ENGLISH
12 ސެޕްޓެމްބަރު 2025
އައު ޤާނޫނުއަސާސީއަށް އަމަލުކުރަން ފެށިފަހުން އިހުސާނަށްވުރެ ޤާބިލު ދާޚިލީ ވަޒީރެއް ނުދެކެން: ނާޒިމް
25 ފެބްރުއަރީ 2025
|
ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އަޙްމަދު ނާޒިމު، ފޮޓޯ: މަޖިލިސް
މިހާރު އަމަލުކުރަމުންދާ ޤާނޫނުއަސާސީއަށް އަމަލުކުރަން ފެށިފަހުން ރާއްޖޭގެ ދާޚިލީ ވަޒީރުކަން ކުރައްވާ އެންމެ ޤާބިލު ބޭފުޅަކީ މިހާރުގެ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙުސާނުކަމަށް މަޖިލީހުގެ ނައިބުރައީސް އަޙްމަދު ނާޒިމު ވިދާޅުވެއްޖެއެވެ.
ނާޒިމު މިފަދައިން ވިދާޅުވީ އިޙުސާނުގެ އިތުބާރުނެތްކަމަށް ބުނެ އިދިކޮޅު އެމްޑީޕީގެ 12 މަޖިލިސް މެންބަރުން ސޮއިކުރައްވައި މަޖިލީހަށް ހުށަހަޅުއްވާފަައިވާ މައްސަލައިގެ ބަހުސްގައި މިއަދު މަޖިލީހުގެ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.
އެ މައްސަލައިގެ ބަހުސްގައި ނާޒިމު ވިދާޅުވީ އިޙުސާނާ ދެކޮޅަށް އެމްޑީޕީން ހުށަހަޅާފައިވާ މައްސަލާގައި ޤާނޫނުއަސާސީގެ 132 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ އެއްވެސް ކަމެއް އިޙުސާނުގެ މައްޗަށް ސާބިތުވާނެ ފަދަ އެއްވެސް ވާހަކައެއް އިދިކޮޅުން ހުށަހަޅާފައިވާ މައްސަލާގައި ނެތް ކަމަށެވެ. އަދި ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުން ރަސްމީ ހައިސިއްޔަތުން ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރެއްވި ޒިންމާއެއް އަދާކުރެއްވުމުގައި އިޙުސާން އިހުމާލުވެވަޑައިގެންނެވިކަން ސާބިތުވާނެ ކަމެއްވެސް އިދިކޮޅުން ހުށަހެޅި މައްސަލާގައި ނެތްކަން ނާޒިމު ފާހަގަކުރެއްވިއެވެ.
އަދި މިއަދު މަޖިލީހުގައި މި މައްސަލައަށް ޖަވާބުދާރީވެވަޑައިގަންނަވަމުން ފާއިތުވި 15 ވަރަކަށް މަސްދުވަހުގެ ތެރޭގައި އިޙުސާނުގެ ވުޒާރާގެ ބެލުމުގެ ދަށުގައި ހިމެނޭ މުއައްސަސާތަކުން ކުރެވުނު މަސައްކަތްތަކާއި ހާސިލުކުރެއްވުނު ކަންކަމާއި ކުރިއަށް އޮތް ދުވަސްތަކުގައި އޭނާގެ ވުޒާރާގެ މަސައްކަތުގެ ދާއިރާގެ ތެރެއިން އިތުރަށް ކުރައްވަން ހުރި ކަަންކަން ބަޔާންކޮށްދެއްވިކަން ފާހަގަކުރައްވަމުން ނާޒިމު ވިދާޅުވީ އާ ޤާނޫނުއަސާސީއަށް އަމަލުކުރަން ފެށިފަހުން އިހުސާނަށްވުރެ ވަކި ޤާބިލު އަދި އިތުބާރުކުރެވޭ ބޭފުޅަކު ވަޒީރުކަން ކުރައްވާފައިނުވާ ކަމަށެވެ.
"އަޅުގަނޑުމެންގެ ރާއްޖޭގެ އައު ޤާނޫނުއަސާސީ އައި ފަހުން، އަޅުގަނޑުމެންނާ މިބައްދަލުކުރި ހޯމް މިނިސްޓަރުންގެ ތެރޭގައި ޢަލީ އިޙުސާނަށްވުރެ ވަކި އިތުބާރުހުރި އަދި ޤާބިލު ބޭފުޅަކު ފެނިފައި ނެތޭ. މިއީ ދެބަސްނުވެވޭނެ ޙަޤީޤަތެއް،" ނާޒިމު ވިދާޅުވިއެވެ.
ނާޒިމު އިތުރަށް ފާހަގަކުރެއްވީ މަޖިލީހުގެ ކޮމިޓީތަކުގެ މަސައްކަތް ފެށުނުފަހުން އިޙުސާނާއެކު ކުރެއްވުނު މަސައްކަތްޕުޅުން އޭނާއަކީ ޤައުމު ދެކެ ލޯބިވާ ތެދުވެރި ދަރިއެއްކަން އެނގިވަޑައިގެންފައިވާ ކަމަށެވެ. އެގޮތުން މަޖިލީހުގެ ކޮމިޓީތަކުން ކުރަމުންދާ އެކި މަސައްކަތްތަކުގައި ދާޚިލީ ސަލާމަތާ ބެހޭ ވުޒާރާއިން ލިބޭ އެއްބާރުލުން ފާހަގަކުރެއްވުމާއެކު ނާޒިމު ވިދާޅުވީ އިޙުސާން ގެންދަވަނީ ޤައުމުގައި ރަނގަޅުކުރަން ހުރި ވަރަށް ގިނަ ކަންކަން ރަނގަޅުކުރެއްވުމުގެ މަސައްކަތް ކުރައްވަމުން ކަމަށެވެ.
މިސާލެއްގެ ގޮތުން ނާޒިމު ފާހަގަކުރެއްވީ ފުލުހުންގެ ވެލްފެއާ ކުންފުނި ޕޮލްކޯގެ އޮޑިޓެއް ހެއްދެވުމަށް އިޙުސާން އޮޑިޓާ ޖެނެރަލް އަރިހުން އެދިވަޑައިގެން، އެ އޮޑިޓު ހެދުމަށްފަހު މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް އެ ރިޕޯޓު ލިބުމާ ގުޅިގެން މިހާރު ފަށާފައިވާ ޕޮލްކޯގެ ކޮރަޕްޝަނުގެ ތަހުގީގެވެ.
ނާޒިމު އިތުރަށް ވިދާޅުވީ ކޮރަޕްޝަނާއި ފަސާދައިގެ ކަންކަން ދިވެހި މުޖުތަމަޢުގައި މޫލާފައިވާ މިންވަރަށް ބަލާއިރު އެކަންކަން ހައްލުކުރަން ލިބޭނެ ފަހު މުހުލަތަކީ މަޖިލީހުގެ މި ދައުރުކަމަށާއި، މަޖިލީހުން އެކަމުގައި ކުރާ މަސައްކަތްތަކުގައި އިޙުސާނުގެ އެއްބާރުލުން ލިބޭ ކަމަށެވެ.
ނާޒިމު އިތުރަށް ވިދާޅުވީ ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލައާއި މަސްތުވާތަކެތީގެ މައްސަލައާއި ކޮރަޕްޝަނުގެ މައްސަލަ ފަދަ މައްސަލަތައް ހައްލުކުރަން ބޭނުންވާނަމަ، އެކަންކަން ޙައްލުކުރުމުގެ ކެރުމާއި އިލްމާއި ގާބިލުކަން ހުރި ބޭފުޅަކަށް އެކަން ހަވާލުކުރަންޖެހޭ ކަމަށާއި، މިވަގުތު އެ މައްސަލަ ހައްލުކުރެއްވުމުގެ ޒިންމާއާ ހަވާލުވެވަޑައިގެން ހުންނެވީ އެފަދަ ބޭފުޅަކަށްވާއިރު، އެ ބޭފުޅާއަށް އެ މައްސަލަތައް ހައްލުކުރުމުގެ ފުރުސަތު ދޭންވާނެ ކަމަށެވެ.