ENGLISH
10 ޖުލައި 2025
ބޭސް ލިބުން ދަތިވީ ބޭސް ގެންނަ ފަރާތްތަކުން އެކަމަށް ދަތިކުރުމުން: ރައީސް
24 ފެބްރުއަރީ 2025
|
ރައީސް މުއިއްޒު
މި ފަހުން ބޭސް ލިބުން ދަތިވީ ބޭސް ގެންނަ އަމިއްލަ ފަރާތްތަކުން އެކަމަށް ދަތިކުރުމުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ދ. މީދޫ ރައްޔިތުންނާއި ބައްދަލު ކުރެއްވުމަށް ބޭއްވި ބައްދަލްވުމުގަ އެވެ. މި ބައްދަލްވުމުގައި ރައީސް ވަނީ މި ފަހުން ބޭސް ލިބުން ދަތިވާ ސަބަބު ސާފުކޮށް ދެއްވާފަ އެވެ.
ރައީސް ވިދާޅުވީ އެކަން ގުޅިފައި އޮތީ ބޭހުގެ އަގު ހެޔޮ ކުރުމާ ކަމަށެވެ. އެގޮތުން އެސްޓީއޯ އިން ވިއްކާ އަގަށް ބޭސް ވިއްކަން ކަނޑައެޅުމުން ބޭސް ގެންނަ އަމިއްލަ ފަރާތްތަކުން އެކަމަށް ދަތިކުރި ކަމަށެވެ.
"ބޭހުގެ މައްސަލައަށް ފިޔަވަޅު އަޅަން ފެށީމައި… 1000 އިންސައްތަ، 2000 އިންސައްތަ ފައިދާލާފައި އާސަންދައިގެ ތެރެއިން ތިޔަބޭފުޅުންގެ ޓެކްސް ފައިސާއިން ބޭހުގެ ވިޔަފާރިކުރާ އެތައް ބަޔަކު ދިޔައީ ފައިސާ ނަގަމުން. 1000 އިންސައްތަ, 2000 އިންސައްތަ. އެއީ ބޮޑު އިސްރާފެއް. އަޅުގަނޑުމެން އެކަން ހައްލު މި ކުރީ. ޕްރައިޒް ކަޓްޑައުން ކުރީ،" ރައީސް ވިދާޅުވި އެވެ.
ރާއްޖޭގައި ބޭހުގެ ވިޔަފާރި ކުރާ ފަރާތްތަކުން ގެންދިޔައީ އެއްވެސް ހަމައެއް ލަމައެއް ނެތި ހިތުހުރި އަގެއްގައި ބޭސް ވިއްކަމުންނެވެ. އެ މައްސަލަ ހައްލު ކުރަން އެއްވެސް ސަރުކާރަކަށް ކެރިވަަޑައިނުގަތެވެ. ނަމަވެސް ރައީސް މުޢިއްޒު ވަނީ އެ މައްސަލަ ހައްލު ކުރެއްވުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވާފަ އެވެ.
އަދި ބޭސް ލިބުން ދަތިކުރުމުން ބޭސް ލިބުން ފަސޭހަ ކުރުމަށް ވެސް ވަނީ ގިނަ ފިޔަވަޅުތަކެއް އަޅުއްވަން ނިންމަވާފަ އެވެ.