ENGLISH

10 ޖުލައި 2025

Advertisement

ރައީސްގެ ހަދިޔާއެއް: އާންމު ރައްޔިތުންނަށް ދަތުރުދެވޭ ރަށެއްގެ ގޮތުގައި ދ. އުއްދޫ ހަމަޖައްސަވައިފި

24 ފެބްރުއަރީ 2025

|

އަޙުމަދު ޙަމީދު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މީދޫއަށް ވަޑައިގެންނެވުން

ނިލަންދެ އަތޮޅު ދެކުނު ބުރީގެ ރައްޔިތުންނަށް ދަތުރު ގޮސް އުޅެވޭނެ ރަށެއްގެ ގޮތުގައި، ދ. އުއްދޫ ކަނޑައަޅުއްވައި، މިރެއިން ފެށިގެން އެ ރަށް އާންމުން ދަތުރު ދިއުމަށް ހުޅުވައިލެވިފައިވާ ކަމުގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިރޭ ޢިއުލާނު ކުރައްވައިފި އެވެ.

އެމަނިކުފާނު އެގޮތަށް ޢިއުލާނު ކުރެއްވީ މީދޫއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ މިރޭ ބައްދަލުކުރައްވައި، ވާހަކަފުޅު ދައްކަވަމުންނެވެ.

ދ. އުއްދޫއަކީ މީގެ ކުރިން އަމިއްލަ ފަރާތަކުން ވިޔަފާރީގެ އުސޫލުން ބޭނުންކޮށް، އެއްބަސްވުމުގެ މުއްދަތު ހަމަވުމުން ސަރުކާރަށް އަނބުރާ ލިބިފައިވާ ރަށެކެވެ. ދ. އުއްދޫ މިހާރު ހަވާލުކުރައްވާފައި ވަނީ، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާބެހޭ ވުޒާރާއާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރަށް ބަލަހައްޓަވާނީ އެ ވުޒާރާއިން ކަމަށާއި ދ. އުއްދޫއަށް ދަތުރުގޮސް އުޅުމުގެ ކަންކަންވެސް އެ ވުޒާރާގެ ތެރެއިން ފަހިވެގެން ދާނެ ކަމުގައި އެ މަނިކުފާނު ވިދާޅުވި އެވެ. މިކަމާ ގުޅުން ހުރި ތަފްސީލުތައް، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާބެހޭ ވުޒާރާއިން، ކުރިއަށް އޮތް ދުވަސްތަކުގައި އިޢުލާން ކުރައްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުންވެސް، ދ. މީދޫގެ ރައްޔިތުންނަށް އުންމީދު އައުކޮށްދެނިވި އެތައް ކަމެއްގެ ވާހަކަފުޅު، ރައީސުލްޖުމްހޫރިއްޔާ މިރޭ ވަނީ ހިއްސާކުރައްވާފަ އެވެ. އެގޮތުން ރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމުގެ މައްސަލައަށް، މި ދައުރުގެ ތެރޭގައި އެކަށީގެންވާ ރަނގަޅު ޙައްލެއް ހޯއްދަވައިދެއްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ. އަދި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ފެރީ ނިޒާމުގެ ޚިދުމަތް، މި ހިނގާ 2025 ވަނަ އަހަރުގެ ނިޔަލަށް ލިބެން ފަށާނެ ކަމަށާ، ރަށަށް ދިމާވެފައި އޮތް ކުނި މެނޭޖުކުރުމުގެ މައްސަލައަށް ވެސް ވެމްކޯ މެދުވެރިކުރައްވައި، ވަރަށް ފުރިހަމަ ޙައްލެއް ހޯއްދަވައިދެއްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދ. މީދޫގެ ރައްޔިތުންނަށް ދެއްވާފައެވެ.

ދ. މީދޫގެ ތަރައްޤީއަށްޓަކައި ކޮންމެހެން ބޭނުންވާ މުހިންމު މަޝްރޫޢުތަކެއް ކުރިއަށް ގެންދިއުމުގެ އެއްބަސްވުންތަކުގައި ވެސް މިރޭގެ ރަސްމިއްޔާތުގައި ކަމާ ބެހޭ ފަރާތްތަކުން ވަނީ ސޮއިކުރައްވާފަ އެވެ.

މީދޫގައި ވެމްކޯގެ ވޭސްޓް މެނޭޖްމަންޓް ސެންޓަރ ތަރައްޤީ ކުރުމުގެ އެއްބަސްވުމުގައި މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް ޠާރިޤު އިބްރާހީމް އަދި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ މުޖުތަބާ ޖަލީލު ސޮއިކުރެއްވިއިރު، މީދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ އެއްބަސްވުމުގައިވެސް މިރޭގެ ރަސްމިއްޔާތުގައި ވަނީ ސޮއިކުރައްވާފައެވެ. އަދި މީދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައިވެސް މިރޭގެ ރަސްމިއްޔާތުގައި ވަނީ ސޮއިކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ މި މަޝްރޫޢުތައް ހަލުވި ދުވެލީގައި ފުރިހަމަކޮށްދެއްވާނެ ކަމުގެ ޔަޤީންކަން، ރަށުގެ ރައްޔިތުންނަށް ދެއްވާފައެވެ. އަދި ކުޅިވަރުގެ ރޮނގުންވެސް ރަށަށް ތަރައްޤީ ގެނެސްދެއްވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެ މަނިކުފާނު ވަނީ ދެއްވާފައެވެ. ހަމަ މިއާއެކު ރަށުގެ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމުގެ މައްސަލައަށް ވެސް މި އަހަރާއި ކުރިއަށް އޮތް އަހަރު ތެރޭގައި ޙައްލު ހޯއްދަވައިދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު