ENGLISH

10 ޖުލައި 2025

Advertisement

ރޯދަ މަހު މުދާ ކްލިއާ ކުރުމުގެ އޮޕަރޭޝަން އެމްޕީއެލްއިން ވަރުގަދަކޮށްފި

24 ފެބްރުއަރީ 2025

|

ޢަލީ ޝަހީމް

މާލޭގެ އެމްޕީއެލް ސަރަޙައްދު: ރޯދަ މަހަށް އެމްޕީއެލްއިން ވަނީ ތައްޔާރުވެފައި. ފޮޓޯ: އެމްޕީއެލް

މި އަހަރުގެ ރޯދަ މަހު ވެސް އެންމެ ބޮޑު އިސްކަމެއްދޭނީ ރާއްޖެ އެތެރެކުރާ ޕެރިޝަބަލް ސާމާނު ނުވަތަ ޖެނެރަލް ކާގޯ ވީހާވެސް ފަސޭހައިން ކްލިއާ ކުރެވޭނެ ގޮތްތަކެއް ހަމަޖެއްސުމަށް ކަމަށާއި، ޚިދުމަތް ރަނގަޅަށް ދިނުމަށްޓަކައި ގިނަ ތައްޔާރީތަކެއް ވެފައިވާކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފިއެވެ. 

ރޯދަ މަހު މުދާ ކްލިއާ ކުރުމުގެ އިންތިޒާމުތަކާއި ގުޅޭގޮތުން އެމްޕީއެލްއިން މިއަދު ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައިފައެވެ. 

އެމްޕީއެލްގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، އެމްޕީއެލްގެ ހެޑް އޮފް އޮޕަރޭޝަންސް އިލްޔާސް މުޙައްމަދު ވިދާޅުވީ، މި އަހަރުގެ ރޯދަ މަހު ފުލް އޮޕަރޭޝަނުގައި މަސައްކަތްކުރާއިރު ދުވާލަކު 150 ކޮންޓެއިނަރު ކްލިއާ ކުރެވޭނެ ކަމަށެވެ. އަދި، "ހާފް ޑޭ ތަކުގައި" 100 ކޮންޓެއިނަރު ކްލިއާ ކުރުމުގެ އަމާޒެއް އޮތްކަމަށް އިލްޔާސް ވިދާޅުވެފައިވެއެވެ. 

އިލްޔާސް ވިދާޅުވީ މާލެތެރޭގައި މުދާ ބެހެއްޓުމަށްޓަކައި މިހާރު އިތުރު ޝެޑްތައް ޤާއިމުކޮށްފައިވާކަމަށެވެ. އެގޮތުން މިހާރު ހުންނަ ގޯޑައުންގައި، އަވަހަށް ހަލާކުވާ ޒާތުގެ ހުރިހާ މުދަލެއް ބަހައްޓަން އުނދަގޫވާތީ، ހުޅުމާލޭގައި ވަގުތީ ޓެންޓެއް ޤާއިމުކޮށް ޑްރައި ބަލްކް ބެހެއްޓޭނެގޮތް ހަމަޖައްސަވާފައިވާ ކަމަށް އިލްޔާސް ވިދާޅުވިއެވެ. 

ރޯދަ މަހު ޚިދުމަތް ރަނގަޅުކުރުމުގެ ގޮތުން ބޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ އަދަދު އިތުރުކޮށް، ރޯދަ މަހަށް ޚާއްޞަކޮށްގެން ރީޖަނަލް އެއާޕޯޓްތަކުގައި ހުރި އުޅަނދުތައް ދަތިނުވާނެ ގޮތަކަށް ބަލައި މާލެ ގެނައުމުގެ މަސައްކަތް ވެސް ކުރަމުން އަންނަކަމަށް އެމްޕީއެލްއިން ބުނެފައިވެއެވެ. 

އެމްޕީއެލްއިން ބުނީ ރޯދަ މަހު، ހުކުރު ދުވަސް ނޫން އެހެން ހުރިހާ ދުވަހަކު ޚިދުމަތް ދޭނެ ކަމަށެވެ. އެގޮތުން ހުކުރު ދުވަސް ނޫން ދުވަސްތަކުގައި ހެނދުނު 9:15 އިން 16:00 އަށް ޚިދުމަތްދޭއިރު ރޭގަނޑު 21:15 އިން މެންދަމު 1:30 އަށް ޚިދުމަތް ދޭގޮތަށް ވަނީ ހަމަޖެހިފައެވެ. އެ ގަޑިތަކުގައި ހުޅުމާލެ ޓާމިނަލުން ވެސް ޚިދުމަތް ދޭގޮތަށް ވަނީ ހަމަޖެހިފައެވެ. 

ނޫސްވެރިންގެ ބައްދަލުވުމުގައި އިލްޔާސް އިތުރަށް ވިދާޅުވީ، އެމްޕީއެލްއަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ޖާގައިގެ ދަތިކަން ކަމަށާއި، އެހެންނަމަވެސް އެކަމުގައި މިހާރު ކުރިއެރުން ލިބިފައިވާކަމަށެވެ. އެގޮތުން މިދިޔަ އަހަރު އެ ސަރަޙައްދުގައި 3600 ކޮންޓެއިނަރު ބަހައްޓާނެ ޖާގަ ހުރިިއިރު، މިހާރު އެ ކެޕޭސިޓީ 5100 އަށް އިތުރުކުރެވިފައިވާކަމަށް އިލްޔާސް ވިދާޅުވިއެވެ. 

ޖާގައިގެ ދަތިކަން ހައްލުކުރުމުގެ ގޮތުން، ހުސްކޮށްފައި ބަހައްޓާ ކޮންޓެއިނަރުތައް ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށް އޮތް ދެމަހެއްހާ ދުވަހު ކުރުމަށް ހަމަޖެހިފައިވާ ކަމަށް އިލްޔާސް ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު