔާ ކަލެކްޓްނުކޮށޭ އޮތީ. އޭގެތެރެއިން މިހާރު ލާރި ކަލެކްޓްކޮށް، 830 މިލިއަނަށް ވާނީ ތިރިކުރުވާފަ. އެހެންވީމާ މިއީ ބަރާބަރު އާ ސިސްޓަމަކަށް ގޮސްގެން 700 މިލިއަނުން 1.3 ބިލިއަން ރުފިޔާއަށް ދައުލަތުގެ އާމްދަނީ އަހަރަކު އަރުވާލެވޭތީ އަޅުގަނޑުމެން މި ސިސްޓަމާ ދިމާލަށް ދާން ނިންމީ." މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރ ވިދާޅުވީ، އެ މައްސަލައިގައި ކުރީ ސަރުކާރުން އަމަލުކޮށްފައިވާ ގޮތުން ދައުލަތަށް ގެއްލުން ލިބިފައިވާތީ އެ ސަރުކާރުގެ ވެރިންގެ މައްޗަށް ޖިނާއީ ތަހުގީގެއް ކޮށްދިނުމަށް އޭސީސީއަށް މައްސަލަ ހުށަހަޅުއްވާނެ ކަމަށެވެ.  

" އަޅުގަނޑު މިއަދު މި ޖަލްސާ ނިންމާފަ ގޮއްސަ މި ދެންނެވި ހުރިހާ ސިޓީތަކަށް އިހުމާލުވެ މިދިޔަ ފަސް އަހަރު ތެރޭ މި މައްސަލައަށް ހައްލެއް ނުހޯދާ ދައުލަތަށް ފައިދާވާން އޮތް މައްސަލައިގައި ގެއްލުންދީފައިވާތީ 517 ވަނަ މާއްދާގައި އިއްޒަތްތެރި މެމްބަރުން ވިދާޅުވި ހެން އޭގެ ދަށުން ކުރީ ސަރުކާރުގެ ހުރިހާ ވެރިންގެ މައްޗަށް މިކަން އެނގިތިބި ހުރިހާ ވެރިންގެ މައްޗަށް ޖިނާއީ ތަހުގީގެއް ކޮށްދިނުމަށް އެދި އޭސީސީއަށް ހުށަހަޅާނަން." މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރ ފާހަގަކުރެއްވި ގޮތަށް މުވައްޒަފަކު، އޭނާގެ ރަސްމީ ވާޖިބު އަދާކުރުމުގައި އެނގިހުރެ އަދި އެކަށީގެންވާ ސަބަބެއް ނެތި، ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި ފައިދާ ނުލިބޭ ގޮތަކަށް އަމަލުކުރުމާއި ލިބެން އޮތް ފައިދާއަކަށް އުނިކަމެއް ލިބޭ ގޮތަށް އަމަލުކުރުމަކީ ގާނޫނުލްއުގޫބާތުގެ 517 ވަނަ މާއްދާގެ ދަށުން ކުށެކެވެ.

ކިޔުންތެރިންގެ ހިޔާލު