ENGLISH
10 ޖުލައި 2025
ދ. މީދޫ ޞިއްޙީ މަރުކަޒުގެ އައު އޮފީސް އިމާރާތް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހުޅުއްވައިދެއްވައިފި
24 ފެބްރުއަރީ 2025
|
ރައީސުލްޖުމްހޫރިއްޔާ ދ. މީދޫ ޞިއްޙީ މަރުކަޒުގެ އައު އޮފީސް އިމާރާތް ހުޅުއްވައިދެއްވަނީ. ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި މިއަދު ހަވިރު ދ. މީދޫއަށް ވަޑައިގެން، އެރަށު ޞިއްހީ މަރުކަޒުގައި ޤާއިމުކުރި އައު އޮފީސް އިމާރާތް ހުޅުއްވައިދެއްވައިފިއެވެ.
ދ. އަތޮޅުގެ ހުރިހާ ރަށަކަށް ރައީސް ފެއްޓެވި ތިން ދުވަހުގެ ރަސްމީ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މީދޫއަށް ވަޑައިގެންނެވީ މިއަދު ހަވީރުއެވެ. މި ދަތުރުފުޅުގައި ރަޢީސުލްޖުމްހޫރިއްޔާގެ އަރިހުގައި، މެޑަމް ސާޖިދާ މުޙައްމަދު ވަނީ ބައިވެރިވެޑައިގެންފައެވެ.
ޞިއްޙީ މަރުކަޒަށް އިތުރުކުރި އާ އިމާރާތް ހުޅުއްވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެ އިމާރާތް ބައްލަވާލައްވާފައެވެ.
ދ. މީދޫ ޞިއްހީ މަރުކަޒަށް އިތުރުކުރި އިމާރާތުގައި އާއްމު ޞިއްޙަތުގެ ޚިދުމަތުގެ ޔުނިޓަކާއި، ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓާލުމަށް އެހީތެރިވެދޭ ކްލިނިކެއްގެ އިތުރުން ގައިންގަޔަށް ނާރާ ބަލިތަކުގެ ކްލިނިކް ވަނީ ޤާއިމުކޮށްފައެވެ.
ދ. މީދޫގައި ހުޅުވި ޞިއްޙީ މަރުކަޒުގެ އާ އޮފީސް އިމާރާތާއެކު، އިދާރީގޮތުން ކުރިން ކުރިމަތިވި ގޮންޖެހުންތަކަށް ހައްލު ލިބިގެންވަނީ ގޮސްފައެވެ.
ޞިއްޙީ މަރުކަޒުގެ އާ އިމާރާތުގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވަނީ ދ. މީދޫގައި ފުރަތަމަ ފަހަރަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އޭޓީއެމް ޚިދުމަތް ފައްޓަވައިދެއްވައިފައެވެ.
ބީއެމްއެލްއިން މީދޫގައި ބެހެއްޓި ސެލްފް ސަރވިސް އޭޓީއެމް ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވުމަށްފަހު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ، އޭޓީއެމްގެ ޚިދުމަތް އެންމެ ފުރަތަމަ ބޭނުންކުރެއްވި ކޭޝް ކާޑު މީދޫ ކައުންސިލާ ޙަވާލުކުރައްވާފައެވެ. މީދޫ ކައުންސިލްގެ ފަރާތުން އެ ކާޑާ ޙަވާލުވެވަޑައިގަތީ ކައުންސިލްގެ ރައީސް އިބްރާހީމް ނަސީމްއެވެ.
އޭޓީއެމްގެ ޚިދުމަތް ފުރަތަމަ ފަހަރަށް މީދޫއަށް ތަޢާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މޭނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، އެ ޚިދުމަތާއެކު ބީއެމްއެލްގެ ގިނަ ޚިދުމަތްތަކެއް އޮންލައިންކޮށް ދ. މީދޫން ލިބޭނެ ކަމަށެވެ. އަދި، ރާއްޖޭގެ ހުރިހާ ރަށެއްގައި ބީއެމްއެލްގެ ޚިދުމަތް ފުޅާކުރެއްވުމަށް ޑރ. މުޙައްމަދު މުޢިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަށް ތަޢުރީފްކުރައްވައި ސީއީއޯ މުޙައްމަދު ޝަރީފް ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުއަށް ޝުކުރުއަދާކުރައްވާފައެވެ.
ދ. މީދޫއަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ދަތުރުފުޅުގައި މިރޭ މީދޫގެ ރައްޔިތުންނާ ބައްދަލުކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. ރަޢީސުލްޖުމްހޫރިއްޔާ ދ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އެ އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގަންނަވާނެއެވެ.